2 ޑިސެންބަރު 2023 - 04:33 6
އައްޒާމް އަލިފުޅު
2 ޑިސެންބަރު 2023 - 04:33 6
ރާއްޖޭގެ ފުޓްބޯޅައިގައި ހުރި މައްސަަލަތަކުގެ ހާލަތު ގޯހުން ގޯހަށް ދާ މަންޒަރު ފެންނަތާ ޒަމާންތަކެއް ވެއްޖެ އެވެ. ދިވެހި ފުޓްބޯޅަ އަށް އޮތް ސަޕޯޓް މަދުވަމުން އަންނަ މަންޒަރު އަހަރަކަށް ފަހު އަހަރެއް ފެންނަނީ ކަންބޮޑުވާން ޖެހޭ ހާ ބޮޑަށެވެ. ދިވެހި ފުޓްބޯޅައިގެ ވިންދު ލަސްވެ، "ވެންޓިލޭޓަރަށް" ލާ ހިސާބަށް ކަންކަން ގޮސްފައިވާއިރު، މި ވަގުތު މި އޮތް ހާލަތުގެ ޒިންމާ އެންމެ ބޮޑަށް ނަގަން ޖެހޭ އިސް ފަރާތަކީ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އޭނާގެ ލީޑަޝިޕެވެ.
އެފްއޭއެމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ލިބޭ ފައިސާ، ނަހަަމަ ގޮތުގައި އަމިއްލަ މަންފާ އަށް ބައްސާމާއި އެފްއޭއެމްގެ ލީޑަޝިޕުން ބޭނުންކުރާ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އެ ދަނީ ދައުވާ ކުރަން ފޮނުވަން ތައްޔާރުވަމުންނެވެ.
ބައްސާމް ހިމެނޭ ގޮތަށް އެފްއޭއެމްގެ ވެރިންނަށް ދައުވާކުރަނީ
އެފްއޭއެމްގެ ރައީސް ބައްސާމް ހިމެނޭ ގޮތަށް ދައުވާ ކުރަން ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސްތެރޭ ކޯޓަށް ފޮނުވޭނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައި.
ބައްސާމް ހިމެނޭ ގޮތަށް އެފްއޭއެމްގެ ވެރިންނަށް ދައުވާކުރަނީ
އެފްއޭއެމްގެ ރައީސް ބައްސާމް ހިމެނޭ ގޮތަށް ދައުވާ ކުރަން ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސްތެރޭ ކޯޓަށް ފޮނުވޭނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައި.
ދިވެހި ފުޓްބޯޅަ ހިންގަން، އެފްއޭއެމް އަށް ލިބޭ ފައިސާ، ބައްސާމް ހިމެނޭ ގޮތަށް އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާ ކަމުގެ "ހެކި"، ފުލުހުން މިހާރު ކުރަމުން އަންނަ ތަހުގީގަށް ވަނީ ލިބިފަ އެވެ.
ފުލުހުންގެ ތަހުގީގަށް އެފްއޭއެމްގެ މި މައްސަލަތައް މިހާރު އެނގުނު ކަމުގައި ވިޔަސް، އެފްއޭއެމްގައި މި މާލީ ގޯސްތައް ހިނގާތާ އެތައް ދުވަހެއްވެއްޖެ އެވެ. އެކަން ފުޓްބޯޅައިގައި މަސައްކަތްކުރާ އެތައް ބަޔަކު ދިޔައީ އެކި ސިފަސިފައިގައި ހާމަކުރަމުންނެވެ.
ހާލަތު މިހާރު ވެއްޓިފައި އޮތް ލެވަަލަކީ، ދިވެހި ފުޓްބޯޅަ އެސޯސިއޭޝަން ހިންގުމުގައި މިހާރު ތިބި އެކަކަށް ވެސް އާންމުންގެ އިތުބާރު ނެތްކަމެވެ.
އެފްއޭއެމް އިން މުސާރަ ނުދޭތޭ ހަ މަހަށް ވުރެ ގިނަ ދުވަސްވެފައިވާތީ އެ ތަނުގެ މުވައްޒަފުން އަންނަނީ ވަޒީފާ އިން ކެނޑެމުންނެވެ. މުވައްޒަފުންނަށް ގަވާއިދާ އެއްގޮތަށް ޕެންޝަން ނުދޭތާ އަހަރުތަކެއް ވީ ފަހުން، "ނަމެއްގައި" މި އަހަރު ޕެންޝަން ދީފައިވެ އެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި ޕެންޝަންގެ ކަންކަމުގައި އެފްއޭއެމް އިން "މަކަރު ހަދާފައިވާ" މައްސަލަ ވެސް ކުރިއަށް އެބަދެ އެވެ.
