1 ޑިސެންބަރު 2023 - 11:42 1
މުހައްމަދު ޖަމްޝަތު ވަހީދު
1 ޑިސެންބަރު 2023 - 11:42 1
ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެންފުޅި ރާއްޖޭގައި ވިއްކުން މަނާކުރާ ތާރީހަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ބަދަލު ގެންނަވައިފި އެވެ.
ކުރިން ކަނޑައަޅާފައިވާ ގޮތުން މިއަދުން ފެށިގެން އެއް ލީޓަރާއި އެެއަށްވުރެ ކުދ،ި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާ ވާނެ އެވެ. އަދި ބާޒާރުގައި އެތަކެތި ވިއްކޭނެ ފަހު ތާރީހަކީ މާޗް 1، 2024 އެވެ.
ނަމަވެސް ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު އަލުން ކަނޑައަޅުއްވައި އޭގެ ތެރޭގައި ހިމެނޭ އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކް ފުޅި ރާއްޖެއަށް އެތެރެކުރުމާއ،ި ރާއްޖޭގައި އުފެއްދުމާއ،ި ބާޒާރަށް ނެރުން މަނާކުރާ ތާރީހަށް ރައީސް މުއިއްޒުގެ ގަރާރަކުން ބަދަލު ގެންނަވާފައިވާ ކަމަށެވެ.
އެގޮތުން ރައީސް ގެންނެވި ބަދަލާއެކު، އެއް ލީޓަރާއި އެއަށްވުރެ ކުދި ސައިޒުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެ އެތެރެކުރުން މަނާ ވާނީ އަންނަ އޯގަސްޓް 1، 2024 އިން ފެށިގެންނެވެ. އަދި އަންނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އެ ތަކެތި ބާޒާރަށް ނެރުން މަނާވާނެ އެވެ.
މިނިސްޓްރީން ބުނީ މިގޮތަށް ބަދަލު ގެންނަވަން ނިންމީ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް މަނާކުރުމަށް ކަނޑައަޅާފައި ވަނީ މި ބާވަތްތަކުގެ ބަދަލުގައި ބޭނުންކުރާނެ ތިމާވެށްޓާއި ރައްޓެހި ތަކެތި ބާޒާރުގައި ލިބެންހުރި މިންވަރަށް ބެލުމަށް ފަހު ކަމަށެވެ.
އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފއި ހުންނަ ފެން މަނާކުރުމަށް ކަނޑައަޅާފައި ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ސާފު ބޯފެނުގެ ނިޒާމު ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް މި އަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް ބަލައިގެން ކަމަށް ސަރުކާރުން ބުނެ އެވެ.
ނަމަވެސް ގިނަ ރަށްރަށުގައި ސާފު ބޯފެނުގެ ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތް އަދިވެސް ނިމިފައިނުވާތީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނަށް ބަރޯސާވާން ޖެހިފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.
މިގޮތަށް އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ފެންބަންދުކޮށް ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރާ ތާރީހަށް ބަދަލު ގެނައި ނަމަވެސް މިފަދަ ސިންގަލް ޔޫޒް ޕްލާސްޓިކު ގެ ބާވަތްތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment