Advertisement

ސަސް އަތުން މޮޅުވެ އީގަލްސް ލީގުގެ އުންމީދުގައި

23 ނޮވެންބަރު 2023 - 23:46 0

އީގަލްސްގެ ރިޒޭ (ވ) ގޯލަށް ބޯޅަ ފޮނުވާލަނީ: މި މެޗުގައި ވެސް ރިޒޭ ވަނީ މޮޅު ކުޅުމެއް ދައްކައިފައި.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ސަސް އަތުން މޮޅުވެ އީގަލްސް ލީގުގެ އުންމީދުގައި

23 ނޮވެންބަރު 2023 - 23:46 0

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 5-2 އިން މޮޅުވެ، ކްލަބް އީގަލްސް އިން ލީގު ހޯދުމުގެ އުންމީދު ދަމަހައްޓައިފި އެެވެ.

ލީގުގެ މި ވަގުތުގެ ތާވަލަށް ބަލާއިރު، ލީގުގެ އެއް ވަނައިގައި އީގަލްސް އޮތީ 13 މެޗުން 35 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ވަނީ 11 މެޗުން 31 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ އޮތީ 13 މެޗުން 27 ޕޮއިންޓެެވެ.

އީގަލްސް އަށް ބާކީ ދެން އޮތީ އަންނަ މަހުގެ 19 ވަނަ ދުވަހު މާޒިޔާއާ ކުޅޭ މެޗެވެ. އެ މެޗުން މޮޅުވެއްޖެނަމަ އެ ޓީމަށް ލީގު ލިބޭނެ އެވެ. އެއީ، ދެ ވަނަ ބުރަށް ފަހު ލީގު ނިންމާލަން އެފްއޭއެމް އިން ނިންމާފައިވާތީ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ 25 ވަނަ މިނިޓްގައި އީގަލްސް އަށް ލީޑުނަގައިދިނީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި އެ ޓީމުގެ ކެޕްޓަން، އަހުމަދު ރިޒުވާން (ރިޒޭ) އެވެ. ސަސް އަށް މެޗުގެ 46 ވަނަ މިނިޓްގައި، އިބްރާހިމް އަތީގް ހަސަން (އިއްބެ) ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދިނެވެ.

ގޯލު ޖެހުމަށް ފަހު އީގަލްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މެޗުގައި އީގަލްސް އިން ދެ ވަނަ ފަހަރަށް ލީޑުނެގީ 69 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ އެ ޓީމުގެ، ބިދޭސީ ކުޅުންތެރިޔާ، މިލާން ޕެޓްކޮވިޗް އެވެ. އޭގެ ނުވަ މިނިޓް ފަހުން، ރިޒޭ ވަނީ އިތުރު ގޯލެއް ޖަހައި، އީގަލްސް އަށް ދެ ގޯލުގެ ލީޑެއްނަގައިދީފަ އެވެ.

އަލީ ނަސޫހު ރަޝީދު (ޕިލާ) ޖަހައިދިން ގޯލުން މެޗުގެ 86 ވަަނަ މިނިޓްގައި ސަސް އަށް އުންމީދެއް ލިބުނެވެ. އެކަމަކު، އީގަލްސް އިން ސަސް މެޗުގެ ތެރެއަށް ވަންނަން ފުރުސަތެއް ނުދިނެވެ. މެޗުގެ 89 ވަނަ މިނިޓްގައި ރިޒޭ ވަނީ އިތުރު ގޯލެއް ޖަހައި، ހެޓްރިކް ހަދައިފަ އެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ ވަނަ މިނިޓްގައި އީގަލްސްގެ ފަހު ގޯލު ޖެހީ ޒައިން ޒަފަރު އެވެ.

މާލީ މައްސަލަތަކުގެ ސަބަބުން ކްލަބް ވެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓްސް ލީގުން ވަކިވެފައިވާތީ، މެޗުތައް ކުރިއަށްދަނީ ހަ ޓީމުގެ މެދުގަ އެވެ. ލީގުގެ މެޗެއް ދެން އެންމެ އަވަހަށް އޮންނާނީ މި މަހު 30 ވަނަ ދުވަހު އެވެ. ބައްދަލުކުރާނީ ސަސް އާއި ޓީސީ ސްޕޯޓްސް ކްލަބް އެވެ.