Advertisement

މެންބަރުންނަށް ދޭ ފައިސާ ހޯދާ ގޮތް ކިޔައިދޭން މުއިއްޒުއަށް ނުކުރޭނެ: ޔާމީން

16 ފެބުރުވަރީ 2026 - 12:51 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން: މެންބަރުންނަށް ދޭ ފައިސާ މުއިއްޒު ހޯދާ ގޮތް ސާފުކޮށްދޭން ނުކުރެނޭ ކަމަށް ޔާމީން ވިދާޅުވި -- ފޮޓޯ: އަދަދު


މެންބަރުންނަށް ދޭ ފައިސާ ހޯދާ ގޮތް ކިޔައިދޭން މުއިއްޒުއަށް ނުކުރޭނެ: ޔާމީން

16 ފެބުރުވަރީ 2026 - 12:51 2

ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ކޮންމެ މަހަކު ދޭ 50،000ރ. ހޯދާ ގޮތް ކިޔައިދެއްވަން މުހައްމަދު މުއިއްޒުއަށް ކެރިވަޑައިނުގަންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އިން ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވީ މެންބަރުންނަށް ދޭ ފައިސާގެ ހޯއްދަވާ ގޮތުގެ އިތުރުން މަޝްރޫއުތަކަށް ފައިސާ ހަރަދުކުރައްވަނީ ދެމެހެއްޓިނިވި ގޮތެއްގައިކަން އާންމުންގެ ކުރިމަތީގައި މުއިއްޒުއަށް ކިޔައިދެއްވަން ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.

ނަމަވެސް އެވާހަކަތައް އާންމުންގެ ކުރިމަތީގައި ކިޔައިދެއްވަން މުއިއްޒުއަށް ކެރިވަޑައިގެންފިނަމަ މުއިއްޒު ޖަވާބުދާރީ ކުރެވޭ ކަމަށް ގަބޫލުކުރައްވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"މުއިއްޒު މިހާރު މަޖިލިސް މެންބަރުންނަށް 50،000ރ. ދޭ ގޮތާއި މަލީހު އެ ދެއްކެވި ބޮޑުހިލައިން ނަގާ ލާރިއާއި މިއޮތް ހިއްކާތަނުން ކޮންމެ ކޮޑިމީޓަރަކުން ދެ ޑޮލަރަށްވުރެ މައްޗަށް ލާރި ނަގާ ގޮތާއި، އަދި މިހާތަނަށް ހަރަދުކޮށްފައި ހުރި ކަންތައްތައް ހަރަދު ކުރެވިފައި އެހެރީ އެންމެ ކޮސްޓް އެފިޝިއަންޓްކޮށް ކަމަށް މުއިއްޒަށް އައިސް ޕަބްލިކްގައި ކިޔައިދޭން ކެރިދާނެ ކަމަށް ގަބޫލުރެވޭތޯ،" ޔާމީން ވިދާޅުވި އެވެ.

"ކިޔައިދޭ ކަމަށްވަންޏާ އަޅުގަނޑުމެން ބުނާނަން މުއިއްޒު އެކައުންޓަބަލް ކުރުވެއޭ. އޭނަ ކުރާ ކަންތައް. ކިޔައެއް ނުދެވޭނެއޭ. ކިޔައިނުދެވޭނެ ގޮތް އަޅުގަނޑުމެން މި ބުނަނީ އެނގޭތޯ."

މަޖިލިސް މެންބަރުންނަށް ކޮންމެ މަހަކު މުއިއްޒު ފައިސާ ދެއްވަނީ ދިމްޔާތުން ލިބޭ ލާރިން ކަމަށް ސުވާލު އުފައްދަވާ ޔާމީން ވިދާޅުވީ ވަނީ ދިމްޔާތަކީ ބޮޑު އާމްދަނީއެއް ވަންނަ ގެސްޓްހައުސްއެއްތޯ ސުވާލު އުފައްދަވާފަ އެވެ.

"ކޮންތާކުންތޯ މުއިއްޒު މިހާރު އެބުނާ ގޮތަށް ކޮންމެ މެންބަރަކަށް އެއް ލައްކަ ރުފިޔާ ދޭނީ. އެއީ ރިޝްވަތު ނޫންތޯ. ކޮންތަނަކުންތޯ އޭނަ ދޭނީ. ދިމްޔާތުގައި އެހުންނަ ގެސްޓްހައުސްއަކީ އެހާ ހަމަ ޕްރޮޑަކްޓިވް ތަނެއްތޯ. އެހާ ބައިވަރު ލާރި ލިބޭ ތަނެއްތޯ،" ޔާމީން ވިދާޅުވި އެވެ.

މީގެއިތުރުން ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އަނގަބަންދުކޮށްލީ އެ މެންބަރުންނަކީ މުއިއްޒު ޖަވާބުދާރީ ކުރެވޭނެ ހަމައެކަނި ބޭފުޅުން ކަމަށްވާތީ ކަމަށެވެ.

ވަޒީރުންގެ މަޖިލިސް މެންބަރުންނަށް މުއިއްޒު ޖަވާބުދާރީ ކުރުވޭ ގޮތަށް ގާނޫނު އޮތްނަމަ، ވަޒީރުންނަށް ވެސް މުއިއްޒު ފައިސާ ދެއްވާނެ ކަމަށާއި މިހާރުވެސް ވަޒީރުން މަޑުމަޑުން ތިއްބަވަނީ ލިބޭ ބޮޑު މުސާރައިގެ ސަބަބުން ކަމަށް ޔާމީން ވިދާޅުވި އެވެ.