ފުޓްބޯޅައިގެ މަސައްކަތް ކުރަން، އެފްއޭއެމްގެ މުވައްޒަފުންގެ ގޮތުގައި މި ވަގުތު ތިބީ "އިނގިލިން ގުނާލެވޭހާ" މަދު މީހެކެވެ.
މިދިޔަ ދެތިން އަހަރެއްހާ ދުވަސްތެރޭ އެފްއޭއެމްއާ ގުޅޭ މާލީ ގިނަ މައްސަލަތަކެއް، ސިވިލް ކޯޓުގައި ވަނީ ރަޖިސްޓްރީ ކުރެވިފަ އެވެ. ބައެއް މައްސަލަތައް ނިންމައި، ކޯޓުން ވަނީ ހުކުމް ވެސް ކޮށްފަ އެވެ. އެކަމަކު، އެފްއޭއެމްގެ މާލީ ހާލަތު އިންތިހާ އަށް ގޯސްވެފައިވާތީ އާއި މިހާރު ކުރިމަތިވެފައި އޮތް ގޮންޖެހުންތަކާއި އެސޯސިއޭޝަން އޮތް އަޑިގަނޑުގެ ގޮތުން، ކޯޓުގެ ހުކުމާ އެއްގޮތަށް އަމަލުކުރެވެން ވެސް އެ އެސޯސިއޭޝަނަށް ނެތެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން، "އަދަދު" ނޫހުން ވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް އެފްއޭއެމާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފައިވާ މައްސަލަތަކުގެ ތަފްސީލެއް ހޯދައިފަ އެވެ.
އެ ގޮތުން، ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެފްއޭއެމާ ގުޅޭ 14 މައްސަލައެއް ވަނީ ފާހަގަކުރެވިފަ އެވެ. އެ މައްސަލަތަކުން ފެންނަން ހުރި މައުލޫމާތުތަކަށް ބަލާއިރު، އެކި ކުންފުނިތަކާ އެކު އެފްއޭއެމުން ހިންގާފައިވާ މާލީ މުއާމަލާތްތަކުގައި އެފްއޭއެމުން ނިންމަންޖެހޭ ކަންކަން 22 މިލިއަން ރުފިޔާ އަށް އަރަ އެވެ.
ކޯޓުގައި ރަޖިސްޓްރީވެފައިވާ ބައެއް މައްސަލަތައް:
- ވެމްކޯ އަށް 93،750 ރުފިޔާ ދޭން ޖެހޭ މައްސަލައެއް
- އޭޑިކޭ ހޮސްޕިޓަލް އަށް 1،703،084.75 ރުފިޔާ ދޭން ޖެހޭ މައްސަލައަކާއި 1،52،082.93 ރުފިޔާ ދޭން ޖެހޭ މައްސަލައެއް.
- އެޕޯލޯ ހޯލްޑިންސް އަށް ދޭން ޖެހޭ 13،000،000 ރުފިޔާގެ ބަދަލުގައި ކޯޓުން ބޭރުން މައްސަލަ ހައްލުކޮށްފައިވަނީ ހުޅުމާލޭގައި ގާއިމްކުރާ ފުޓްބޯޅަ ސްކޫލްގެ ބިމުން ކުލި ނުދައްކާ ގޮތަށް 25 އަހަރަށް ދީފައި.
- ބްރައިޓް ބްރަދާސް ޕްރައިވެޓް ލިމިޓެޑް އަށް 370،153.92 ރުފިޔާ ދޭން ޖެހޭ މައްސަލައެއް.
- އެލް މޯލްޑިވްސް އަށް 3،089،000 ރުފިޔާ (މިއީ، 200،000 ޑޮލަރުގެ މުއާމަލާތެއްގެ މައްސަލައެއް)، އެލް މޯލްޑިވްސް އަށް 459،387 ރުފިޔާ ދޭން ޖެހޭ މައްސަލައެއް.
- ބީހައިވް ހޮޓެލް 500،008 ރުފިޔާ އަށް ދޭން ޖެހޭ މައްސަލައެއްް (މިއީ، 32،426 ޑޮލަރުގެ މުއާމަލާތާ ގުޅޭ މައްސަލައެއް) އަދި ބީހައިވް ހޮޓެލް އަށް 1،575،721.54 ރުފިޔާ ދޭން ޖެހޭ މައްސަލައެއް. (102،186.87 ޑޮލަރުގެ މުއާމަލާތާ ގުޅޭ މައްސަލައެއް)
- ވެލިގާ ހާޑްވެއާ އަށް 176،757.1 ރުފިޔާ ދޭން ޖެހޭ މައްސަލައެއް.
- އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑް އަށް 152،082.93 ރުފިޔާ ދޭން ޖެހޭ މައްސަލައެއް.
- ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް 308،400 ރުފިޔާ ދޭން ޖެހޭ މައްސަލައެއް.
- އެމްއެސްފައިނޭންސް ކަރަންސީ އެކްސްޗޭންޖް އަށް 50،000 ޑޮލަރު (871،000 ރުފިޔާ) ދޭން ޖެހޭ މައްސަލައެއް.
މިއީ މިހާތަނަށް ކޯޓުގައި ރަޖިސްޓްރީވެފައިވާ މައްސަލަތަކެވެ. "އަދަދު" އަށް މައުލޫމާތު ދިން ފަރާތަކުން ހާމަކުރި ގޮތުގައި، އެފްއޭއެމްގެ އިތުރު މައްސަލަތަކެއް އޮތީ ކޯޓަށް ވެއްދުމުގެ މަރުހަލާގަ އެވެ. އެއީ އެފްއޭއެމާ އެކު ހަދާފައިވާ އެއްބަސްވުންތަކާ އެއްގޮތަށް، އެ އެސޯސިއޭޝަނުން އަމަލުނުކުރާތީ އެެވެ.
ދާދި ފަހަކުން، އެފްއޭއެމުން ފައިސާ ނުދައްކައިގެން، ބަންގްލަދޭޝްގެ ހޮޓަލަކުން ވެސް ޝަކުވާކޮށްފައިވެ އެވެ. އެ ގޮތުން، ގައުމީ ފުޓްބޯޅަ ޓީމުން، މިދިޔަ އޮކްޓޫބަރު މަހު ވޯލްޑް ކަޕް ކޮލިފައިންގައި ބަންގްލަދޭޝް އަށް ގޮސް ތިބި ހޮޓަލަށް އެފްއޭއެމުން ދޭން ޖެހޭ ފައިސާ، 19،651.38 ޑޮލަރު (303،000 ރުފިޔާ) އެ މުއްދަތުގައި ނުދައްކަ އެވެ.
މި މައްސަލަ ގޯސްވިޔަނުދޭން، ޔޫތު މިނިސްޓްރީން ވަނީ އެ ފައިސާ އެފްއޭއެމަށް ނުދެއްކިއްޖެ ހާލަތެއްގައި އޭގެ ޒިންމާ ނަގާނެ ކަމަށް ބުނެފަ އެވެ.
ކުރީ ސަރުކާރު ގޯސްކޮށްގެން ބައްސާމަށް ފުއްދާލެވެން ނެތް!
ރާއްޖޭގެ ފުޓްބޯޅަ އިންތިހާ އަށް ކަންބޮޑުވާން ޖެހޭ ހާލަތަށް ގޮސް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އެތައް ގޮތަކުން ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ދިފާއުގައި ދެއްވި އިންޓަވިއުގައި ކުރީ ސަރުކާރަށް ވަނީ ފާޑުކިޔާފައި
ކުރީ ސަރުކާރު ގޯސްކޮށްގެން ބައްސާމަށް ފުއްދާލެވެން ނެތް!
ރާއްޖޭގެ ފުޓްބޯޅަ އިންތިހާ އަށް ކަންބޮޑުވާން ޖެހޭ ހާލަތަށް ގޮސް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އެތައް ގޮތަކުން ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ދިފާއުގައި ދެއްވި އިންޓަވިއުގައި ކުރީ ސަރުކާރަށް ވަނީ ފާޑުކިޔާފައި
ދާދި ފަހުން އެފްއޭއެމްގެ ރައީސް ބައްސާމް، ސަންގު ޓީވީ އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، ކުރީ ސަރުކާރުގެ ބައެއް ފަރާތްތަކުން، އެފްއޭއެމް އަށް ކުންފުނިތަކުން ސްޕޮންސަ ނުދޭން އަންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެހެން ނަމަވެސް މިހާރު ފެންނަން ހުރި ކަންކަމަށް ބަލާއިރު، ކަންކަން މިހާލަތަށް ދާން ޖެހުނު އަސްލު މަންޒަރު ސާފުވެ އެވެ. އެފްއޭއެމަށް ފައިސާ ދޭން ސްޕޮންސަރުން ފަސްޖެހޭ އެންމެ ބޮޑު ސަބަބަކީ އެ އިދާރާ ހިންގުމާ ހަވާލުވެ ހުރި ފަރާތްތަކުގެ ހިޔާނަތްތެރިކަމުގެ މައްސަލަ ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދިޔުމެވެ.
ފުޓްބޯޅަ ކްލަބްތަކުން ވެސް ސްޕޮންސަރުން ހޯދަން ކުރަން ޖެހޭ މަސައްކަތް އިންތިހާ އަށް އޮތީ ބޮޑުވެފަ އެވެ. ގިނަ ކްލަބްތަކަށް ސްޕޮންސަރުން ހަމަޖެހެނީ ވެސް އުންމީދުކުރާ މިންވަރަށް ވުރެ މާ ދަށްކޮށެވެ. ކުންފުނިތަކުން މިހާރު ފުޓްބޯޅަ އަށް ހަރަދުކުރަނީ "ކުޑަ ހައިރާތެއް" ކޮށްލާ އުސޫލުންނެވެ. ފައިދާއެއް ލިބޭ ފަދަ ދެމެހެއްޓެނިވި ގޮތެއްގައި ކުރާ އިންވެސްޓްމަންޓެއްގެ ގޮތުގައެއް ނޫނެވެ.
ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން މީގެ ކުރިން ފުޓްބޯޅަ އަށް ގަވާއިދުން އިންވެސްޓްކުރެ އެވެ. އެކަމަކު، އެކަން ކުރުމަކީ ދެކޮޅު ނުޖެހޭ ކަމެއްގެ ގޮތުގައި ބައެއް ކުންފުނިތަކަށް ބެލެވެން ފެށީ، އެފްއޭއެމްގެ ހިންގުމުން ދޯދިޔާ ވާން ފެށި ހިސާބުންނެވެ.
އެފްއޭއެމް އިން 2023/24 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ބާއްވާނީ މުޅި ރާއްޖެ އަށް ފުޅާކޮށްލައިގެން ކަމަށް ބުނެ، "އަޑު ހަރުކޮށް" އެ ވާހަކަ ދެއްކި އެވެ. މުޅި ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައިގެން، ލީގުގެ ކޮލިފިކޭޝަން ފެށި އެވެ. އެ ގޮތުން ބައެއް ޒޯންތަކުގެ ފުރަތަމަ މުބާރާތްތައް ނިމިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެހެން ނަމަވެސް ބައެއް ރަށްތަކުން ޕްރެކްޓިސް ހުއްޓާލަން ޖެހުނީ މުބާރާތް "ވާނުވާ" އަށް ދިއުމުންނެވެ.
ލީގު ކޮލިފިކޭޝަންގެ ސައުތު ޒޯންގެ މެޗުތައް މިދިޔަ އޮގަސްޓް މަހު ފަށާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް، މިދިިޔަ ޖުލައި މަހު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.
އެކަމަކު، ބައްސާމްގެ ދައްކަވަމުން އައި އެހެން ވާހަކަތަކޭ އެއްގޮތަށް މި ކަން ވެސް ދިޔައީ "ފަނުފުލުން" ނެވެ. ސައުތު ލީގެއް ނުފެށުނެވެ. އެކަން ކުރާނެ ބަޔަކު ނެތީ، ދޭން ޖެހޭ ފައިސާ ނުދޭތީ އެެވެ.
ސައުތު ލީގުގެ ސްޕޮންސަރުންގެ ގޮތުގައި މިދިޔަ އަހަރު ހަމަޖެއްސި އެސްޓީއޯ އެވެ. މައުލޫމާތު އެނގޭ މީހަކު، "އަދަދު" އަށް ބުނީ އެސްޓީއޯ އިން ވަނީ ސައުތު ލީގަށް ހިނގާނެ ކަމަށް އެފްއޭއެމް އިން ފުރަތަމަ ދޭން ބުނި ޕޭމަންޓް ދީފައި ކަމަށެވެ. އެކަމަކު، އެ ފައިސާ ވެސް އެފްއޭއެމްގެ އަމިއްލަ ކަންކަމަށް ބޭނުންކޮށް، މިހާރު އެ ފައިސާ އެއް ވެސް ނެތް ކަމަށްވެ އެވެ.
