Advertisement

ޗާގޯސްގެ ސިޔާދަތީ ބާރު އިނގިރޭސިވިލާތުން މޮރިޝަސްއަށް ދޫނުކުރާނެ

3 ޑިސެންބަރު 2023 - 20:01 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޗާގޯސް ޖަޒީރާ -


ޗާގޯސްގެ ސިޔާދަތީ ބާރު އިނގިރޭސިވިލާތުން މޮރިޝަސްއަށް ދޫނުކުރާނެ

3 ޑިސެންބަރު 2023 - 20:01 0

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް ގެންގުޅުނު ވިސްނުން އިނގިރޭސިވިލާތުގެ ސަރުކާރުން ދޫކޮށްލައިފި އެވެ.

އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ ޓެލެގްރާފުގައި ބުނެފައިވާ ގޮތުން އިނގިރޭސީން މަޝްވަރާގެ މޭޒު ދޫކޮށް، މޮރިޝަސްއަށް ޗާގޯސް ނުދޭން ނިންމީ މޮރިޝަސްއަށް އެ ޖަޒީރާ ދީފިނަމަ އިންޑިއާ ކަނޑުގައި ޗައިނާގެ ބާރު ގަދަވާނެ ކަމުގެ ބިރަށެވެ. މޮރިޝަސް އަކީ ޗައިނާއަށް ވާގިވެރިވާ، އެ ގައުމާއެކު ގާތް ގުޅުމެއް ގެންގުޅޭ ގައުމެކެވެ.

އިނގިރޭސީން ޗާގޯސްގެ ރަށްތަކަށް ވެރިވެގަތީ 1800 ގެ އަހަރުތަކުގަ އެވެ. އެ ރަށްތަކުގެ ތެރެއިން އިނގިރޭސިން ވަނީ ޑިއެގޯ ގާސިއާ ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށް ހިންގުމަށް 2036 ގެ ނިޔަލަށް ކުއްޔަށް ދީފަ އެވެ.

އެ ރަށްތަށް އަނބުރާ މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުގެ ކިބައިން އދ. އިން ތަކުރާރުކޮށް އެދިފައިވެ އެވެ. އަދި އެ ޖަޒީރާގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް ބުނެ އެ ގައުމުން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އަށް އެތައް ދަހަރެއް ކުރިން ވެއްދި މައްސަލައެއްގެ ހުކުމުން ޗާގޮސްގެ ސިޔާދަތީ ބާރު ވަނީ މޮރިޝަސްއަށް ދީފަ އެވެ.

އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އިން 2019 ގައި ކުރި ހުކުމާ އެއްގޮތަށް ޗާގޯސް މޮރިޝަސްއަށް ދިނުމަށް ގޮވާލާ އދ. އަށް ގަރާރެއް ވެސް ހުށަހެޅުނެވެ. ގިނަ ގައުމުތަކުން ގަރާރާ އެއްބަސްވި ނަމަވެސް އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާއިން ވޯޓު ދިނީ އިނގިރޭސީންގެ ބާރުގެ ދަށުގައި ޗާގޯސް ބޭއްވުމަށެވެ.

އދ. އިން 2021 ގައި އިނގިރޭސީން ޗާގޯސްއަށް ބާރުވެރިވުން އެއީ ގައިރު ގާނޫނީ ކަމެއް ކަމަށް ނިންމުމާއެކު، މިދިޔަ އަހަރު ފަހު ކޮޅު އިނގިރޭސީން ވަނީ އެ ޖަޒީރާ މޮރިޝަސްއަށް ދިނުމަށް އެ ގައުމާއެކު މަޝްވަރާތަކެއްވެސް ކުރިއަށް ގެންދިޔަ އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފަ އެވެ. އަދި, ރާއްޖެއާ ޗާގޯސް ޖަޒީރާއާ އާ ދެމެދުން ފުށޫއަރާ ކަނޑުގެ ސަރަހައްދު އެ ކޯޓުން ބައިކޮށްފައިވެސްވެ އެވެ.

އެ މައްސަލާގައި މޮރިޝަސްއާ ދެކޮޅަށް އެންމެ ބޮޑަށް ނެގި ނުކުތާއަކީ ޗާގޯސްގެ ސިޔާދަތީ ބާރު އެ ގައުމަށް ހިނގާކަން ސާފު ނުވާ ކަމަށް ބުނި ބުނުމެވެ. އަދި ސިޔާދަތީ ބާރުގެ މައްސަލަ ފުރަތަމަ ނިންމަން ޖެހޭ ކަމަށްވެސް ރާއްޖެއިން ވަކާލާތު ކުރި އެވެ.

އިޓްލޮސްގެ އެ ނިންމުން އިސްތިއުނާފު ކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި އެއް ވައުދެވެ.