Advertisement

ޕޯޓަލްއިން އޮޓޯކޮށް ދީފައި ހުރި ޕޮއިންޓު ބަދަލުކޮށް، ޝަރުތު ހަމަވާ ކަމަށް ކަނޑައެޅި: އޭސީސީ

29 ނޮވެންބަރު 2023 - 14:04 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އޭސީސީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. މާލޭ ދިރިނޫޅޭ ފަރާތްތަކަށް ވެސް މާލޭގައި ދިރިއުޅޭ ކަމަށް ކަނޑައަޅައި ޝަރުތު ހަމަކޮށް ފްލެޓު ދީފައިވާކަން އެނގިފައިވޭ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ޕޯޓަލްއިން އޮޓޯކޮށް ދީފައި ހުރި ޕޮއިންޓު ބަދަލުކޮށް، ޝަރުތު ހަމަވާ ކަމަށް ކަނޑައެޅި: އޭސީސީ

29 ނޮވެންބަރު 2023 - 14:04 0

ކުރީ ސަރުކާރުން މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގެ ޕޯޓަލް ފަރުމާކޮށްފައި ވަނީ އެއަށް އަޅާ މައުލޫމާތުތަކަށް ބިނާކޮށް އޮޓަމެޓިކޮށް ޕޮއިންޓް ދޭ ގޮތަށް ކަމަށާއި އެގޮތަށް ދީފައި ހުރި ޕޮއިންޓުތައް އެޕްރޫވު ކުރުމުގެ މަރުހަލާގައި ޕޮއިންޓު އިތުރުކޮށްފައިވާކަން އެނގިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކޮށްފި އެވެ.

އެ ސްކީމުގެ ދަށުން ފްލެޓު ދޫކުރުމުގެ ކަންކަން ކުރިއަށްދަނިކޮށް އޭސީސީން ވަނީ އެކަން ހުއްޓުވާފަ އެވެ. އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ހާޒިރުކުރުމުން އޭސީސީން ވަނީ އެ މައްސަލައާ ގުޅޭ ބައެއް މައުލޫމާތުތައް އާންމުކޮށްފަ އެވެ.

އެގޮތުން, ޕޮއިންޓު ދިނުމަށް ފަހު އެންމެ ފުރަތަމަ އާންމުކުރި ލިސްޓާ ގުޅިގެން 325 ޝަކުވާ ލިބުނު ކަމަށާއި އަދި އޭގެ އަލީގައި އެކަމަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް މިނިސްޓްރީއާ ހިއްސާ ކުރި ކަމަށް އޭސީސީން ބުންޏެވެ.

ނަމަވެސް, ފަހުން ލިސްޓުތައް ނެރުނު އިރު ވެސް އެ އިދާރާއިން ހުށަހެޅި ބަދަލުތަކަށް އެކަށީގެންވާ ގޮތެއްގައި އަމަލުކޮށްފައި ނުވާ ކަން އޭސީސީން ފާހަގަކުރި އެވެ. އެއަށްފަހު, އޭސީސިއަށް ފާހަގަކުރެވުނު ބައެއް ކަންކަން ވެސް ހިއްސާކުރި އެވެ.

"ޕޯޓަލްއަކީ ހުށަހަޅާ މައުލޫމާތާ އެއްކޮށް އޮޓޯއިން ޖެނެރޭޓުވޭ އެބަ މާކްސްތައް. އެހެން ނަމަވެސް, އެ މާކްސްތައް އޮޓޯއިން ޖެނެރޭޓުވެފައި ހުންނަ އިރު އެ މާކްސްތައް އެޕްރޫވް ކުރަން ހުންނަ ފަރާތްތައް, ނުވަތަ އޭގެ މައްޗަށް ސުޕަވައިޒް ކުރަން ހުންނަ ފަރާތްތަކުން މާކްސް ބަދަލުކޮށްފައި ހުންނަކަން އަޅުގަނޑުމެންނަށް އެބަ ފާހަގަވޭ," އެ ބައްދަލުވުމުގައި އޭސީސީގެ ނައިބު ރައީސް އަބްދުއް ސަލާމް ވިދާޅުވި އެވެ.

އެގޮތުން, ހުށަހަޅާ ލިޔެކިޔުންތަކަށް ބިނާކޮށް ޝަރުތު ހަމަނުވާ ކަމަށް ސިސްޓަމުން ކަނޑައަޅާ ބައެއް މީހުންނަށް ޕޮއިންޓު ބަދަލުކޮށް އެޕްރޫވަލް ލެވެލްއިން ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި ހުރިކަން އެނގިފައިވާ ކަމަށް ސަލާމް ވިދާޅުވި އެވެ.

"އެޕްލައި ކުރާ ފަރާތަކުން އެބަ ޖަހާ އެ ބޭފުޅާ ދަރިއަކު ނެތް ކަމަށް ފޯމުގައި. ޑީއެންއާރު ސިސްޓަމުން ވެސް އެބަ ދައްކާ ދަރިއަކު ނެތް ކަމަށް. ނަމަވެސް, ދަރިއަކު ހުންނަ ކަމަށް މާކްސް ދޭ ކަމަށް ވަންޏާ މައްސަލަތަކެއް ފާހަގަވޭ. އެބަ އެނގޭ ކޮންމެވެސް ދިމާލަކުން އެ ޕޯޓަލް ތެރެއިން މާކްސް ބަދަލުކުރާކަން," އެކަމުގެ މިސާލެއް ހިއްސާކުރައްވަމުން ސަލާމް ވިދާޅުވި އެވެ.

މާލޭ ދިރިނޫޅޭ ފަރާތްތަކަށް ވެސް މާލޭގައި ދިރިއުޅޭ ކަމަށް ކަނޑައަޅައި ޝަރުތު ހަމަކޮށް ފްލެޓު ދީފައިވާކަން އެނގިފައިވާ ކަމަށް ވެސް އޭސީސީން މިއަދު ހާމަކުރި އެވެ.

އެޕްރޫވް ކުރުމުގައި އުޅުއްވަނީ ދެތިން މީހެއް ކަމަށާއި އެ ޕޯޓަލްއަކީ ރާއްޖޭގައި މިހާތަނަށް އެންމެ ރަނގަޅަށް ޑިޒައިން ކުރި ޕޯޓަލް ކަމަށް ވެސް އޭސީސީން ހާމަކުރި އެވެ. މަގާމުގެ ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތު އެޕްރޫވް ކުރަން ތިބި މީހުންގެ މައްޗަށް ކުރެވޭ ކަމަށް ވެސް އިދާރާއިން ހާމަކުރި އެވެ.