Advertisement

ކޭޕާކް މައްސަލަ: މަންޑޭގެ ގެ ބަލައި ފާސްކޮށް، މުދާތަކެއް ހިފަހައްޓައިފި

19 ނޮވެންބަރު 2023 - 16:30 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ކޭ ޕާކު މައްސަލާގައި ތުހުމަތުކުރެވޭ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) --- ފޮޓޯ:އަދަދު


ކޭޕާކް މައްސަލަ: މަންޑޭގެ ގެ ބަލައި ފާސްކޮށް، މުދާތަކެއް ހިފަހައްޓައިފި

19 ނޮވެންބަރު 2023 - 16:30 0

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭޕާކް ރެސިޑެންސްއިން އެޕާޓްމެންޓު ވިއްކުމުގެ ތެރެއިން މަކަރު ހަދައި އޮޅުވާލި މައްސަލާގައި ތުހުމަތު ކުރެވޭ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ދިރިއުޅޭ ގެއަށް ފުލުހުން ވަދެ އެ މައްސަލައާ ގުޅުންހުރި ބައެއް ތަކެތި ގެންގޮސްފި އެވެ.

ކޭޕާކު ޕްރޮޖެކްޓަކީ ކޮރެއާގެ ހަމްބޯ ކުންފުންޏާ ގުޅިގެން އުފައްދާފައިވާ ހަންބޯ މޯލްޑިވްސްއިން ހުޅުމާލޭގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. ޖުމްލަ 110 ޔުނިޓުގެ މިކްސްޑް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސްގެ އެޕާޓުމެންޓުތައް ވިއްކުމުގައި ކުންފުނީގެ ދިވެހި ހިއްސާދާރު، ހަސަން މަމްދޫހު މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ބަޔަކަށް އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަަލަ އެކުންފުނީގެ މެޖޯރިޓީ ހިއްސާދާރު، ޗައިނާގެ ޖިން ޝީ ހޫ ފުލުހުންނަށް ހުށަހަޅާފައިވާއިރު އެ މައްސަލައިގެ ފުލުހުން ހިންގަން ފެށި ތަހުގީގަށް ގާތްގަނޑަކަށް ހައެއްކަ މަސް ވަނީ ވެފަ އެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލާގައި ތުހުމަތުކުރެވޭ މަމްދޫހު ދިރިއުޅޭ ގެއަށް ކޯޓު އަމުރެއްގެ ދަށުން އިއްޔެ ފުލުހުންވަދެ ބަލައި ފާސްކުރި ކަމަށެވެ. އަދި އެ ގެއިން އެ މައްސަލައާއި ގުޅުންހުރި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.

އެނގިފައިވާ ގޮތުގައި ހުޅުމާލެ ކޯޓުން ރޭ ނެރުނު އެ އަމުރާއި ގުޅިގެން ކޭޕާކުން އެޕާޓްމަންޓު ވިއްކައިގެން މަމްދޫހު ހޯދި ފައިސާއިން ގަތް ކަމަށް ތުހުމަތުވާ އަގު ބޮޑު މުދާތައް ވެސް ވަނީ ހިފަހައްޓާފަ އެވެ. އޭގެ ތެރޭގައި އޭނާގެ އަންހެނުންގެ ނަން މަތީގައި ހުރި ބައެއް ތަކެތި ވެސް ހިމެނޭ ކަމަށްވެ އެވެ. ނަމަވެސް، އެއީ ސީދާ ކޮން އެއްޗެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

މި މައްސަލާގައި މަމްދޫހު މީގެ ކުރިން ހައްޔަރު ވެސް ކުރިއެވެ. ނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލާފަ އެވެ. އަދި މައްސަލާގައި މަމްދޫހުގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފަ އެވެ.

ހަމްބޯއިން ތުހުމަތުކުރާ ގޮތުގައި މަމްދޫހު ވަނީ ޖިން ޝީ ހޫގެ ސޮއި ފޯޖުކޮށްގެން އެތައް ބަޔަކަށް އޮޅުވާލައި އެޕާޓްމަންޓްތައް ވިއްކާފަ އެވެ. އަދި އެތަނުގައި އެޕާޓްމަންޓް ހުރި އަދަދަށްވުރެ އިތުރަށް ވެސް ވިއްކާފައިވާއިރު ފައިސާގެ ބަދަލުގައި އަގުބޮޑު މުދާ ނަގައިގެން ވެސް ބައެއް ފަރާތްތަކަށް އެޕާޓުމަންޓުތައް ވިއްކާފައިވެ އެެވެ.

އެ ތުހުމަތުތަކަށް ރައްދު ދީ މަމްދޫހު ނެރުނު ބަޔާނުގައި ބުނެފައިވަނީ މަޝްރޫއު ހިންގާފައިވަނީ މީހުން އަތުން ނެގި ފައިސާއިން ކަމަށާއި، މަކަރާއި ހިލާތް ހެދީ މައި ހިއްސާދާރު ކަމަށެވެ. ނަމަވެސް ސޮއި ފޯޖުކުރުމުގެ ތުހުމަތަށް މަމްދޫހުގެ ބަޔާނުގައި ޖަވާބުދީފައެއްނުވެ އެވެ.