Advertisement

ދީބާޖާއަށް ބަދަލު ދިނުމުގެ މައްސަލަ: ދީބާޖާއިން ދައުވާ ނެގުމުން މައްސަލަ ނިމިއްޖެ

19 ނޮވެންބަރު 2023 - 11:32 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން؛ ދީބާޖާއިން ބަދަލު ހޯދަން ސިވިލް ކޯޓަށް ހުށަހެޅުމަށް ފަހު އަނބުރާ ގެނެސްފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ދީބާޖާއަށް ބަދަލު ދިނުމުގެ މައްސަލަ: ދީބާޖާއިން ދައުވާ ނެގުމުން މައްސަލަ ނިމިއްޖެ

19 ނޮވެންބަރު 2023 - 11:32 0

ދީބާޖާ އިންވެސްޓްމަންޓާ އެކު ދިވެހި ސަރުކާރުން އެކުލަވާލި އެއްބަސްވުން އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލު ދީބާޖާ އަށް ދޭން ޖެހޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ސިވިލް ކޯޓަށް ތަހުވީލު ކުރި މައްސަލަ ބޭރުކޮށްލައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދޭން ދީބާޖާއާ އެކު ހެދި އެއްބަސްވުން ބާތިލްކުރީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ގަ އެވެ.

ކުރިން ވެސް ޝަރީއަތުގެ ތިން މަރުހަލާ ކަނޑައްތުވެފައިވާ މި މައްސަލަ ހައި ކޯޓަށް ތަހުވީލުކޮށް އަދި ހައި ކޯޓުން ސިވިލް ކޯޓަށް ތަހުވީލު ކުރުމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ އޮކްޓޯބަރު 9، 2022 ގަ އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ސިވިލް ކޯޓުން ފަށައި ދެ ފަރާތަށް ޝަރީއަތް ކުރިއަށް ދާނެ ގޮތުގެ ތާވަލެއް ވެސް އޮތީ ކުރިން އަރުވައިފަ އެވެ.

ނަމަވެސް ދީބާޖާ އިން ދައުވާ ގެންދިޔަކަން ހާމަވީ މައްސަލަ ނިންމުމަށް ފަހު ސިވިލް ކޯޓުން ކުރި ހުކުމުންނެވެ.

ސިވިލް ކޯޓުގެ ގާޒީ އަހުމަދު އަބްދުލްމަތީން މިދިޔަ ބުރާސްފަތި ދުވަހު ނެރުއްވި ހުކުމުގައިވާ ގޮތުން ސެޕްޓެމްބަރު 21، ގައި ދީބާޖާއިން ވަނީ ދައުވާ ބާތިލް ކުރުމުގެ ލިޔުން ކޯޓަށް ފޮނުވައިފަ އެވެ.

ދައުވާ ބާތިލްކުރުމަށް ފޮނުވި ލިޔުމުގައި އަލުން މައްސަލަ ހުށަހަޅާނެ ކަން ވެސް ފާހަގަކޮށްފައެއް ނުވެ އެވެ. އެހެންވެ އެ މައްސަލައަކީ އިތުރަށް ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.

ދީބާޖާ މައްސަލައިގެ ފަސް ފަހަތް

ދީބާޖާއަށް ބަދަލު ނަގައިދިނުމުގެ މައްސަލަ ބޮޑުވެގެން ދިޔައީ، އިޖުރާއީ ނުކުތާއެއްގެ މައްޗަށް ސުޕްރީމް ކޯޓުން ބޮޑު އަދަދެއްގެ ބަދަލެއް އެ ކުންފުންޏަށް ދިނުމަށް ހުކުމް ކުރުމާ އެކު އެވެ. އެ ހުކުމް ނެރުއްވީ ކުރިން އޮތް ސުޕްރީމް ކޯޓުގެ ބެންޗުންނެވެ.

އެ ހުކުމްގައި ސުޕްރީމް ކޯޓުން، ދީބާޖާއަށް 348 މިލިއަން ރުފިޔާގެ ބަދަލެއް ނަގައިދިނުމަށް ނިންމާފައި އޮތީ އިސްތިއުނާފީ މުއްދަތު ހަމަވި ފަހުން ހައި ކޯޓުން މައްސަލަ ބަލައިގަނެ ކުރިއަށް ގެންގޮސްފައި އޮތުމުންނެވެ. އެއީ ސުޕްރީމް ކޯޓުގެ ކުރީގެ ބެންޗުގެ ނިންމުމެކެވެ.

ދައުލަތުން ހައިކޯޓަށް އެ މައްސަލަ ހުށަހެޅީ ޖުލައި 22، 2015 ގަ އެވެ. ނަމަވެސް އިސްތިއުނާފު ކުރަން ލިބޭ 90 ދުވަހަށް ބަލާއިރު އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މާޗް، 12، 2015 އެވެ. އޭރު އަމަލު ކުރަމުން ދިޔަ އުސޫލުގައިވާ ގޮތުން ދަށު ކޯޓުތަކުގެ ހުކުމްތައް ހައިކޯޓުގައި އިސްތިއުނާފު ކުރަން 90 ދުވަހުގެ މުއްދަތެއް ލިބެ އެވެ.

ބަދަލު ދޭން ސުޕްރީމް ކޯޓުން ނެރުނު ހުކުމާމެދު ކަންބޮޑުވުން އޮތުމުން ރައްޔިތުންގެ މަޖިލީހުން ވެސް އެ މައްސަލަ ބެލި އެވެ. އެއަށްފަހު މަޖިލީހުން ފާސްކުރީ ދީބާޖާގެ ހުކުމް ރިވިއުކުރުމަށް ބަންޑާރަ ނައިބަށް ދަންނަވާށެވެ.

އެ ގޮތަށް ފާސްކުރީ، މައްސަލަ ރިވިއުކޮށްގެން ވެސް ކާމިޔާބު ނުވާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވެފައިވަނިކޮށެވެ. ނަމަވެސް ބަންޑާރަ ނައިބުގެ އެ ސްޓޭންޑް ބަދަލުކޮށް ރިވިއު ކުރުމަށް މައްސަލަ ހުށަހެޅުއްވި އެވެ.

ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގެ އެ ހުކުމް، ރިވިއު ކުރަން ހުށަހެޅުމުން އެ ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.

އިސްތިއުނާފުގެ މުއްދަތަކީ ކަނޑައެޅިފައިވާ މުއްދަތެއް ނަމަވެސް، ބައެއް ހާލަތްތަކުގައި އިސްތިއުނާފުގެ މުއްދަތު ހަމަވުމުން ވެސް އެ ހުއްދަ ދިނުމަކީ ހައިކޯޓަށް ލިބިގެންވާ އިހްތިޔާރީ ބާރެއް ކަމަށް އެ ހުކުމްގައި ކަނޑައެޅި އެވެ. އަދި އިސްތިއުނާފު މުއްދަތު ގުނަން ޖެހޭނީ ވެސް ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް ދޫކުރާ ދުވަހުން ފެށިގެން ކަމަށް ވެސް ކަނޑައެޅި އެވެ.

އެހެންވެ، ހައިކޯޓުގެ ހުކުމަށް ރުޖޫއަވުމަށް ސުޕްރީމް ކޯޓުން ދެން ނިންމި އެވެ. އެއީ، ދީބާޖާ ކުންފުންޏަށް ބަދަލު ދޭން ނުޖެހުމެވެ. ނަމަވެސް އެ ހުކުމަށް އަހަރުތަކެއްވެފައި ވާތީ އެންމެ އިންސާފުވެރި ގޮތަކީ، މައްސަލަ އަލުން ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމުގެ ފުރުސަތު ދިނުން ކަމުގައި ކަމަށް ވެސް ހުކުމްގައިވެ އެވެ.

އަލުން އިސްތިއުނާފުކޮށްފި ނަމަ، މައްސަލަ މައުލޫއީ ގޮތެއްގައި އެ ކޯޓުން ބަލައި ހުކުމެއް ނެރޭނެ ކަމަށް ވެސް އެ ހުކުމްގައި ބަޔާންކޮށްފައިވެ އެވެ. ސުޕްރީމް ކޯޓުން ތިން ވަނަ ފަހަރު އެ މައްސަލަ ބެލީ ދެ ވަނަ ފަހަރު އަލުން ހުށަހެޅުމަށް ދީބާޖާއަށް ދިން ފުރުސަތުގައި މައްސަލަ ހުށަހެޅުމުންނެވެ.

ތިން ވަނަ ފަހަރު ސުޕްރީމް ކޯޓުން ކަނޑައެޅި ކަމަކީ ދީބާޖާއަށް ބަދަލު ދޭން ޖެހޭ ކަމަށެވެ. އެއީ އެއްބަސްވުން އުވާލީ އެއްބަސްވުމާ ހިލާފަށް ކަމަށް ސާބިތުވާތީ އެވެ. އެކަމަކު، ބަދަލު ދިނުމުގެ ނިސްބަތް ސިވިލް ކޯޓުން އެންމެ ރަނގަޅަށް ވަޒަންކޮށްފައިނުވާތީ، މައްސަލަ ތަހުވީލު ކުރުމަށް ނިންމެވީ އެވެ.