7 ޑިސެންބަރު 2023 - 13:12 2
އާމިނަތު ނިއުޝާ
ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އިޔާން/އަދަދު
7 ޑިސެންބަރު 2023 - 13:12 2
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) އިން 3000 ފޯމު ހަމަކޮށްފި އެވެ.
ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ޖަމާލް މިއަދު "އަދަދު"އަށް ވިދާޅުވީ ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 ފޯމު މިހާރު ހަމަވެފައިވާ ކަމަށެވެ.
"މިހާރު ފޯމުތައް [ރަށްރަށުން] ގެންނަމުން އެދަނީ. އަޅުގަނޑުމެން މި ބަލަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި [ޕާޓީއަށް ސޮއިކުރުމުގެ] ފުރުސަތުދޭން. އެއީ ވަރަށް ގިނަ ބަޔަކު އެބަ ޝައުގުވެރިވޭ ފުރަތަމަ ސޮއިކުރާ 3000 މީހުންގެ ތެރޭގައި ހިމެނެން," މަލީހު ވިދާޅުވި އެވެ.
މަލީހު ވިދާޅުވީ ސޮއިކުރި ޖުމްލަ އަދަދު އަދި ނޭނގޭ ކަމަށާއި، ނަަމަވެސް 3,000 ފޯމަށްވުރެ ގިނަވާނެކަން ޔަގީން ކަމަށެވެ.
"ރޭ އެކަނިވެސް އެއް ރަށަކުން 200 ފޯމު މާލެ ގެނައި. އެއީ ރ. މަޑުއްވަރީން" މަލީހު ވިދާޅުވީ ވަރަށް ގިނަ ބަޔަކު ޕީއެންއެފްއަށް ވަނުމަށް ޝައުގުވެރިކަން ފާޅުކުރާ ކަމަށެވެ.
ޕީއެންއެފް އުފެއްދުމުގެ ކުރިން ރައީސް ޔާމީނު ހުންނެވީ ޕީޕީއެމް/ޕީއެންސީގެ ލީޑަރުކަމުގަ އެވެ. އެ ޕާޓީއާ ދުރަށް ޖެހިވަޑައިގަތީ ރިޔާސީ އިންތިހާބާ ހަމައިން ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނާ ދެމެދު ގުޅުން ހީނަރުވެގެންނެވެ.
ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާތީީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއެކު ދެ ޕާޓީގެ ސެނެޓުން ވާދަކުރާނެ ބޭފުޅަކު ނިންމަން ހުޅުވާލި ހިސާބުން ރައީސް މުއިއްޒު ޝައުގުވެރިކަން ފާޅުކުރެއްވި އެވެ. އޭގެ ކުރިން ވެސް މުއިއްޒު އިންތިހާބުގައި ވާދަކުރައްވާނެކަމުގެ އަޑުތައް ފެތުރެމުން ދިޔަ އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭނުގައި އެންމެ ގިނައިން ދެއްކެވީ ރައީސް ޔާމީން މިނިވަންކުރުމުގެ ވާހަކަތަކެވެ. އަދި, ވެރިކަމަށް ވަޑައިގަތަސް ޔާމީނަކީ މުހިންމު ބޭފުޅަކަށް ވާނެ ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ދޭ ވޯޓަކީ ޔާމީނަށް ދޭ ވޯޓެއްކަން ސިފަވާ ގޮތަށް ގިނަ ވާހަކަތަކެއް ދެއްކެވި އެވެ.
Comment