25 ނޮވެންބަރު 2023 - 05:46 0
މުހައްމަދު ޝަހްޒާން
25 ނޮވެންބަރު 2023 - 05:46 0
އިޒްރޭލާއި ހަމާސްއާ ދެމެދު ކުރާ ހަނގުރާމަ މެދުކަނޑާލައިފައި އޮންނަ ހަތަރު ދުވަހު ގާޒާއަށް ޔޫރަޕިއަން ޔޫނިއަނުން (އީޔޫ) ފޮނުވާ އެހީ އިތުރު ކުރަން ނިންމާފައިވާ ކަމަށް ޔޫރަޕިއަން ކޮމިޝަނުން ބުނެފި އެވެ.
ހުއްޓުމެއް ނެތި ފާއިތުވި ހަތް ހަފުތާގައި އިޒްރޭލުން ފަލަސްތީނާ ކުރަމުންދިޔަ ހަނގުރާމަ މެދުކަނޑައިލުމާއެކު ގާޒާއާއި މިސްރާ ގުޅޭ، ރަފާހު ބޯޑަރުގައި ފުނިޖެހިފައި ތިބި އެހީގެ ގާފިލާތައް ގާޒާއަށް ވަންނަން ފަށައިފި އެވެ.
އިޒްރޭލާއި ހަމާސްއާ ދެމެދު ކުރަމުންދިޔަ ހަނގުރާމަތައް ހުއްޓާލައިފައި ވަނީ އިއްޔެ ރާއްޖެ ގަޑިން ހެނދުނު 10:00 ގަ އެވެ. ގާޒާއަށް ބޭނުންވާ ތެލާއި ގޭސް ހިމެނޭހެން ކާބޯތަކެއްޗާއި ބޭސް ހިފައިގެން އެހީގެ ފުރަތަމަ ގާފިލާ ގާޒާއަށް ވަދެފައި ވަނީ ހަނގުރާމަ ހުއްޓާލިތާ ގަޑިއެއްގެއިރު ފަހުންނެވެ. އޭގެފަހުން ހުއްޓުމެއް ނެތި ގާޒާއަށް އެހީގެ ޓުރަކުތައް ވަންނަމުން ދާނެ ކަމަށް ރަފާހު ކުރޮސިން އެޑްމިނިސްޓުރޭޝަނުން ބުނެ އެވެ.
ހަނގުރާމަ މެދުކަނޑާލުމަށް ނިންމި ނިންމުމަށް މަރުހަބާ ދަންނަވައި، އީޔޫގެ އެގްޒެކެޓިވް ބޮޑީ، އާސޫލާ ވޮން ޑާ ލެޔެން ވިދާޅުވީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި އެއްބަސްވުމުގެ ދަށުން ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ފަހިވާ ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި، ގާޒާއަށް ފޮނުވާ އެހީ އީޔޫގެ ގައުމުތަކުން އިތުުރު ކުރާނެ ކަމަށެވެ.
އީޔޫއަކީ ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ބޮޑު އެހީއެއް ފޯރުކޮށްދޭ އެއް ޔޫނިއަން އެވެ. އެ ޔޫނިއަނުން 2021 ވަނަ އަހަރުން ފެށިގެން އަންނަ އަހަރުގެ ނިޔަލަށް ފަލަސްތީނަށް އެހީވުމަށް 1.3 ބިލިއަން ޑޮލަރު ހަރަދު ކުރުމަށް ނިންމާފައިވެ އެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ގާޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި 14،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައި އެތައް ބަޔަކު ޒަހަމުކޮށްލައިފައިވެ އެވެ. ކެނޑިނޭޅި ފާއިތުވީ ދޮޅު މަސްދުވަހު އިޒްރޭލުން ދިން ހަމަލާތަކުގައި ގާޒާގެ ބޮޑު ބައެއް ވަނީ ބިމާ ހަމަކޮށްލައިފަ އެވެ. އޭގެއިތުރުން އުތުރު ގާޒާގައި ހުންނަ ހުރިހާ ހޮސްޕިޓަލްތަކެއް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
ޔޫރަޕިއަން ޔޫނިއަނުން ބުނެފައި ވަނީ އެ ޔޫނިއަނުން ގާޒާއަށް ފޮނުވާ އެހީ އިން ހަމާސްއަށް އެއްވެސް ވަރަކަށް މަންފާއެއް ނުކުރާކަން ކަށަވަރު ކުރާނެ ކަމަށެވެ. އެކަން ކަށަވަރު ކުރުމަށް އީޔޫއިން ވަނީ އޮކްޓޫބަރު 7 ގެ ފަހުން ގާޒާއަށް ފޮނުވި ޑިވެލޮޕްމަންޓު ފަންޑުން ހަމާސްއަށް އެއްވެސް ފައިދާއެއް ކުރިތޯ ބަލަން ތަހުގީގެއް ވެސް ހިންގައިފަ އެވެ. ނަމަވެސް އެ ތަހުގީގުން ވަނީ ހަމާސްއަށް އޭގެ އެއްވެސް މަންފާއެއް ކޮށްފައި ނުވާކަން ސާބިތުވެފަ އެވެ.
އީޔޫއިން ގަބޫލު ކުރާ ގޮތުގައި ގާޒާގެ ވެރިކަން ކުރާ ހަމާސްއަކީ ޓެރަރިސްޓު ޖަމާއަތެކެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment