Advertisement

ކަރެކްޝަނަށް މީހުން ހާޒިރުނުކުރެވުމުން، ބޮމުގެ ހަމަލާގެ ޝަރީއަތުގެ އަޑުއެހުން ނުބޭއްވުނު

25 ނޮވެންބަރު 2023 - 11:59 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މީގެ ކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ދައުވާ ކުރި މީހަކު މާލެ ގެނެސް އަނބުރާ ޖަލަށް ގެންދަނީ - ފައިލް ފޮޓޯ: ހުސައިން ޝަޔާހް / އަދަދު


ކަރެކްޝަނަށް މީހުން ހާޒިރުނުކުރެވުމުން، ބޮމުގެ ހަމަލާގެ ޝަރީއަތުގެ އަޑުއެހުން ނުބޭއްވުނު

25 ނޮވެންބަރު 2023 - 11:59 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ އުފުލި މީހުންގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

މިއަދު ހެނދުނު 10:00 އަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކުރީ، ކުރިމިނަލް ކޯޓުން ބުނި ގޮތުގައި, ދައުވާ ލިބޭ މީހުންގެ ތެރެއިން ޖަލުގައި ތިބިމީހުން ކަރެކްޝަނަލް ސާވިސްއިން ކޯޓަށް ހާޒިރުކޮށް ނުދެވުމުންނެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި ހަރުކޮށްގެން ގޮއްވާލި ބޮމުގެ މައްސަލާގައި މިހާރު ޝަރީއަތް ކުރިއަށް ދަނީ، ޓެރަރިޒަމްގެ އެކި ދައުވާ އުފުލިފައިވާ ތަހުމީންގެ އިތުރުން މުޖާޒް އަހްމަދާއި، އަލީ ހައިޝަމާއި، މުހައްމަދު ނާޒިމާއި، އިސްހާގައި، ފަހުމީ އަލީގެ ބައެވެ.

އެ މައްސަލާގައިި މިހާރު ކުރިއަށް ދަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކިބަސް ނެގުމެވެ.

ދެ އަހަރު ކުރިން ދިން ނުރައްކާތެރި އެ ހަމަލާގެ ޝަރީއަތް ދިގުދެމިގެންދާތީ، އޮތް ކަންބޮޑުވުން ބޮޑެވެ. ނަމަވެސް ކްރިމިނަލް ކޯޓުގައި ގިނަ މައްސަލަތަކެއް ފުނިޖެހިފައި ވާއިރު ޖާގައިގެ ދަތިކަން އޮތުމުން، އަވަސް ކުރުމުގެ ބޭނުމުގައި އެ ޝަރީއަތަށް ހާއްސަކަމެއް ނުދެވޭނެ ކަމަށް، މައްސަލައާ ހަވާލުވެ ހުންނެވި ގާޒީ ސޮފްއަތު ހަބީބު ވިދާޅުވެފައިވެ އެވެ.

ފަހުމީއަށް ތުހުމަތު ކުރަނީ ގޮއްވާލި ސައިކަލުގައި ބޮން ހަރުކުރި ވަގުތު ފާރައަށް ހުރި ކަމަށެވެ. ނާޒިމަށް ތުހުމަތު ކުރަނީ ބޮން ގޮއްވި އަދުހަމް އަހުމަދަށް ބޮން ގޮއްވަން ބޭނުން ކުރި ރިމޯޓު ދިން ކަމަށެވެ. އަދި އިސްހާގަށް ތުހުމަތު ކުރެވެނީ އެކި ފަހަރުމަތިން ނަޝީދަށް ފާރަލި ކަމަށެވެ.

މުޖާޒްގެ މައްޗަށް ދައުވާ ކުރަނީ އައިއީޑީ ގޮއްވާލުމަށްފަހު އަދުހަމް ފިލުވަން މަސައްކަތް ކުރިކަމަށް ތުހުމަތުކޮށެވެ. އަދި ތަހުމީނަށް ތުހުމަތުކުރަނީ ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިން ކަމަށެވެ.

އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގައި އެކަކު ހުރެ ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވައިލި މައްސަލާގައި ނުވަ މީހަކަށް ދައުވާ އުފުލާފައި ވާއިރު މިހާތަނަށް ހުކުމަކާ ހަމައަށް ވާސިލްވެފައި ވަނީ އަދުހަމަށް ކުރި ދައުވާތަކުގަ އެވެ. އޭނާގެ މައްސަލަ އަވަސް ނިޔާއެއްގެ ގޮތުގައި ގެންގޮސް, ހުކުމް އަވަހަށް އިއްވީ ކުށަށް އިއުތިރާފުވުމުންނެވެ.

ދެހާސް އެކާވީސް ވަނަ އަހަރު މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ހިންގި ޓެރަރިޒަމް އަމަލާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން މުހައްމަދު ތަސްލީމާއި، އަލި މަނިކުގެ މައްޗަށް އުފުލީ ޓެރަރިޒަމް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އެވެ. ހަމަލާއާ ގުޅޭ އެއްވެސް ދައުވާއެއް އަދި އުފުލާފައި ނެތް އިރު، ދައުލަތުން ބުނަނީ ހެކި ލިބުނު މިންވަރަކުން އެ މީހުންގެ މައްޗަށް ވެސް އަދި ދައުވާ ކުރެވެން ފުރުސަތު އެބަ އޮތް ކަމަށެވެ.

އަލިމަނިކުގެ މައްޗަށް ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް އިއްވި ނަމަވެސް ތަސްލީމުގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ.

ހަމަލާގެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ދައުވާ ނުކުރަން ނިންމީ އަހުމަދު ފާތިހުގެ މައްޗަށެވެ. އެއީ އޭނާގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަށް ހެކި ނެތުމުން ކަމަށް އެ އޮފީހުން ބުނެ އެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ގޮއްވައިލި އެންމެ ބާރުގަދަ އައިއީޑީ ކަމަށް ރަސްމީ އިދާރާތަކުން ބުނާއިރު، މި ބޮން ހަދާފައި ވަނީ ބާޒާރުން އާންމުކޮށް ލިބެން ހުރި ބާވަތްތައް ބޭނުންކޮށްގެންނެވެ. އޭގެއިން ދޭ ގެއްލުން ބޮޑުކުރަން އަޅާފައި ހުރީ ރޭޒާ ފުއްތަކެކެވެ.