Advertisement

އާނޯލްޑް ލިވަޕޫލް މޮޅުކޮށްދީފި، ސިޓީ އާއި ޓޮޓެންހަމް އެއްވަރު

4 ޑިސެންބަރު 2023 - 09:03 0


އާނޯލްޑް ލިވަޕޫލް މޮޅުކޮށްދީފި، ސިޓީ އާއި ޓޮޓެންހަމް އެއްވަރު

4 ޑިސެންބަރު 2023 - 09:03 0

ލިވަޕޫލް (ޑިސެމްބަރު 4) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓްރެންޓް އަލެކްސަންޑާ އާނޯލްޑް ޖެހި ގޯލާ އެކު، ލިވަޕޫލުން 4-3 އިން ފުލަމް ބަލިކުރިއިރު، މެންޗެސްޓާ ސިޓީން އަމިއްލަ ދަނޑުގައި 3-3 އިން ޓޮޓެންހަމް ހޮޓްސްޕާސްއާ އެއްވަރުވެއްޖެ އެވެ.

ލީގުގެ އެއް ވަނައިގައި އޮތް އާސެނަލަށް 14 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލް ދެ ވަނައިގައި އޮތީ 14 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ސިޓީ އަށް ވަނީ 14 މެޗުން 30 ޕޮއިންޓް ލިބިފަ އެވެ. ރޭ ބޯންމައުތާ 2-2 އިން އެއްވަރުވި، އެސްޓަން ވިލާ ހަތަރު ވަނައިގައި އޮތީ 14 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ.

ލިވަޕޫލުން ލީޑުނެގީ 20 ވަނަ މިނިޓްގައި އާނޯލްޑް ޖެހި ހިލޭ ޖެހުމަކުން، ފުލަމް ކީޕަރު ބާން ލޭނޯ ގައިގައި ޖެހިފައި ވަން ގޯލުންނެވެ. އޭގެ ހަތަރު ވަނަ މިނިޓް ފަހުން ފުލަމް އަށް އެއްވަރުކޮށްދިނީ ކުރިން ލިވަޕޫލަށް ކުޅުނު ހެރީ ވިލްސަން އެވެ. މެޗުގައި ދެ ވަނަ ފަހަރަށް ލިވަޕޫލުން ލީޑުނެގީ 38 ވަނަ މިނިޓްގައި އަލެކްސިސް މެކް އަލިސްޓާ އޭރިއާބޭރުން ޖެހި ހިތްގައިމު ގޯލުންނެވެ. އެކަމަކު، ލީޑުގައި އޮވެ ލިވަޕޫލަށް ފުރަތަމަ ހާފު ނިންމައިނުލެވުނެވެ. އިތުރު ވަގުތުގެ ތެރޭގައި ކެނީ ޓެޓޭ ވަނީ ގޯލެއް ޖަހަައި ފުލަމް އަށް އެއްވަރުކޮށްދީފަ އެވެ.

އަލުން ލީޑުނަގަން ލިވަޕޫލްގެ ޑާވިން ނޫނޭޒަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އޭނާ އަށް ނުހިފުނުއިރު، ފުލަމް އިން ވަނީ 80 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މި ލަނޑު ޖަހައިދިނީ ބަދަލަކަށް ކުޅެން އެރި ބޮބީ ޑީކޯޑޯވާ ރީޑް ބޮލުންނެވެ. ލިވަޕޫލަށް އެެއްވަރުކޮށްދިނީ 87 ވަނަ މިނިޓްގައި ވަޓާރޫ އެންޑޯ އެވެ. ބަދަލަކަށް ކުޅެން އަރައި އެންޑޯ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އޭގެ ދެ މިނިޓް ފަހުން، އާނޯލްޑް ވަނީ ގޯލެއް ޖަހައި ލިވަޕޫލް މޮޅުކޮށްދީފަ އެވެ.

ސިޓީ ދަނޑުގައި ޓޮޓެންހަމްގެ ކެޕްޓަން ސޮން ހެއުން މިން ވަނީ ހަ ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، އޭގެ ތިން މިނިޓް ފަހުން ސޮން އަތުން ބައިކޮޅަށް ވަން ގޯލަކުން ނަތީޖާ އެއްވަރުވި އެވެ. ފިލް ފޯޑެން ޖެހި ލަނޑުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން އަލުން ލީޑުނެގި އެވެ މެޗުގެ ދެ ވަނަ ހާފުގައި ޓޮޓެންހަމް އިން އެއްވަރުކުރި ގޯލު ޖެހީ ޖިއޮވާނީ ލޮ ސެލްސޯ އެވެ.

ބަދަލަކަށް ކުޅެން އަރައި، މެޗުގެ 81 ވަނަ މިނިޓްގައި ޖެކް ގްރީލިޝް ވަނީ ސިޓީ އަށް ލީޑުނަގައިދީފަ އެވެ. ސިޓީ މޮޅުވާން ދަނިކޮށް، ޓޮޓެންހަމް އަށް މެޗުގެ ނަތީޖާ ހަަމަހަމަކޮށްދިނީ ޑޭޖާން ކުލުސެވްސްކީ އެވެ.

ޗެލްސީ ވަނީ ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 3-2 އިން ބްރައިޓަން ބަލިކޮށްފަ އެވެ. ޗެލްސީގެ ކޮނާ ގަލަގާ އަށް ފުރަތަމަ ހާފުގައި ދެ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުން މެޗުގެ ބޮޑު ބައި ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ. ޗެލްސީ އަށް މި މެޗުގައި އެންޒޯ ފެނާންޑޭޒް ދެ ގޯލު ޖަހައިދިންއިރު، އެއް ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ. މިއީ ޗެލްސީ އަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލުތަކެވެ. ޗެލްސީގެ އަނެއް ގޯލު ޖެހީ ލީވައި ކޯލްވިލް އެވެ.

ބްރައިޓަންގެ ލަނޑުތައް ޖަހައިދިނީ ބުއަނަނޯންޓޭ އާއި ޖާއޯ ޕެޑްރޯ އެވެ.

ލީގުގައި ރޭ ވެސްޓް ހޭމް ވަނީ އަމިއްލަ ދަނޑުގައި 1-1 އިން ކްރިސްޓަލް ޕެލަސްއާ އެއްވަރުވެފަ އެވެ.