Advertisement

ޔާމީން ސަރުކާރުގައި އާސާރީ ފައިސާ ފޮތިތަކެއް ފެނުނު ފަސްފުނިތައް ވަނީ ގެއްލިފައި: ޔުމްނާ

4 ޑިސެންބަރު 2023 - 11:18 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ކުރީ ސަރުކާރުގެ ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން. މިކަން ހިނގާފައި ވަނީ މިނިސްޓަރުކަމާ ހަވާލުވުމުގެ ކުރިން ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް


ޔާމީން ސަރުކާރުގައި އާސާރީ ފައިސާ ފޮތިތަކެއް ފެނުނު ފަސްފުނިތައް ވަނީ ގެއްލިފައި: ޔުމްނާ

4 ޑިސެންބަރު 2023 - 11:18 0

ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2017 ވަނަ އަހަރު މާލޭ ސަލްޓަން ޕާކް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން އާސާރީ ފައިސާ ފޮތިތަކެއް ފެނުނު ފަސްފުނިތަކެއް ގެއްލިފައިވާ ކަމަށް ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ޔުމްނާ މިނިސްޓަރުކަމުގައި ހުންނަވަނިކޮށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ލިޔުމުން ހުށަހެޅުއްވި ސުވާލުގެ ޖަވާބު މަޖިލީހުގެ އަމީންއާންމު މަޖިލީހުގައި އިއްވީ މިއަދު އެވެ.

ޔުމްނާ ލިޔުމުން ފޮނުއްވި ޖަވާބުގައި ވާ ގޮތުން، ލިލީ މަގާ ދިމާލުން ސަލްޓާން ޕާކް ކައިރިން ރިހި ފައިސާ ފޮތިތަކާއި، މުށި ސީނުތަށިތަކާއި، ގުޅީގެ ބައިތަކެއް ފެނިފައިވާކަމަށް އެމްއެންޑީއެފްއިން އޭރުގެ ޑިޕާޓްމަންޓް އޮފް ހެރިޓޭޖްއަށް އަންގާފައިވާ ކަމަށެވެ.

މިކަން ހިނގާފައި ވަނީ މިނިސްޓަރުކަމާ ހަވާލުވުމުގެ ކުރިން، އޭގެ ކުރީ ސަރުކާރުގެ ތެރޭގައި ކަމަށް ޔުމްނާ ޖަވާބުގައި ލިޔުއްވާފައިވެ އެވެ.

އެމްއެންޑީއެފްއިން ޕާކުގެ މަސައްކަތް ކުރަމުން ދަނިކޮށް އެކަން ފާހަގަވެ، އޭރުގެ ހެރިޓޭޖު ޑިޕާޓްމަންޓަށް އެންގުމުން، ޑިޕާޓްމަންޓުގެ ޓީމެއް ސަލްޓަން ޕާކަށް ގޮސް ބެލިކަމަށް ޔުމްނާ ވިދާޅުވި އެވެ. އަދި, ފަސް ފުނިން ފުރާނައިގެން 96 ފައިސާ ފޮތި ފެނުނު ކަމަށް ވިދާޅުވި އެވެ.

"އެ ދުވަހުގެ އިރު އޮއްސުމާ ހަމައަށް 96 ފައިސާ ފޮތި ފެނުން. އިތުރަށް ފެނިދާނެ ކަމަށް ބަލައި ޖެހިގެން އައި ދުވަހު ދިޔައިރު ފަސްފުނިތައް ވަނީ ގެއްލިފައި،" ޔުމްނާ ލިޔުއްވާފައިވެ އެވެ.

އޭގެ އިތުރުން އޮކްޓޯބަރު 18، 2017 ގައި އެމްއެންޑީއެފްއިން 43 ފައިސާ ފޮތި ހެރިޓޭޖު ޑިޕާޓްމަންޓާ ހަވާލުކޮށްފައިވާ ކަމަށް ޔުމްނާ ވިދާޅުވި އެވެ. މިވަގުތު ޖުމްލަ 139 ފައިސާ ފޮތި ދާރުލްއާސާރުގައި އޮތްކަމަށް ޔުމްނާ ވިދާޅުވި އެވެ.

އަދި ޖުލައި 19, 2017 ގައި 713 ސީނު ތަށި، ގުޅިއެއްގެ ބައިތަކަކާއި ލޯ ތާހެއް ވެސް ދާރުލްއާސާރަށް ލިބިފައިވާ ކަމަށް، ދާރުލްއާސާރާ ހަވާލާ ދީ ޔުމްނާ ވިދާޅުވި އެވެ.

މި ސުވާލަކީ ކުރީ ސަރުކާރުގައި އަދި ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވަނިކޮށް މެމްބަރު އިބްރާހިމް ރަޝީދު ކުރައްވާފައިވާ ސުވާލެކެވެ. މި ސުވާލަށް ރައީސް ނަޝީދު ރިޔާސަތުގައި އިންނެވި ދުވަސްވަރު ޖަވާބު ވެސް ލިބިފައިވެ އެވެ.

މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި ސުވާކުގެ ޖަވާބު ލިބި، މަޖިލީހަށް ނީއްވައި 50 ސުވާލުގެ ޖަވާބު އެބަ އޮތެވެ. އަސްލަމް އަންނަނީ އެ ސުވާލުތަކުގެ ޖަވާބުތައް މަޖިލީހުގެ ތަޅުމުގައި އަމީން އާންމު މެދުވެރިކޮށް ކޮންމެ ދުވަހަކު އިއްވަމުންނެވެ.

ކުށުގެ އިސްލާހު


މި ހަބަރުގައި 96 އާސާރީ ފައިސާ ފޮތި ގެއްލިފައިވާ ކަމަށް ރިޕޯޓުކުރެވިފައި ވަނީ އޮޅުމަކުން. ގެއްލިފައި ވަނީ އެ ފައިސާ ފޮތިތައް ފެނުނު ފަސްފުނިތައް.