Advertisement

ޔޫކޭގައި އަލީ ވަހީދު ހައްޔަރުކުރީ ގާނޫނާ ހިލާފަށްކަމަށް ކަނޑައަޅައި ބަދަލު ދޭން ނިންމައިފި

29 ނޮވެންބަރު 2023 - 15:59 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

އަލީ ވަހީދު، ޔޫކޭއިން އޭނާ ހައްޔަރުކުރީ ގާނޫނާ ހިލާފަށްކަމަށް އެއްބަސްވެ ޔޫކޭ ސަރުކާރުން ވަނީ އޭނާ ކައިރިން މައާފަށް އެދިފައި. --- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޔޫކޭގައި އަލީ ވަހީދު ހައްޔަރުކުރީ ގާނޫނާ ހިލާފަށްކަމަށް ކަނޑައަޅައި ބަދަލު ދޭން ނިންމައިފި

29 ނޮވެންބަރު 2023 - 15:59 0

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސި ވިލާތުގައި ހުއްޓާ އެ ގައުމުގެ ފުލުހުން އޭނާ ހައްޔަރުކުރީ ގާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅައި އިނގިރޭސި ސަރުކާރުން މައާފަށް އެދިއްޖެ އެވެ.

އަލީ ވަހީދު ޔޫކޭ އަށް ވަޑައިގަތީ އޭނާގެ މައްޗަށް އޭރު ތުހުމަތުކުރި ޖިންސީ ގޯނާގެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށެވެ. ބޭސް ފަރުވާއަށް ކަމަށް ބުނެ ފެބްރުއަރީ 10، 2021 ގައި ބޭރަށް ފުރާވަޑައިގަތް ގޮތަށް އޭނާ ރާއްޖެ އެނބުރި ވަޑައިގަތީ މިއަހަރުގެ ޖުލައިގަ އެވެ.

ޔޫކޭގައި އުޅުއްވަނިކޮށް، އެގައުމުގެ އިމިގްރޭޝަން ގާނޫނާ ހިލާފުވި ކަމަށްބުނެ އެ އަހަރުގެ އޮގަސްޓު މަހުގައި އެ ގައުމުގެ ފުލުހުން އޭނާ ހައްޔަރުކޮށް ވަގުތީ ބަންދެއްގައި ބެހެއްޓުމަށް ފަހު ފަހުން ވަނީ ދޫކޮށްލާފަ އެވެ.

އަލީ ވަހީދުގެ ވަކީލުންގެ ޓީމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މައްސަލާގައި ޔޫކޭ އާއި ރާއްޖޭގެ ގާނޫނާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ބުނެ އެކަމުގެެ ސާބިތު "ހެކިތައް" އަލީ ވަހީދު އެ ލޯފާމާ ހިއްސާކުރި ކަމަށާއި އޭރުން ފެށިގެން ދެގައުމުގެ ގާނޫނުތައް ތަންދޭ އެންމެ މަތީ ދަރަޖައެއްގައި އޭނާގެ އެންމެހައި ގާނޫނީ ހައްގުތައް ރައްކާތެރިކޮށް އަދި މަސްލަހަތުތައް ހިމާޔަތްކުރުމުގެ މަސައްކަތްތައް ޔޫކޭގެ ވަކީލުންގެ ޓީމާކާވެސް ގުޅިގެން އެ ލޯފާމުން އައީ ކުރަމުން ކަމަށެވެ.

އަދި ގާނޫނާ ހިލާފަށް ޔޫކޭ އިން އަލީ ވަހީދު ހައްޔަރުކުރި މައްސަލާގައި އެގައުމުގެ ސަރުކާރުގެ މައްޗަށް ދަޢުވާކުރުމުގެ ކުރިން، ވަކީލުންގެ ޓީމުން ޔޫކޭ ސަރުކާރާއެކު މަޝްވަރާކުރުމުން އެ ހައްޔަރަކީ ގާނޫނާއި ހިލާފު ހައްޔަރެއް ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން އެއްބަސްވެފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ގާނޫނާ ހިލާފަށް އަލީ ވަހީދު ހައްޔަރުކޮށްފައިވާތީ ޔޫކޭ ސަރުކާރުގެ ފަރާތުން އޭނާގެ ކިބައިން މައާފަށް އެދިފައިވާ ކަމަށާއި، ހައްޔަރުގެ ސަބަބުން އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 20،000 ޕައުންޑް ދިނުމަށްވެސް ޔޫކޭ ސަރުކާރުން ނިންމާފައިކަމަށްވެސް ބުންޏެވެ.

އެ ބަޔާނާއެކު އަލީވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަގުތު ނެގިއަސް ހައްގަށް ނަސްރު ލިބޭނެ ކަމަށާއި ހަމްދު ކުރަނީ ހެއްދެވިފަރާތަށް ކަމަށެވެ.

އަލީ ވަހީދު މައްޗަށް ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފައިވެ އެވެ.

ނަމަވެސް އަނިޔާ ލިބުނު ކަމަށް ބުނާ މީހުންނާއި ހެކީންގެ ގޮތުގައި ބަޔާން ދިން މީހުން މައްސަލަ ކުރިއަށްގެންދަން ބޭނުން ނުވާ ކަމަށް ބަޔާންކޮށް، އެ އޮފީހަށާއި ފުލުހުންނަށް ސިޓީއެއް ފޮނުވުމުން ޕީޖީން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.