10 ޑިސެންބަރު 2023 - 06:16 0
މުހައްމަދު ޝަހްޒާން
ވަރުގަދަ ހަމަލާތަކެއްދީ ގާޒާގެ ބޮޑުބައެއް މިހާރު ވަނީ އެއްކޮށް ބިމާ ހަމަކޮށްލާފައި --
10 ޑިސެންބަރު 2023 - 06:16 0
އިޒްރޭލާ ދެކޮޅަށް ފުރިހަމަ މާނައިގައި ހިޒްބުﷲ އިން ހަނގުރާމައަކަށް ނުކުމެއްޖެ ނަމަ ގާޒާއަށް ހަދަމުންދާ ގޮތް ލުބުނާނުގެ ވެރިރަށް، ބެއިރޫތަށް ވެސް ހަދާލާނެ ކަމަށް ބުނެ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޒާރު ދީފި އެވެ.
އޭނާ އެހެން ބުނެފައި ވަނީ ލުބުނާނުން ދިން މިސައިލް ހަމަލާއެއްގައި އިޒްރޭލުގެ އާންމުންގެ މީހަކު މަރުވިތާ މާގިނައިރުތަކެއް ނުވަނީހެވެ.
"އަހަރުމެންނާ ދެކޮޅަށް ހިޒްބުﷲ އިން ފުރިހަމަ މާނައިގައި ހަނގުރާމައަކަށް ނުކުމެއްޖެ ނަމަ، އެމީހުންގެ އަމިއްލަ އަތުން، ބެއިރޫތާއި ދެކުނު ލުބުނާނު ގާޒާއާއި ހާން ޔޫނިސްއަކަށް ބަދަލު ކޮށްލާނަން،" ނަތަންޔާހޫ ބުނެފައިވެ އެވެ.
ލުބުނާނު ހަނގުރާމައަށްފަހު 1982 ވަނަ އަހަރު އުފެދުނު ހިޒްބުﷲ ޖަމާއަތަކީ އިރާނުން ވާގިވެރިވާ ޝިއައީ ޖަމާއަތެކެވެ. އޮކްޓޫބަރު 7 ގައި އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށުމާ ގުޅިގެން ހިޒްބުﷲ އިން ގެންދަނީ އިޒްރޭލަށް ތަކުރާރުކޮށް ހަމަލާދެމުންނެވެ. ހިޒްބުﷲ ގެ ހަމަލާތަކުގައި އިޒްރޭލުގެ ސިފައިންނާއި އާންމުން ވެސް މަރާލައިފައިވެ އެވެ.
އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި އެ ސިޓީގެ 70 އިންސައްތައަށް ވުރެ ގިނަ އިމާރާތްތައް ވަނީ އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ މިންވަރަށް ސުންނާފަތި ކޮށްލައިފަ އެވެ. ހަމަލާތަކުގައި ފަލަސްތީނުން މަރުވި މީހުންގެ އަދަދު ވަނީ 17،000 އިން މައްޗަށް ގޮސްފަ އެވެ.
މީގެ ކުރިން 1978 ގައި ލުބުނާނުގައި ހިނގި ދާހިލީ ހަމަނުޖެހުންތަކުގެ ތެރެއަށް އިޒްރޭލުން ވަދެ ދެކުނު ލުބުނާނުގައި އޭރު ހަރަކާތްތެރިވަމުންދިޔަ ޕީއެލްއޯއާ ހަނގުރާމަ ކޮށްފައިވެ އެވެ. އޭގެފަހުން 1982 ވަނަ އަހަރު ލުބުނާނުގެ ނަސާރާ ފެކްޝަންތަކުގެ އެހީގައި ލުބުނާނަށް ވަދެ ބޮޑު ގަތުލުއާއްމެއް އިޒްރޭލުން ހިންގި އެވެ.
ގަތުލުއާއްމަށްފަހު ލުބުނާނުގެ ބިންތަކަށް އިޒްރޭލުން ވެރިވެގަނެގެން ތިބި ތިބުން ނިމުމަކަށް ގެނައި ޖަމާއަތަކީ ހިޒްބުﷲ އެވެ. އިޒްރޭލާ ހަނގުރާމަކޮށް މިހާރު ލުބުނާނު އިޒްރޭލު ބޯޑަރުގެ ގޮތުގައި ކަނޑައަޅާފައިވާ އިމުގެ ތެރެއަށް އިޒްރޭލުގެ ސިފައިން ޖެއްސީ 2000 ވަނަ އަހަރު އެވެ.
އޭގެފަހުން 2006 ވަނަ އަހަރު ވެސް އިޒްރޭލާ ދެކޮޅަށް ހިޒްބުﷲ އިން ހަނގުރާމަ ކޮށްފައިވެ އެވެ. އެފަހަރު ވެސް ހަނގުރާމަ ނިމުނީ ހިޒްބުﷲ ކޮޅަށް ބުރަވެގެންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment