Advertisement

އިންސާފު ނެތް ދައުލަތެއް: "ކުށެއް ނެތް" ސިޔާސީ ވެރިންގެ ވާހަކަ!

10 ޖޫން 2024 - 10:09 3

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އާޓުވޯކް: ރައްޔާން މުހައްމަދު/އަދަދު


އިންސާފު ނެތް ދައުލަތެއް: "ކުށެއް ނެތް" ސިޔާސީ ވެރިންގެ ވާހަކަ!

10 ޖޫން 2024 - 10:09 3

"ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން މިހިނދުން މިނދަށް ނިންމުން، އެކަން މި ނިންމީ."

ދިވެހި ދައުލަތުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ހުވާ ކުރެއްވުމަށް ފަހު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިފަދައިން ޔަގީންކަން ދެއްވީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

އަދުލު އިންސާފުގެ ހިދުމަތުގައި އިންސާފު ނެތުމުގެ ޝަކުވާ ޒަމާނުއްސުރެން ފެށިގެން މި މުޖުތަމައުގައި އޮތުމުންނެވެ. އިއްޒަތްތެރިންނަށް ދެވޭ އިންސާފުގެ ހިދުމަތާއި އާންމު މީހާއަށް ދެވޭ އިންސާފުގެ ހިދުމަތުގައި ތަފާތުކުރުންތަކެއް އުޅޭ ކަމުގެ އިހުސާސް ކުރަން ޖެހޭތީ އެވެ. ވާދަވެރިންގެ ގޮތުގައި ތިބި ސިޔާސީ މީހުންނަށް އަމާޒުކޮށްގެން ޝަރީއަތްތައް ހިންގަން އުޅޭ ތަން ވެސް ފެނިފައި ވާތީ އެވެ.

ރައީސް މުއިއްޒު، ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި މައިގަނޑު ގޮތެއްގައި ދެއްކެވީ، އެމަނިކުފާނުގެ ސިޔާސީ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމަކީ "ސިޔާސީ ހުކުމެއް" ގޮތަށެވެ. ބަދަލު ހިފުމާއި ޕާޓީގެ މީހުނަށް ވީތީ އިންސާފު އަރާ ހަމަނުވުމަކީ އެމަނިކުފާނުގެ ވެރިކަމުގައި ނުފެންނާނެ ކަމެއް ގޮތަށެވެ. އެމަނިކުފާނުގެ ވެރިކަން ވާނީ "އަދުލުވެރި" ވެރިކަމަކަށް ކަމަށެވެ.

"ހަމައެކަނި ޖުޑިޝިއަރީއެއް ނޫން، ސަރުކާރުން ވެސް އަދުލުވެރިކަން ގެންގުޅެން ޖެހޭ، ސަރުކާރުގެ ހުރިހާ ކަމެއްގައި ވެސް އެ އަދުލުވެރިކަން އެބަ ޖެހޭ ގެންނަން، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ވެސް އެ އަދުލުވެރިކަން ގެންނަން އެބަ ޖެހޭ، އަޅުގަނޑުމެން ގެންނަ ސަރުކާރެއް ވާނީ، އިރާދަކުރެއްވިއްޔާ، އަދުލުވެރިކަން އޭގެ ފުރިހަމަ މާނައިގައި ގާއިމުކޮށްދޭ ސަރުކާރަކަށް،" ރައީސް ވައުދުވެވަޑައިގެންފައިވެ އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ރައްޔިތު މީހާ އެ އެންމެ އެދޭ ކަންކަމުގެ ވައުދުވާން ސިޔާސީ ވެރިންނަށް މަޖުބޫރުވާނެ އެވެ. އިންސާފު ނެތުމުގެ އިހުސާސް ރައްޔިތުން ކުރާ ކަން، ވޭތުވެދިޔަ 10 އަހަރަށް ބަލައިލިޔަސް ފެނެ އެވެ.

ރައީސް މުއިއްޒުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވެރިކަމަށް ވަޑައިގަތީ "އިންސާފު"ގެ ވާހަކަ ދައްކައިގެނެވެ. ރައީސް މުއިއްޒު ވެސް އޭރުގައި ވަޒީރެއްގެ ހައިސިއްޔަތުން ބައިވެރިވި، ޔާމީނުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ލީޑަރުންނަށް ކުރިމަތިވި ބަންދުގެ ވާހަކަ ދައްކައިގެނެވެ. ޖުޑިޝަރީއަށް ސިޔާސީ ނުފޫޒު ނުފޯރުވާނެއޭ ވެސް އެމަނިކުފާނަށް ވެސް ގިނަ ގިނައިން ވިދާޅުވާން ޖެހުނެވެ.

"ވެދާނެ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ނުފޯރުވަންވާ ބާރު ޖުޑިޝަރީއަށް ފޯރުވަނީ ކަމަށް، ހަމަގައިމު ވެސް އަޅުގަނޑު އެ ކަމެއް ނުކުރާނަން، އަޅުގަނޑު އެ ބާރުތައް ދޫކޮށްލާނަން، މިނިވަން ކަމާ އެކީގައި ޖުޑީޝަރީ ވެސް ފަންކްޝަން ކުރާނެ،" އިންތިހާބީ ރައީސްގެ ގޮތުގައި މީޑިއާއަކާ ވާހަކަ ދައްކަވައިގެން ސޯލިހު އޭރުގައި ވިދާޅުވެފައިވެ އެވެ.

އިންސާފުގެ ހިދުމަތް، އިންސާފުވެރިކަމާއެކު ފޯރުކޮށްދިނުމާއި ޖުޑިޝަރީއަށް ސިޔާސީ ނުފޫޒު ނުފޯރުވުމުގެ އިތުރުން ދައުލަތުން ފޯރުކޮށްދޭ ކޮންމެ ހިދުމަތެއް ވެސް އަދުލުވެރިކަމާ އެކު ފޯރުކޮށްދޭން ވައުދުވިޔަސް އެ މަގުން ދައުލަތުގެ ކަންކަން ހިނގާ ކަމީ އަދިވެސް ސުވާލެކެވެ. ވަށައިގެން ހިނގާ ކަންކަމަށް ބަލާއިރު އެ ކަމުގެ އިހުސާސް އަދިވެސް ރައްޔިތުންނަށް ނުކުރެވޭ ކަމަށް ބުނުމުގެ ޖާގަ އަދިވެސް އެބަ އޮތެވެ.

އާންމު މީހާއާއި އިއްޒަތްތެރީން ތަފާތު ކުރޭ

އާންމު ރައްޔިތު މީހާާއާއި ސިޔާސީ މީހަކާ ތަފާތު ގޮތަކަށް އަމަލުކުރާ ކަން، ކޯޓުތަކުގައި ހިނގާ މައްސަލަތައް ކަވަރު ކުރަން ފެށީއްސުރެން އަމިއްލަ ތަޖުރިބާއިން ވެސް ފެނިފައިވެ އެވެ.

އެއް ކަމަކީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުގައި ހުންނަން ޖެހުމެވެ. އެތައް ދުވަހަކު ބަންދުގައި ހުރުމަށް ފަހު ކުށް ސާބިތު ނުވާ ކަމަށް ކޯޓުން ކަނޑައެޅިއަސް ވަގުތުން އޭނާ މިނިވަނަކަށް ނުވެ އެވެ. އެ ދެމެދަށް ކަރެކްޝަންގެ ބައެއް އިޖުރާއަތްތަކަކާއި މަރުހަލާތަކެއް ފުރިހަމަކުރަން ދުވަހެއް ވަރު އަދި ނަގަ އެވެ.

"ވިސްނައިލީމައި ވެސް އެނގޭނެ، ނުކުރާ ކުށެއް ކަމަށް ކޯޓުން ކަނޑައަޅާއިރު ބަންދުގައި އެތައް ދުވަހެއް މިވީ، ދެން އަދިވެސް ވަގުތުން މިނިވަން ނުވީމައި ހިތުގައި ވެސް ޖެހެނޭ، އެކަމަކު އަޅުގަނޑު ކްލައިޓުން ކައިރީގައި އެބަ ބުނަން، ދެން އެންމެ ރެއެކޭ ވާނީ،" ދިފާއީ ވަކީލު ޔާމީނު ވިދާޅުވި އެވެ.

އެއީ ތެދެކެވެ. ސިޔާސީ ވެރިއަކު އެ ގޮތަށް ބަންދުގައި ދުވަސްތައް ހޭދަ ކުރުމަށް ފަހު ކުށް ސާބިތު ނުވާ ކަމަށް ކޯޓުން ކަނޑައަޅައިފިއްޔާ ވަގުތުން މިނިވަންވީ އެވެ. ކޯޓުން ބޭރަށް ނުކުންނާނީ މިނިވަނެއްގެ ގޮތުގަ އެވެ. އިތުރު އިޖުރާއަތްތަކެއް ފުރިހަމަކުރަން ކަރެކްޝަންސްއިން އެ މީހަކު ނުގެންދާނެ އެވެ. ޝަރީއަތްތަކުގައި ބައެއް ދިފާއީ ވަކީލުން އެ ޝަކުވާ ކުރި ތަން ވެސް ދެކުނީމެވެ.

"ވަރަށް ގިނައިން އެ ކަން ފާހަގަކޮށްފައި ހުންނާނެ، އެހެންވިޔަކަސް ކަން ނިމެނީ، މި ބުނާ ގޮތަށް،" ދިފާއީ ވަކީލެއްގެ ހައިސިއްޔަތުން ކުރަން ޖެހުނު ތަޖުރިބާތައް ޔާމީން ހިއްސާކުރެއްވި އެވެ.

ރިޔާސީ އިންތިހާބުން ޔާމީނަށް ލިބުނު ނާކާމިޔާބީއަށް ފަހު، އޭރު ބަންދުގައި ތިބި ސިޔާސީ ލީޑަރުން މިނިވަންވުމަށް ފަހު ސީދާ ގެއަށް ވަޑައިގަތެވެ. ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަދި އޭރުގެ މަޖިލިސް މެންބަރު އަހުމަދު ފާރިސާއި އޭރުގެ މަޖިލިސް މެންބަރު އަބްދުﷲ ރިޔާޒު ފަދަ ބޭބޭފުޅުން ހައި ކޯޓުން ދޫކޮށްލުމުން ވަގުތުން މިނިވަނެެއްގެ ގޮތުގައި ނުކުންނެވި އެވެ.

މިދިޔަ ސަރުކާރުގައި ޔާމީނަށް ވެސް އެ ފުރުސަތު ލިބުނެވެ. ސުޕްރީމް ކޯޓުން ޔާމީންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނިންމުމުން ކޯޓުން ނުކުމެވަޑައިގަތް އިރު އާންމު މީހާ ކުރިމަތިލާން ޖެހޭ އިތުރު ކަމަކު ކުރިމަތިލާކަށް ނުޖެހުނެވެ. ވަގުތުން މިނިވަންވެ ގެއަށް ވަޑައިގަތީ އެވެ. މި ފަހުން ހައި ކޯޓުން ވެސް އެމަނިކުފާނު މިނިވަންވުމުން ގެއަށް ވަޑައިގަތީ އެ ފަދައިންނެވެ.

ހަނދާނަށް އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ބަންޑުން ކޮށްލެވި ޖަޒުބާތެވެ. ގާނޫނީ ވަކީލު ކަމުގެ ހުއްދަ ވެސް އޮންނަ އަލީ ހުސައިން ވިދާޅުވީ މި ދައުލަތުގައި ހުރިހާ ކަމެއް ފުރިހަމަވި ނަމަވެސް މަދުވެގެން އުޅޭ ހަމައެކަނި ވަސީލަތަކީ އިންސާފެވެ.

"ދިވެހިރާއްޖޭގެ ދައުލަތުގައި ނަމުން ނަން ކިޔައިފިއްޔާ ހުރިހާ އެއްޗެއް އެބަ ހުރި، މަސައްކަތްތެރިކަން، އުމްރާނީ ބިނާ، ތައުލީމު، މަޖިލިސް، ސަރުކާރު، ސަރުކާރު ކުންފުނިތައް، މަދުވާ އެއްޗެއް، ދިވެހި ދައުލަތުގައި ނެތް އެއްޗަކީ ޖަސްޓިސް، ފޯރުކޮށްނުދެވޭ އެއްޗަކީ ޖަސްޓިސް،" އަލީ ހުސައިން ވިދާޅުވި އެވެ.

"އާދައިގެ ނިކަމެތި ރައްޔިތުން ތިބީ އަދިވެސް ޖަލުގައި، އެ ބުުނާ ވާނުވާގައި، ބޮޑެތި މީސްމީހުން، ދައުލަތް ދަވާލި މީހުން، ދައުލަތް ލޫޓުވާލި މީހުންގެ މައްޗަށް ކުށެއް ސާބިތެއް ނުވޭ، ކުށް ސާބިތުވިޔަސް ދެން އަންނަ ހައި ކޯޓުން ނޫނީ ސުޕްރީމް ކޯޓުން އެ މީހުން އެބަ ސަލާމަތްވެއޭ،" އަލީ ވިދާޅުވަމުން ގެންދެވި އެވެ.

ސިޔާސީންނަށް ކުރާ ތުހުމަތުތައް ވާނުވާއަށް

ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވި ކަން އެ އޮތީ އޮޑިޓް ރިޕޯޓުތަކުން ފެންނާށެވެ. އެއަށް ކުރަންވާ ފަންނީ ދިރާސާތައް އެ އޮތީ އެވެ. ޔާމީނުގެ ވެރިކަމުގައި، ޓުއަރިޒަމް މިނިސްޓަރަކަށާއި ނައިބު ރައީސަކަށް އަހުމަދު އަދީބު ހުންނަވައިގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްރަށާއި ފަޅުތަކުން ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވި ކަން އެބަ ފެނެ އެވެ.

ކުރީގެ ސަރުކާރަކީ މި ހިޔާނާތް ބަލައި ހިޔާނާތްތެރީން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ވައުދުވި ސަރުކާރެވެ. އެ ސަރުކާރުގެ މަތިފަޑީގައި ތިބި ބައެއް ވެރިންނަށް ވެސް ހިޔާނާތުގެ ތުހުމަތު އަމާޒުވި އެވެ. ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ދައުވާ ވެސް ކުރި އެވެ. އެކަމަކު ހެކި ވަޒަންކޮށްފައި ދައުވާ ކުރުމަށް ފަހު، ފަހުން ހެކި ނެތް ކަމަށް ބުނެ ދައުވާ އަނބުރާ އޭރުގައި ގެންދިޔައީ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުން ފައިސާ ހޯދި ކަމަށް ތުހުމަތުކުރާ ގިނަ ބަޔަކީ މިހާރުގެ ވެރިކަމުގައި ތިބި ވެރީންނެވެ. އަދީބާއި ޔާމީނާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ފަހު ކުރީގައި ދެން ދައުވާކުރީ އޭގެ ތެރެއިން ކުރީގެ މެންބަރު އަހުމަދު ނިހާނާއި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރުގެ މައްޗަށެވެ. މި މައްސަލަތަކުގެ އަޑުއެހުންތައް ވެސް ކައިރިކައިރީގައި ކޯޓުން ބޭއްވި އެވެ.

އަޖައިބަކީ ކައިރިކައިރީގައި ބާއްވަމުން ދިޔަ އަޑުއެހުންތަކެއް ރިޔާސީ އިންތިހާބަށް ފަހުގައި މަދުވުމެވެ. އަދި އާ ސަރުކާރާ އެކީ އަޑުއެހުމެއް ނެތެވެ.

ހާއްސަކޮށް ރ. ފުއްގިރި މައްސަލާގައި ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތެވެ. މިދިޔަ އަހަރު އޭޕްރީލް، މެއި، ޖޫން، ޖުލައިގައި 14 އަޑުއެހުން ބޭއްވި ނަމަވެސް ޖުލައިގެ ފަހުން މިހާތަނަށް އެންމެ އަޑުއެހުމެކެވެ. އޮގަސްޓް މަހަށް ފަހު އަޑުއެހުމެއް ބާއްވާފައިނުވެ އެވެ. ފަހަރުގައި އެއީ ކޯޓަށް އައި ޖާގައިގެ ތާށި ކަމެވެ.

ދެން އޮތީ ނިހާނުގެ މައްސަލަ އެވެ. ނިހާނަށް ކުރި ދައުވާ އަނބުރާ ގެންދިޔައީ މީގެ ދެ މަސް ކުރިންނެވެ. އެއީ ގާތްގަނޑަކަށް އޭޕްރީލް މަސް ކަމަށް ބެލެވެ އެވެ. 2021، ގައި 10 އަޑުއެހުން އަދި 2022، ގައި 11 އަޑުއެހުން ބޭއްވި ނަމަވެސް 2023، ގައި ބޭއްވީ އެންމެ ހަތަރު އަޑުއެހުމެވެ. މި އަހަރުގެ ހަތަރުވަނަ މަހު ދައުވާ މި ގެންދިޔައީ ފުރަތަމަ ތިން މަހު އަދި މިދިޔަ އަހަރުގެ ފަހު ތިން މަހު އަޑުއެހުމެއް ނުބާއްވަ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިލް ލައްޕައިލަން ބަލާއިރު އަނެއް ބޮޑު ކަންބޮޑުވުމަކީ ރައްޔިތުންގެ ޖަޒުބާތާއި ޝައުގު އެހާ ބޮޑު މައްސަލައެއްގެ ދައުވާ އަނބުރާ ގެންދިޔަ ކަން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ހާމަކުރީ އޭގެ ދެ މަސް ފަހުންނެވެ. އެއީ ވެސް މަޖިލީހުގެ އިދާރާގެ އިސް މަގާމަކަށް ނިހާން އައްޔަން ކުރުމުން ބައެއް މީޑިއާތަކުން ސުވާލު ކުރުމުންނެވެ.

މިއީ މިފަދަ ގޮތަކަށް ދިމާވި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ.

ކުރީގެ ސަރުކާރުގައި އޭރު އެމްޑީޕީއަށް ނިސްބަތްވާ މިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ރިޒާއަށް ދައުލަތުން ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންގޮސްފައިވާ ކަން ވެސް ތިލަވީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރޭ "ޓްރެފިިކިން އިން ޕާސަންސް ރިޕޯޓް" ގައި އެ ކަން ފާހަގަކޮށްފައި އޮވެގެނެވެ. އޭގެ ކުރިއަކުން އެ ކަން ހާމަކޮށްފައެއް ނުވެ އެވެ.

ދެން އޮތީ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ އެވެ. އެ މައްސަލާގައި ވެސް އަލީ ވަހީދުގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިއުމުން އަނބުރާ އޭނާ ރާއްޖެ ވަޑައިގަންނަވަން ނިންމެވި ނަމަވެސް ބެލެވިފައި އޮތީ ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމެއް އޮތުމުން އެ ތަންފީޒުކުރަން ޖަލަށް ދާން ޖެހޭނެ ކަމެވެ. އެކަމަކު އަލީ ރާއްޖެ ވަޑައިގަތީ އެ ހުކުމް ކޯޓުން މާފުކުރި ފަހުން، މިނިވަންކަން އޮތް ކަމުގެ ފުރިހަމަ ޔަގީންކަން ހޯދުމަށް ފަހު އެވެ.

-

ސިޔާސީ "ބޮޑަކު" ކޮށްގެން އުޅޭ ކަމަށް ތުހުމަތުވާ "ބޮޑު ކުށެއް" މި މުޖުތަމައުގައި މިހާރު ވެފައި މި ވަނީ ވަކި މޫސުމަކަށް ފޫހިފިލުވަން ދައްކާ ކަހަލަ ވާހަކައަށެވެ. އެއްވެސް ސީރިއަސް ކަމެއް އޭގައި ނުފެނެ އެވެ. ފުރަތަމަ އެ ވާހަކައެއްގެ އަގު ގަދަކޮށް ބޮޑު ކަންތައްގަނޑަކަށް ހަދައި އެންމެންގެ ސަމާލު ކަމަށް އެ ކަމެއް ހުއްޓުވަ އެވެ. ސިޔާސީ މީހުން ވެސް އެ ވަގުތަށް އެ ވާހަކަ ބޮޑުކޮށްލައިގެން ދެއްކިއަސް ފަހުން އެ ވާހަކައެއް އެ ވަރަކަށް ނުދައްކަ އެވެ.

ފުލުހުންގެ ތަހުގީގު ނިމި، ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، ޖިނާއީ އަދުލުގެ ނިޒާމުގައި އޮތް ލަސްކަމުގައި އެ މައްސަލަ "ތާށިވެ" އެވެ. ދެން މައްސަލަ އަވަސްވުމާއި، ލަސްވެ ދިޔުމާއި، ސާބިތުވުމާއި، ނުވުމާއި، މައްސަލަ ކުރިއަށް ހިނގަހިނގައި އޮއްވާ އަނބުރާ ގެނައުމުގައި ބުރަވަނީ ސިޔާސީ މަސްރަހަށެވެ.

މައްސަލަތައް ގޮސްފައި އޮތް ގޮތުން، އަދި ހިނގަމުންދާ ދުވެއްޔަށް ބަލާއިރު މި ނޫން 'ޕެޓާން'އެއް ނުކުރެހެ އެވެ.