Advertisement

ޔޫރޮޕާ ލީގުގެ ގަދަ 16 އިން ތިން ޓީމެއް ޖާގަ ކަށަވަރުކޮށްފި

1 ޑިސެންބަރު 2023 - 13:38 0


ޔޫރޮޕާ ލީގުގެ ގަދަ 16 އިން ތިން ޓީމެއް ޖާގަ ކަށަވަރުކޮށްފި

1 ޑިސެންބަރު 2023 - 13:38 0

ލިވަޕޫލް (ޑިސެމްބަރު 1) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކަށް ފަހު ތިން ޓީމެއް، ގްރޫޕް ސްޓޭޖުގައި ބާކީ އެއް މެޗު އޮއްވައި، ގަދަ 16 ބުރުގެ ޖާގައެއް ޔަގީންކޮށްފި އެވެ.

އެއީ، އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލާއި ޖަރުމަނު ލީގުގެ ބަޔާ ލެވަކޫސަން އަދި އިޓާލިއަން ލީގުގެ އެޓަލަންޓާ އެވެ. ލިވަޕޫލުން ރޭ ވަނީ އަމިއްލަ ދަނޑުގައި އޮސްޓްރިއާގެ ލާސްކް އަތުން 4-0 އިން މޮޅުވެފަ އެވެ. ލެވަކޫސަން އިން ވަނީ ސްވިޑެންގެ ބީކޭ ހެކަން އަތުން 2-0 އިން މޮޅުވެފަ އެެވެ. އަދި އެޓަލަންޓާ ކުޅުނު މެޗުން ވަނީ 1-1 އިން ސްޕޯޓިން ލިޒްބަންއާ އެއްވަރުވެފަ އެވެ.

ގްރޫޕް ޑީގެ އެއް ވަނަ އެޓަލަންޓާ އިން ކަށަަވަރުކުރީ ފަސް މެޗުން 11 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސްޕޯޓިން އަށް ވަނީ ފަސް މެޗުން އަށް ޕޮއިންޓް ލިބިފަ އެވެ. ސްޕޯޓިން އިން ފަހު މެޗުގައި އެޓަލަންޓާއާ ޕޮއިންޓުން ހަމަކުރި ނަމަވެސް ހެޑް ޓު ހެޑް ގަވާއިދުން ކުރި ނުލިބޭނެ އެވެ. މި ގްރޫޕްގެ ފުލުގައި އޮތް ޕޮލެންޑްގެ ރަކޯ އާއި ތިން ވަނައިގައި އޮތް އޮސްޓްރިއާގެ ސްޓުމް ގްރާޒް އަށް ވަނީ ފަސް މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ.

ގްރޫޕް އީގެ އެއް ވަަނަ ލިވަޕޫލުން ކަށަވަރުކުރީ ފަސް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޓުލޫސް ރޭ ކުޅުނު މެޗުން ސެއިންޓް ގިލޮއިސްއާ ލަނޑެއް ނުޖެހި ވަނީ އެއްވަރުވެފަ އެވެ. ޓުލޫސް އަށް ފަސް މެޗުން ވަނީ އަށް ޕޮއިންޓް ލިބިފަ އެވެ. ސެއިންޓް ގިލޮއިސް އަށް ފަސް މެޗުން ލިބުނީ ފަސް ޕޮއިންޓެވެ. ފުލުގައި އޮތް ލާސްކަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ލިވަޕޫލުން ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ކޯޑީ ގަކްޕޯ ވަނީ ދެ ގޯލު ޖަހައިފަ އެވެ. މުހައްމަދު ސަލާހު ޕެނަލްޓީއެއް ކާމިޔާބުކުރިއިރު، އަނެއް ލަނޑު ޖެހީ ލުއިޒް ޑިއާޒް އެވެ. މި މެޗުގައި ސަލާހު ލިވަޕޫލަށް ޖަހައިދިނީ އޭނާ އެ ކްލަބަށް ކާމިޔާބުކޮށްދިން 199 ވަނަ ގޯލެވެ.

ޒަބީ އަލޮންސޯގެ ކޯޗުކަމުގައި ތަފާތު ދައްކަމުން އަންނަ ލެވަކޫސަން ގްރޫޕް އެޗްގެ އެއް ވަނައިގައި އޮތީ ކުޅުުނު ފަސް މެޗުން ވެސް މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު، 15 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އަޒަރުބައިޖާންގެ ގަރަބަގް އާއި ސްވިޑެންގެ މޯލްޑާ އަށް ވަނީ ފަސް މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް، ސްވިޑަންގެ ހެކަން އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ޔޫރޮޕާ ލީގުގެ ކޮންމެ ގްރޫޕެއްގެ އެއް ވަނަ އަށް ގަދަ 16 އިން ފުރުސަތު ލިބޭއިރު، ދެ ވަނަ އަށް ދާ ޓީމަށް ލިބޭނީ ނޮކައުޓް ޕްލޭއޮފްގެ ޖާގަ (ގަދަ 32 ޓީމުގެ ބުރުން ފުރުސަތު) އެކެވެ. ގަދަ 32 ބުރުގައި ކުޅޭ ޓީމުތައް ވާދަކުރަން ޖެހޭނީ ޗެމްޕިއަންސް ލީގުގެ ކޮންމެ ގްރޫޕެއްގެ ތިން ވަނަ ހޯދާ ޓީމަކާ އެވެ. ޔޫރޮޕާ ލީގުގެ ކޮންމެ ގްރޫޕެއްގެ ތިން ވަނަ އަށް ދާ ޓީމެއް ކޮލިފައިވަނީ ޔުއެފާ ކޮންފަރެންސް ލީގުގެ ނޮކައުޓް ބުރަށެވެ.

ޔޫރޮޕާ ލީގުގެ ނޮކައުޓް ބުރުން ފުރުސަތު ހޯދާފައިވާ އެހެން ކްލަބްތަކަށް ބަލާއިރު، ވެސްޓް ހޭމް ޔުނައިޓެޑް، ފްރެއިބާގް، މާސޭ، ބްރައިޓަން، ސްޕޯޓިން ލިޒްބަން، ރެން، ވިޔަރެއާލް، ސްލާވިއާ ޕްރާގް އަދި ރޯމާ އެވެ.