28 ނޮވެންބަރު 2023 - 08:05 0
މުހައްމަދު ޝަހްޒާން
28 ނޮވެންބަރު 2023 - 08:05 0
ފާއިތުވި ދެ ދުވަހުގެ ތެރޭގައި ގަދައަށް ވިއްސާރަކޮށް، ހޮނު އެޅުމުގެ ސަބަބުން އިންޑިއާގެ ގުޖުރާތުން 24 މީހުން މަރުވެ، 23 މީހުން ޒަހަމުވެއްޖެ އެވެ.
އާދިއްތަ ދުވަހާއި އިއްޔެ ވެސް ގުޖުރާތަށް ވަނީ ގަދައަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހިފަ އެވެ. ގުޖުރާތުގެ މީޑިއާއިން ރިޕޯޓުކުރާ ގޮތުގައި އިއްޔެ ހެނދުނާ ހަމައަށް 24 ގަޑިއިރު ތެރޭގައި އެ ސްޓޭޓުގެ ބައެއް ސަރަހައްދުތަކަށް 144 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
ގުޖުރާތަށް ކުރަމުންދާ ވިއްސާރައިގައި ދަނޑުބިންތަކާއި ނައަމްސޫފި ގެންގުޅޭ ދަނޑުވެރިންނަށް ބޮޑެތި ގެއްލުންތައް ވެފައިވެ އެވެ. އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ގުޖުރާތަށް ގަދައަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފަ އެވެ.
ގުޖުރާތަކީ ބޯކޮށް ވާރޭ ވެހުމާއި ފެން ބޮޑުވުމުގެ ހާދިސާތަކަށް އައު ސްޓޭޓެއް ނޫނެވެ. ނަމަވެސް ފިނި މޫސުމުގައި މިވަރުގެ ތޫފާނުތަކަކީ އެ ސްޓޭޓަށް ވެސް އައު ކަމެކެވެ.
ގުޖުރާތަށް 2020 ވަނަ އަހަރު ވެސް ބޯކޮށް ވާރޭ ވެހި ދެ ދުވަސް ތެރޭގައި 14 މީހުން މަރުވެފައިވެ އެވެ. އޭގެ ކުރީ އަހަރު ވިއްސާރައާ ގުޅުންހުރި ހާދިސާތަކުގައި އެ ސްޓޭޓުން 31 މީހުން މަރުވެފައިވެ އެވެ.
ކޮންމެ އަހަރަކު ވެސް ހޮނު އެޅުމާއި ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތަކުގައި އިންޑިއާއިން އެތައް ބަޔަކު މަރުވަމުންދެ އެވެ.
ދުނިޔެ ހޫނުވަމުންދާލެއް ހަލުވި ކަމުން، މިފަދަ ތޫފާނުތަކާއި ކާރިސާތައް ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެވެސް އެތައް ގުނައެއް އިތުރުވާނެ ކަމަށް ސައިސްވެރިން އިންޒާރު ކުރެ އެވެ.
Comment