2 ޑިސެންބަރު 2023 - 11:39 0
2 ޑިސެންބަރު 2023 - 11:39 0
ލިވަޕޫލް (ޑިސެމްބަރު 2) - ލިވަޕޫލްގެ ގޯލްކީޕަރު ބްރެޒިލްގެ އެލިސަން ބެކާގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ ދެ ހަފްތާގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެލިސަންގެ ފަލަމަސްގަނޑަށް އަނިޔާވީ، ލިވަޕޫލުން މިދިޔަ ހަފްތާގައި އިނގިރޭސި ޕްރިމިއާ ލީގުގައި 1-1 އިން މެންޗެސްޓާ ސިޓީއާ އެއްވަރުވި މެޗުގަ އެވެ. އެ މެޗުގެ ފަހުކޮޅުގައި އެލިސަން އަށް އަނިޔާވިއިރު، ލިވަޕޫލުން ފަސް ބަދަލު ވެސް ކޮށްފައިވާތީ، އޭނާ ބަދަލުކުރެވެން ނެތެވެ. އެހެންވެ، އަނިޔާގައި ހުރެ ވެސް އެލިސަން މެޗު ފުރިހަމަކުރި އެވެ.
ޔޫރޮޕާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ލިވަޕޫލުން ލާސްކް އަތުން 4-0 އިން މޮޅުވި މެޗުގައި ގޯލު ބެލެހެއްޓީ ކޮއިމްހިން ކެލަހާ އެވެ. އެ މެޗަށް ފަހު، ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އެލިސަން ނެތް ހާލަތެއްގައި ކެލަހާ ފެންވަރުގެ ކީޕަރެއް ހުރުމަކީ ހިތްހަަމަޖެހުމެއް ކަމަށެވެ.
އެލިސަން ކުޅުމާ ދުރުގައި ހުންނަން ޖެހޭ މުއްދަތާ ބެހޭގޮތުން ސުވާލުކުރުމުން ކްލޮޕް ބުނީ ޔަގީނުން ވެސް ކުރިއަށް އޮތް ހަފްތާގައި ނުކުޅެވޭނެ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން އެލިސަން އަށް ކުޅުމަށް އެނބުރި އާދެވޭނީ ދެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.
ލިވަޕޫލުން މަސައްކަތް ކުރަމުން އަންނަނީ މި މަހު 17 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ކުޅެން އޮތް މެޗު ހާ ތަނަށް އެލިސަން ފިޓްކޮށް އެނބުރި ގެނައުމަށެވެ. އޭގެ ކުރިން ލިވަޕޫލުން، ޕްރިމިއާ ލީގުގައި ފުލަމް އާއި ޝެފީލްޑް ޔުނައިޓެޑާ ކުޅުމުގެ އިތުރުން ޔޫރޮޕާ ލީގުގައި ސެއިންޓް ގިލޮއިސްއާ ކުޅޭނެ އެވެ.
Comment