"ކިހިނެއް (ސައުތު) ލީގު ފަށާނީ؟ ފައިސާއެއް ނެތް. އެ ބޭނުންކޮށްފި. އެ ލީގު ނުބާއްވައިފިއްޔާ، އެ ފައިސާ އެސްޓީއޯ އަށް ދައްކަން ޖެހޭ، އެކަމަކު، އެ ފައިސާ ދެވޭނެ ފަދަ ވެސް އެފްއޭއެމް އަކު ނެތް،" އޭނާ ބުންޏެވެ.
އެފްއޭއެމުން ބޭނުންކޮށްފައިވަނީ ހަމައެކަނި ސްޕޮންސަރުން ފުޓްބޯޅަ އަށް ދިން ފައިސާ އެކަންޏެއް ނޫނެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ވެސް އެ އެސޯސިއޭޝަނުން ވަނީ ބޭނުންކޮށްފަ އެވެ.
އެ ގޮތުން، 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު، މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ގެ ހާއްސަ ދައުވަތަކަށް ޅ. ކުރެއްދޫ ރިސޯޓްގައި ގާއިމްކޮށްފައިވާ ފުޓްބޯޅަ ދަނޑުގައި ކުޅުނު 1.2 މިލިއަން ރުފިޔާގެ އަގުބޮޑު މެޗުން، މޮޅުވުމުން ގައުމީ ޓީމަށް ދޭން އެ ފައިސާ އެފްއޭއެމާ ހަވާލުކުރި އެވެ.
އެކަމަކު، އެކި ފަހަރު މަތިން އެކި ގޮތަށް ވާހަކަ ދައްކައި، މިއަދާ ހަމައަށް ވެސް އެފްއޭއެމުން އެ ފައިސާ ކުޅުންތެރިންނަށް ބަރާބަރަށް ދީފައިނުވެ އެވެ. އެ ފައިސާ އެފްއޭއެމްގެ ކަންކަމަށް ބޭނުންކުރި ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ މިދިޔަ ޖުލައި މަހު ނޫސްވެރިންގެ ބައްދަލުވުމުގައި އެއްބަސްވެފަ އެވެ.
މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން، ރާއްޖޭގެ އެންމެ ބޮޑު ލީގު، އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށީ، މެދުކަނޑާލާފައި އޮންނަތާ 79 ދުވަސް ފަހުންނެވެ. ލީގު އަލުން ފެށިއިރު، މާލީ ދަތިތަކާ ހުރެ، ދެ ކްލަބުން (ކްލަބް ވެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓްސް) ނަން ނަގައިފި އެވެ.
ހަ ޓީމުގެ މެދުގައި ޕްރިމިއާ ލީގު ކުޅެންޖެހުނުއިރު، އެފްއޭއެމުން ދެން ނިންމީ ތިން ވަނަ ބުރެއް ނުކުޅެ، ދެ ވަނަ ބުރުން ލީގު ނިންމާލުމަށެވެ. މިއީ، މި ވަގުުތުގެ ހާލަތަށް ބަލާއިރު، އެފްއޭއެމަށް އިތުރު ގޮތެއް ނެތިގެން އައި ނިންމުމެކެވެ. މުސާރަ ނުދޭތީ މުވައްޒަފުން ނުނިކުންނައިރު، ހެޔޮހިތުން ބޯޅަ ހޮވާލަން އަންނާނެ ކުއްޖެއް ވެސް ނެތީ އެވެ.
އެފްއޭއެމް އިން ވަނީ ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް، އަސްލު ބާއްވަން ބުނި ތާރީހަށް ވުރެ ފަސްކޮށްފަ އެވެ. މިހާރު ކްލަބްތަކުން ތައްޔާރުވަމުން އަންނަނީ ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި ކުޅޭނެ އެންމެ އަގުބޮޑު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށެވެ. ޓީމުތަކުން މިލިއަނުން ހަރަދުކޮށް، ޓީމު ވަރުގަދަކުރަމުން އަންނައިރު، އެންމެ ބޮޑު ކަންބޮޑުވުމަކީ، އެފްއޭއެމްގެ މިހާރު ހާލަތު އޮތްގޮތުން، އެ މުބާރާތް ރަނގަޅަށް ކުރިއަށްދާނެތޯ ނޫނީ އޮންނާނެތޯ އުފެދޭ ސުވާލާ މެދުގަ އެވެ. ޓީމުތަކުން އަންނަނީ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކަންކަން ވަރަށް ގާތުން ބަލަމުންނެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި، އެފްއޭއެމްގެ މުވައްޒަފުންނަށް ނުލިބި ހުރި މުސާރަތައް ހަމަނުޖެހި، މުބާރާތްތައް ހިންގުމުގެ ކަންކަން ކުރަން މުވައްޒަފުން ދާން ބޭނުމެއް ނުވެ އެވެ. އެހެންވެ، އެފްއޭއެމް އިން އަންނަނީ އެހެން ބަޔަކާ ގުޅިގެން ދެ ވަނަ ޑިވިޝަންގެ ކަންކަން ކުރިއަށް ގެންދަން މަސައްކަތް ކުރަމުންނެވެ.
މިހާރު ރާއްޖޭގެ މައި ފުޓްބޯޅަ ލީގު، ކުރިއަށްދާ ހާލަތަށް ބަލާއިރު، މި މަހު 10 ވަނަ ދުވަހު، ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ފަށާނެ ކަމަށް އެފްއޭއެމުން ބުނި ނަމަވެސް އެކަން އެ ގޮތަށް ނުހިނގައިފާނެ ކަމުގެ ބިރު ވެސް އެބައޮތެވެ.
އެފްއޭއެމުން މި އަހަރު، އަމިއްލަ ފަރާތަކާ ގުޅިގެން، ގައުމީ ފުޓްސަލް ލީގެއް ވެސް ބާއްވަން މަޝްވަރާ ކުރި އެވެ. އެކަމަކު، އެ ކަން ވެސް އޮތް ހިސާބުގައި މަޑުޖެހިފައި އޮތީ، މީގެ އެފްއޭއެމުން ނިންމަން ޖެހޭ ކަންކަން ނުނިމި ހުރީމަ އެވެ.
މިހާރު މި ފެންނަ ކަންކަމަށް ބަލާއިރު، އެފްއޭއެމްގެ ހިންގުން "ނޭވާހޮޅިއަށް" އެޅިފައި އޮތް މި ވަގުތު، އެ އެސޯސިއޭޝަނުން ޝެޑިއުލްކޮށްފައިވާ މުބާރާތެއް ބަރާބަރަށް ހިނގައިފާނެ ކަމަށް ސުވާލު އުފެދެ އެވެ. ހަލުވި ދުވެއްޔެއްގައި އެފްއޭއެމްގެ ހާލަތު ބަދަލުވެގެން ނޫނީ އެފްއޭއެމްގެ މި ހަރަކާތްތައް ކުރިއަށް ނުދާނެ އެވެ.
ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު، ތިން ވަނަ ފަރާތުގެ ނުފޫޒު ފޯރައިގެން، މިދިޔަ ދޮޅު އަހަރެއްހާ ދުވަސްތެރޭ، ސްރީ ލަންކާ، އިންޑިއާ އަދި ޕާކިސްތާން ވަނީ ސަސްޕެންޑްކޮށްފަ އެވެ. ތިން ހާލަތެއް މެދުވެރިވެގެން، އެ ތިން ގައުމު ސަސްޕެންޑްކުރިއިރު، ލަންކާގެ ސަސްޕެންޝަނަށް ހަތް މަސް ވި އެވެ. އިންޑިއާ ސަސްޕެންޑްކޮށްފައި އޮތީ ހަފްތާއެއްހާ ދުވަހަށެވެ. ސަސްޕެންޝަނަކަށް ފަހު، މި ތިން ގައުމުން ވެސް ފުޓްބޯޅައިގައި މިހާރު އަންނަނީ އަވަަސް ނިންމުންތަކަކާ އެކު ކުރިއެރުން ހޯދަމުންނެވެ.
ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނާ ގުޅޭ މައްސަލައެއްގެ ޖިނާއީ ތަހުގީގު މިހާރު ކުރަމުން އަންނައިރު، މި ކަންކަމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ ސަސްޕެންޑްކޮށްފާނެ ފަދަ ހާލަތެއް މެދުވެރިވެދާނެތޯ، އެ ސުވާލު އަންނަނީ ކުރިމަތިވަމުންނެވެ.
ބައެއް ފަރާތްތަކުގެ ވިސްނުމަކީ، ސަސްޕެންޝަނެއް އައިސްގެން ވެސް ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ބަދަލުވާން ޖެހޭ ކަމެވެ. އަނެއް ބައި ފަރާތްތަކުން ދެކޭގޮތުގައި، ރާއްޖޭގެ ފުޓްބޯޅަ ސަސްޕެންޝަނެއްގައި ނެތަސް މި ވަގުތު އޮތީ ކުރިއެރުމެއް ނުފެންނަ، "ހަރަކާތެއް ނެތް" ހާލަތެކެވެ.
އެފްއޭއެމްގެ ހިންގުން ބަދަލުވާން ޖެހޭ އެންމެ ބޮޑު ސަބަބަކީ މިހާރު އޮތް އެސޯސިއޭޝަންގެ ލީޑަޝިޕްގެ އަގު ވެއްޓިފައިވުމެވެ. އެ ލީޑަޝިޕާ އެކު، އެފްއޭއެމް އިތުރަށް ގުނާ ކޮންމެ ދުވަހެއް އެއީ، ދިވެހި ރައްޔިތުންގެ ކުރިމަތީގައި ގައުމުގެ ފުޓްބޯޅައިގެ އަގު އިތުރަށް ވެއްޓޭނެކަން ފެންނަން ހުރި ކަންކަމުން ސާފުވެ އެވެ.
20.00%
0.00%
0.00%
80.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ބަސް ނާހާ
over 1 year ago
އަދިވެސް ކްލަބް ތަކުން ބައްސާމް އަށް ވޯޓު ދީ އަނެއް ދައުރަށް މި ބުރާންތި ހޮވާ މީގަ ކްލަބް ތަކުގެ ޒިންމާ ވ ބޮޑު
އަރަތް
over 1 year ago
ކޭޕާކު މަންޑޭގެ މުއްސަނދި ދިރިއުޅުން ފޮޓޯއިން ހާމަކުރިގޮތަށް ބައްސާމުގެ އަގުބޮޑު ދިރިއުޅުން ވެސް ނޫސްތަކަށް ތިލަކޮށްދޭންވާނެ
ޟުހުނީ
over 1 year ago
ދިވެހިފުޓުބޯޅަ މިލެވަލްއަށްވައްޓާލީ، އެފް. އޭ.އެމް. މިހާރުވެސް ކޮންޓްރޯލްކުރާ، ވީބީ ސަވީދު.
ނަބީހް
over 1 year ago
ރަސޫލުﷲޞައްލަﷲޢަލައިހިވަސައްލަމް ހަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަމާނާތްތެރިކަން ނަގައިލެވިއްޖެނަމަ (ދަންނާށެ!) އެހިނދު ޤިޔާމަތްދުވަހަށް ތިބާ އިންތިޒާރު ކުރާށެވެ" އެހިނދު ޞަޙާބީ ދެންނެވިއެވެ. "ﷲ ގެ ރަސޫލާއެވެ.އަމާނާތްތެރިކަން ނަގައިލެވޭނީ ކިހިނަކުންތޯއެވެ؟" ޙަދީސްކުރެއްވިއެވެ. " އެކަމުގެ ޤާބިލްކަމާއި، އަހުލުވެރިކަން ނެތް މީހަކާ، ކަންކަން ހަވާލުކުރެވިއްޖެނަމަ ތިބާ ޤިޔާމަތްދުވަހަށް އިންތިޒާރުކުރާށެވެ."
ޙަތަރު ލޯ
over 1 year ago
ބްރައިޓް ބްރަދާސްއިން ޗާންދަނީމަގުގައި ހެދި ރެސްޓޯރަންޓް ހިންގި އިމާރާތަށް އެފްއޭއެމް ބަދަލުކޮށް، އެތާހުރި ކިޗަން އިކުއިޕްމަންޓްތަކަށް ވީގޮތާ އަގުދެއްކިގޮތްވެސް ބަލާލަން ރަގަޅުވާނެ
އަންނަމާ
over 1 year ago
ލައްކަ ދުވަހު ސަނާކީމެއްނު އައްޒާމް
Comment