Advertisement

މަގާމުން އިސްތިއުފާ ދިނުމަށް ފަހު ޓެބާސް އަލުން ލަލީގާގެ ރައީސް ކަމަށް ކުރިމަތިލަނީ

23 ނޮވެންބަރު 2023 - 08:36 0


މަގާމުން އިސްތިއުފާ ދިނުމަށް ފަހު ޓެބާސް އަލުން ލަލީގާގެ ރައީސް ކަމަށް ކުރިމަތިލަނީ

23 ނޮވެންބަރު 2023 - 08:36 0

މެޑްރިޑް (ނޮވެމްބަރު 23) - ސްޕެނިޝް ލީގު ހިންގާ ލަލީގާގެ ރައީސްގެ މަގާމުން އިސްތިއުފާ ދިނުމަށް ފަހު، ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރަން ތައްޔާރަށް ހުންނެވި ކަމަށް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

ޓެބާސް، 61، ލަލީގާގެ ރައީސްގެ މަގާމުގައި ހުންނެވި ދައުރު، އަންނަ މަހުގެ 23 އަށް ހަމަވާނެ އެވެ. އެކަމަކު، އޭގެ މަހެއްހާ ދުވަސްކުރިން އޭނާ މި ވަނީ މަގާމުން ވަކިވެފަ އެވެ.

އެކްސް (ކުރިން ޓްވިޓާ) ގައި ކުރި ޕޯސްޓެއްގައި ޓެބާސް ވިދާޅުވީ ވަރަށް އަވަހަށް އާ އިންތިހާބުގެ ކަންކަން ފަށާނެ ކަމަށެވެ. އަދި މި ވަގުތު އެންމެ ބޭނުންވަނީ ކްލަބްތަކުގެ ތާއީދު ހޯދައި، އާ ދައުރަކަށް ސްޕެނިޝް ލީގު ހިންގަން ހަވާލުވެ، ލަލީގާ އާ ހަރުފަތެއް މައްޗަށް ގެންދިއުން ކަމަށް ޓެބާސް ވިދާޅުވެފައިވެ އެވެ.

ލަލީގާގެ ރައީސް ކަމަށް ކުރިމަތިލާނެކަން މިހާތަނަށް އިއުލާނުކުރި ހަމައެކަނި ފަރާތަކީ ވެސް ޓެބާސް އެވެ.

ޓެބާސް، އެންމެ ފުރަތަމަ ލަލީގާގެ ރައީސްގެ މަގާމަށް އިންތިހާބުވީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން، 2016 ވަނަ އަހަރާއި 2019 ވަނަ އަހަރު ބޭއްވި އިންތިހާބުތައް ވެސް އޭނާ ވަނީ ފަސޭހަކަމާ އެކު ކާމިޔާބު ކުރައްވައިފަ އެވެ.

ސްޕެއިނުގެ ކްލަބް، ހުއެސްކާގެ ރައީސަކަށް ކުރިން ހުންނެވި ޓެބާސް ވަނީ ލަލީގާ އަކީ ޔޫރަޕްގެ މަތީ ފަންތީގެ ލީގެއްގެ ގޮތުގައި ބޭއްވުމަށާއި ބްރޭންޑެއްގެ ސިފައިގައި އެ ގައުމުގެ ލީގު ސިސްޓަމް ވަރުގަދަ ކުރަން ގިނަ ކަންތައްތަކެއް ކޮށްފަ އެެވެ. އެ ގޮތުން ވަރުގަދަ ޑީލުތަކެއް ހަދައި، ޓީވީ ރައިޓްސް ވިއްކުމުގެ އިތުރުން ކްލަބްތަކުން އެދޭ ބަދަލުތައް ލީގު ސިސްޓަމަށް ގެނެސްފައިވެ އެވެ.

ޔޫރަޕްގެ ނުފޫޒުގަދަ ކްލަބްތަކުން، އުފައްދަން އުޅުނު ޔޫރަޕިއަން ސުޕަ ލީގާ ދެކޮޅަށް އެންމެ ވަރުގަދަ އަށް އަޑުއުފުލި އެއް ފަރާތަކީ ޓެބާސް އެވެ.