Advertisement

ފަލަސްތީނު ހަނގުރާމަ މެދުކަނޑާލާފައި އޮންނަ މުއްދަތު އިތުރު ދެދުވަހަށް އިތުރުކޮށްފި

28 ނޮވެންބަރު 2023 - 05:41 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ގާޒާއަށް ދިން ހަމަލާއެއްގައި ބިމާ ހަމަވެފައިވާ އިމާރާތެއްގެ ކައިރިން މީހަކު ހިނގާފައި ދަނީ -- ފޮޓޯ: ސީއެންއެން


ފަލަސްތީނު ހަނގުރާމަ މެދުކަނޑާލާފައި އޮންނަ މުއްދަތު އިތުރު ދެދުވަހަށް އިތުރުކޮށްފި

28 ނޮވެންބަރު 2023 - 05:41 0

ހަމާސްއާ ދެކޮޅަށް އިޒްރޭލުން ކުރަމުންގެންދާ ހަނގުރާމަ އިތުރު ދެ ދުވަހަށް މެދުކަނޑައިލުމަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ، ގަތަރުގެ ފޮރިން މިނިސްޓަރީން ބުނެފި އެވެ.

ހަނގުރާމަ މެދުކަނޑާލައިފައި އޮންނަ މުއްދަތު އިތުރު ކުރުމަށް އެއްބަސްވުމަކަށް އައިސްފައި ވާކަން ހަމާސްއިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

އިޒްރޭލާއި ހަމާސްއާ ދެމެދު މިދިޔަ ހަފުތާގައި ފުރަތަމަ ވީ އެއްބަސްވުމުގެ ދަށުން ހަނގުރާމަ ހުއްޓާލާފައި އޮންނަ މުއްދަތު މާދަމާއަށް ހަމަވާނެ އެވެ. އެ އެއްބަސްވުމުގެ ދަށުން މިހައިތަނަށް ހަމާސްއިން ވަނީ 58 އަސީރުން މިނިވަން ކޮށްފަ އެވެ. ބަދަލުގައި އިޒްރޭލުން މިނިވަން ކޮށްފައި ވަނީ 117 ފަލަސްތީނީންނެވެ.

ހަނގުރާމަ ހުއްޓާލާފައި އޮންނަ މުއްދަތު އިތުރު ކުރުމަށް ދެފަރާތުން އެއްބަސްވެފައި މިވަނީ ހަމާސްއިން މިނިވަން ކުރާ ކޮންމެ 10 އަސީރުންގެ ބަދަލުގައި އިޒްރޭލުން 30 ފަލަސްތީނީން މިނިވަން ކުރާ ގޮތަށެވެ.

ހަނގުރާމަ މިހާރު އޮތީ ވަގުތީ ގޮތުން މެދުކަނޑާލައިފައި ނަމަވެސް އުއްމީދަކީ ހަނގުރާމަ އެއްކޮށް ހުއްޓާލުން ކަމަށާއި މަސައްކަތް ކުރަމުން ދަނީ ވެސް ހަނގުރާމަ އެއްކޮށް ހުއްޓައިލެވޭނެ މަގެއް ފެނޭތޯ ކަމަށް ހަމާސްގެ އިސް އޮފިޝަލް، ގާޒީ ހަމަދުއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެ އެވެ.

އޭނާ ވަނީ ހަނގުރާމަ މެދުކަނޑައިލުމުގެ އެއްބަސްވުން އެކުލަވައިލުމުގައި ގަތަރުގެ އިތުރުން ހުޅަނގުގެ ގައުމުތަކާއި މިސްރުން ބޮޑު އެއްބާރުލުމެއް ދެމުންދާކަން ފާހަގަކޮށްފަ އެވެ.

އޮކްޓޫބަރު ހަތްވަނަ ދުވަހު އިޒްރޭލަށް ހަމާސްއިން ދިން ކުއްލި ހަމަލާގައި 240 މީހުން ރަހީނުކޮށް 1200 އަށްވުރެ ގިނަ ޔަހޫދީން މަރާލައިފައިވެ އެވެ. ނަތީޖާއެއްގެ ގޮތުން އިޒްރޭލުން ވަނީ ހަމާސްއާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް ގާޒާގެ 70 ޕަސެންޓު އިމާރާތްތައް އެއްކޮށް ސުންނާފަތިކޮށްލައި 15000 އަށްވުރެ ގިނަ ފަލަސްތީނީން ޝަހީދުކޮށްލައިފަ އެވެ.

އިޒްރެލާއި ހަމާސްއާ ދެމެދު ކުރަމުންދާ ހަނގުރާމަ މެދުކަނޑާލައިފައި އޮންނަ މުއްދަތު އިތުރު ކުރުމަށް ނިންމި ނިންމުމަށް އެމެރިކާއިންނާއި އދ އިން ވެސް ވަނީ މަރުހަބާ ކިޔައިފަ އެވެ.