11 ޑިސެންބަރު 2023 - 13:40 1
މުހައްމަދު ޖަމްޝަތު ވަހީދު
މަސް ދޯންޏެއް, މަސްވެރިންނަށް ފަސޭހައިން ޑޮލަރު ލިބޭނެ ގޮތް ހެދުމަށް މަޖިލީހަށް ގަރާރެއް ވަނީ ހުށަހަޅާފައި --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
11 ޑިސެންބަރު 2023 - 13:40 1
މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހި މަސްވެރިންނާއި އޮޑިވެރިންނާއި މިފްކޯގެ މުވައްޒަފުންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމެއް ސަރުކާރުން ހަމަޖައްސައިދޭން އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ވިލިގިނލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ހުށަހެޅުއްވި އެ ގަރާރުގައި ބުނެފައިވަނީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މަސްވެރިންނާއި މަސައްކަތްތެރިންނާއި ހާއްސަކޮށް ސަރުކާރުގެ މަސްކުންފުނި ކަމުގައިވާ މިފްކޯގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަކީ ވެސް މަސްވެރިކަމުގެ ސިނާއަތަށް ހުއްޓުމެއްނެތި 24 ގަޑިއިރު ހިދުމަތް ކުރަމުންދާ ބައެއް ކަމަށެވެ.
އެމީހުންގެ އަމިއްލަ ނުވަތަ އާއިލީ ޒަރޫރީ ބޭނުންތަކަށް ރާއްޖެއިން ބޭރުން ހޯދަންޖެހޭ ހިދުމަތްތަށް ހޯދުމަށް ބޭނުންވާ އެމެރިކާ ޑޮލަރު ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެހިފައި އޮތުން މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންނަށް މުހިންމު ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
މަސްވެރިންނާއި އޮޑިވެރިންނާއި އެމީހުންގެ ދަރިން ރާއްޖެއިން ބޭރުން ތައުލީމު ހާސިލު ކުރުމަށާއި ބޭސްފަރުވާ ކުރުމަށާއި މަސްވެރިންނާއި މަސްވެރިންގެ އާއިލާތަކުގެ ހައްޖު އަދި އުމުރާ ދަތުރުތަކަށް ބޭނުންވާ ޑޮލަރު މިފްކޯ މެދުވެރިކޮށް ފަސޭހައިން ގަންނަން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ މަސްވެރިންގެ ހިދުމަތުގެ އަގުވަޒަންކުރަން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ގަރާރުގައި ބުނެފައިވަނީ މަސްދޯނިފަހަރަށް ބޭނުންވާ ޒަމާނީ ވަސީލަތްތަށް ގަތުމަށާއި މަސް ފިނިކުރަން ބޭނުންވާ ސިސްޓަމްތަކާއި އެއާގުޅޭ މެޝިނަރީޒް ގަތުމަށާއި މަސްދޯނިފަހަރަށް ބޭނުންވާ ސްޕެއާ ޕާޓްސް ފަދަ ރާއްޖެއިން ބޭރުންގަންނަންޖެހޭ ތަކެތި ގަތުމަށް ބޭނުންވާ ޑޮލަރު މިފްކޯ ނުވަތަ ބޭންކު މެދުވެރިކޮށް ފަސޭހައިން ގަންނަން ލިބޭނެ އިންތިޒާމް ހަމަޖެހިފައި އޮތުމަކީ މަސްދޯނި ފަހަރަށް ބޭނުންވާ މުހިންމު ތަކެތި ލަސްނުވެ ހޯދުމަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށެވެ.
މިފްކޯގެ މުވައްޒަފުންނަކީ ވެސް ރެއާއި ދުވާލު ކަންޑުމަތީގަ އަދި އެކިއެކި ސައިޓުތަކުގައި މަސައްކަތްކުރާ ބަޔަކަށްވާއިރު އެ މުވައްޒަފުންގެ އަމިއްލަ ޒަރޫރީ އާއިލީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ އިންތިޒާމް ހަޖެހިފައިއޮތުމަކީ މުހިންމު ކަމެއް ކަމަށާއި އެހެންކަމުން މިފްކޯގެ މުވައްޒަފުންނަށް ދޭ މުސާރައިގެ 60 ޕަސެންޓް ޑޮލަރުން ދިނުމަށް އެ ގަރާރުގައި ވަނީ ހުށަހަޅާފަ އެެވެ.
އޭގެ އިތުރުން ޒުވާނުން މަސްވެރިކަމުގެ ސިނާތުގައި ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގައިވާ ގޮތަށް، މަސްވެރިންގެ އަގު ވަޒަންކޮށް، މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ރަގަޅު އާމްދަނީ އާއި ނަފާ ހޯދުމަށް އެހީތެރިވެދިނުމުގެ މަގުސަދު ހާސިލު ވެގެންދާނެ މުހިންމު ކަމެއް ގަރާރުގައި ބުނެފައިވެ އެވެ.
Comment