20 ނޮވެންބަރު 2023 - 16:32 0
އަމަން ހަލީމް
ވިޒިޓާ އިކޮނޮމީ ކައުންސިލުގެ ކޯޗެއާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ރައީސް މުއިއްޒު ޗެއާކުރައްވާ މި ކޮމިޓީގައި އަށް ވަޒީރުން ތިއްބަވާ -- ފޮޓޯ/ރައީސް އޮފީސް
20 ނޮވެންބަރު 2023 - 16:32 0
ވިޒިޓާ އިކޮނޮމީ ކައުންސިލުގެ މަގުސަދަކީ ޓޫރިޒަމުން ދިވެހި އިގުތިސޯދަށް ވަންނަ ފައިސާގެ އަދަދު އިތުރުކޮށް، ޓޫރިޒަމް ސިނާއަތާއި މުޅި އިގުތިސޯދު ސިންދަފާތު ކުރުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި އޮންނަ ވިޒިޓާ އިކޮނޮމިކް ކައުންސިލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މުޅިން އަލަށް އުފެއްދި ކައުންސިލެކެވެ. އެ ކައުންސިލް ޗެއާ ކުރައްވަނީ އެމަނިކުފާނެވެ. ކޯޗެއާ ކުރައްވަނީ ސައިދާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލެވެ.
އެ ކައުންސިލުގައި ދެން ތިބެނީ އެޑިއުކޭޝަން މިނިސްޓަރާއި ހެލްތު މިނިސްޓަރާއި ސްޕޯޓްސް މިނިސްޓަރާއި ޓްރާންސްޕޯޓް މިނިސްޓަރުގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓަރާއި ހެރިޓޭޖް މިނިސްޓަރެވެ.
ވިޒިޓާ އިކޮނޮމިކް ކައުންސިލުން ކުރާ މަސައްކަތްތައް ކިޔައިދެއްވަމުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ މިއީ ރާއްޖެ ކަހަލަ ގައުމަކަށް ވަރަށް މުހިންމު ކައުސިލެއް ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު ވިސްނުންފުޅެއް މި ހުރީ އިގުތިސޯދު ޑައިވާސިފައި ކުރުމަށްޓަކައި. އިގުތިސޯދު ހަމައެކަނި އެއް ކަމަކަށް ބަރޯސާނުކުރުމަށް ޓަކައި." އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި ވިޒިޓާ ކައުންސިލުގެ މަގުސަދަކީ އިގުތިސޯދު ޓޫރިޒަމަށް ބަރޯސާވުން ކުޑަކުރުމާ އެކުއެކީގައި ޓޫރިޒަމް ސިނާއަތް ވެސް ސިންދަފާތުކޮށް، އާ ވައްތަރުތަކުގެ ޓޫރިޒަމް ފައްކާކުރުމެވެ. އޭގެ މިސާލުތައް ދެއްވަމުން ސްޕޯޓްސް ޓޫރިޒަމާއި އެޑިޔުކޭޝަން ޓޫރިޒަމާއި މެޑިކަލް ޓޫރިޒަމްގެ އިތުރުން ހެރިޓޭޖް އޭނާ ފާހަގަކުރެއްވި އެވެ.
އެގޮތުން މި ހުރިހާ ވައްތަރުތަކެއްގެ ޓޫރިޒަމަކީ އެކަމަށް ބޭނުންވާ ހަރުދަނާ ސިޔާސަތުތަކާ އެކީ އެކަށައަޅާ ޕްލޭނަކުން ކުރެވިދާނެ ކަމެއް ކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ ކަމާގުޅޭ ހުރިހާ ވުޒާރާތަކުގެ ވަޒީރުން ހިމެނޭހެން އުފެއްދި މި ކައުންސިލުގެ މަސައްކަތަކީ އެކަންކަން ވިލަރެސްކޮށް، ތަންފީޒުކުރުން ކަމަށެވެ.
"ވިޒިޓާ އިކޮނޮމީ ކައުންސިލަކީ [ސޯޝަލް ކައުންސިލާއި އިކޮނޮމިކް ކައުންސިލަށް ވުރެ] ސްޓްރެޓެޖިކް، ދުރު ރާސްތާ، މެދު ރާސްތާ އަދި ކުރު ރާސްތާއަށް ވެސް ޓާގެޓް ކުރެވިގެން, ވަކި ޓާގެޓުތަކެއް، އަމާޒުތަކެއް ދެވިގެން ކުރާ މަސައްކަތްތަކެއް ވިލަރެސްކޮށް ތަންފީޒުކުރުން" އޭނާ ވިދާޅުވި އެވެ.
މި މަސައްކަތާ އެކީގައި ސަރުކާރުގެ އަމާޒަކީ ޓޫރިޒަމުން އިގުތިސޯދަށް ވަންނަ ފައިސާ ހަ ބިލިއަން ޑޮލަރަށް އިތުރު ކުރުމެވެ. މިއީ މިހާރު ޖުމްލަ އިގުތިސޯދީ އުފެއްދުންތެރިކަމާ އެއްވަރުގެ އަދަދެކެވެ. އަދި މިއީ ފަސްވަނަ ޓޫރިޒަމް މާސްޓާޕްލޭނުގައި 2027 ގެ ކުރިން ވާސިލުވާން ކަނޑައަޅާފައިވާ އަމާޒު ވެސް މެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment