އަހުމަދު އަފީފަށް، އަސްލަމް ދެއްވީ ސުވައިދީބު ދައުލަތާ ގުޅޭ ގޮތުން ބައްޕަ ލިޔުއްވި ފޮތް

18 ނޮވެންބަރު 2023 - 20:13 3

މުހައްމަދު ހަމްދޫން

މ

އަހުމަދު އަފީފް (ވ) އަށް އަސްލަމް ފޮތް ހަދިޔާކުރައްވަނީ. –ފޮޓޯ: ރައްޔިތުންގެ މަޖިލިސް


އަހުމަދު އަފީފަށް، އަސްލަމް ދެއްވީ ސުވައިދީބު ދައުލަތާ ގުޅޭ ގޮތުން ބައްޕަ ލިޔުއްވި ފޮތް

18 ނޮވެންބަރު 2023 - 20:13 3

ސީޝެލްސްގެ ނައިބް ރައީސް އަހުމަދު އަފީފް ދީދީ މިއަދު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރެއްވުމުން، އެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނުރަސްމީކޮށް، އަހުމަދު އަފީފަށް ދެއްވީ ތަފާތު ހަދިޔާ އެކެވެ. އެއީ އަހުމަދު އަފީފްގެ ބައްޕަ، އައްޑު އަތޮޅު ހިތަދޫ އަބްދުﷲ އަފީފް ދީދީ، އިސްކޮށް ހުންނަވައި ދެކުނުގައި އުފެއްދި ދައުލަތާ ބެހޭގޮތުން، އަސްލަމްގެ ބައްޕަ އަބްދުﷲ ސާދިގު މީގެ އަހަރުތަކެއް ކުރިން ލިޔުއްވާފައިވާ ފޮތެކެވެ.

އަސްލަމާއި، އަހުމަދު އަފީފަކީ މަތިކޮޅުން ތިމާގެ ދެބޭފުޅުންނެވެ.

އަހުމަދު އަފީފް މިވަގުތު ރާއްޖެ ވަޑައިގެން އުޅުއްވަނީ ރާއްޖޭގެ އާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. އަހުމަދު އަފީފް ވަނީ މިއަދު ރައީސްގެ އަރިހަށް ވެސް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފަ އެވެ.

އޭގެ ފަހުން މަޖިލީހަށް ކުރެއްވި ޒިޔާރަތުގައި އަހުމަދު އަފީފް ވަނީ އަސްލަމްގެ އަރިހަށް ޒިޔާރަތްކުރައްވައި، އަދި މަޖިލީހުގެ އެކި ތަންތަން ބައްލަވާލައްވައިފަ އެވެ.

އަސްލަމްއާ އާއި އަހުމަދު އަފީފް ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވާހަކަދައްކަވައިފަ އެވެ. އެއަށް ފަހު އަސްލަމް ވަނީ އަހުމަދު އަފީފަށް، މަޖިލީހުގެ ފަރާތުން ދޭ ހަނދާނީ ހަދިޔާއެއްގެ ގޮތުން، ރިޔަލު ދޯންޏެއްގެ ނަމޫނާއެއް ދެއްވައިފަ އެވެ. އަސްލަމް، އޭނާގެ ބައްޕަ ލިޔުއްވި ފޮތް އަހުމަދު އަފީފަށް ހަދިޔާކުރެއްވީ އޭގެ ފަހުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ރިލީޖަޒް އެފެއާޒުގެ ޑިރެކްޓަރުކަން ކުރެއްވި ސާދިގުގެ މި ފޮތަކީ، އެކުވެރި ސުވައިދީބް ޖުމްހޫރިއްޔާއާ ބެހޭގޮތުން އާއްމުކޮށް ނޭގޭ ބައެއް ވާހަކަތައް ހިމަނުއްވައިގެން ލިޔުއްވާފައިވާ ފޮތެކެވެ. އެގޮތުން އެ ދައުލަތް ރޫޅާލަން އޭރު ރާއްޖޭގެ ބޮޑުވަޒީރު އިބްރާހީމް ނާސިރުގެ އިސްވެ ހުންނަވައި ހިންގި އަސްކަރީ އޮޕަރޭޝަނުގައި، ހުވަދު އަތޮޅު ތިނަދޫ ރައްޔިތުންނާ މެދު ކަންތައްތައް ކުރެއްވި މި ފޮތުގައި ލިޔެފައިވެ އެވެ.

އައްޑު އަތޮޅާއި، ހުވަދު އަތޮޅުގެ އިތުރުން ފުވައްމުލައް ހިމެނޭ ގޮތަށް 1958 ގައި އުފެއްދި ޣައިރު ގާނޫނީ ދައުލަތަކީ، އޭރު ރާއްޖެ އަށް ސިޔާސީ ހިމާޔަތްދީގެން ތިބި އިނގިިރޭސިންގެ މަދަދާ އެކު އުފެއްދި ދައުލަތެއް ކަމަށް ބުނެވެ އެވެ. ނަމަވެސް އަބްދުﷲ އަފީފް ވަނީ، އެކަން އޭރު ދޮގުކުރައްވައިފަ އެވެ. އޭނާ އޭރު ވިދާޅުވި ގޮތުގައި އެ ދައުލަތުގެ ބޭނުމަކީ، މާލޭގައި މަރުކަޒުވެފައި އޮތް ދިވެހި ރަސްކަމުގެ ނުފޫޒުގެ ސަބަބަުން ދެކުނަށް ލިބެމުން ދިޔަ އިގުތިސާދީ ގެއްލުންތަކުން އަރައިގަތުމަށްޓަކައި، ރައްޔިތުންގެ ވޯޓުން ހޮވާ ޖުމްހޫރީ ވެރިކަމެއް ގާއިމްކުރުން ކަމަށެވެ.

ނަމަވެސް 1963 ގައި ނާސިރުގެ ކޮމާންޑަރުކަމުގެ ދަށުން މާލޭން ދިޔަ ސިފައިން ވަނީ ސުވައިދީބް ދައުލަތް ރޫޅާލައިފަ އެވެ. އެއާ އެކު އަފީފަށް ހިމާޔަތްދިނުމުގެ ނަމުގައި އިނގިރޭސިން، އޭނާ އާއި އާއިލާ، އޭރު އިނގިރޭސިންގެ ދަށުގައި އޮތް ސީޝެލްސް އަށް ގެންދިޔައީ އެވެ. އެނބުރި އާދެވޭނެ ކަމުގެ އުއްމީދުގައި އަފީފް އެ ގައުމަށް ވަޑައިގެންނެވި ނަމަވެސް، އެކަން ކާމިޔާބުނުވެ ސީޝެލްސްގައި ވަޒަންވެރިވާން ޖެހުނީ އެވެ.

ސީޝެލްސްގެ މިހާރުގެ ނައިބް ރައީސް އަހުމަދު އަފީފަކީ، އަބްދުﷲ އަފީފް އެ ގައުމުގައި ދިރިއުޅުއްވަން ފެށްޓެވި ފަހުން ލިބިވަޑައިގެންނެވި ބޭފުޅެކެވެ. އަބްދުﷲ އަފީފްގެ ހުރިހާ ބޭފުޅުން ވެސް އަންނަނީ އެކި ދާއިރާތަކުން އެ ގައުމަށް ހިދުމަތްކުރައްވަމުންނެވެ. އެގޮތުން ދޮށީދަރިކަލުން، އަދި އައްޑު އަތޮޅަށް އުފަންވި، އިބްރާހީމް އަފީފް ދީދީ ވަނީ އެ ގައުމުގެ ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސްކަން ކުރައްވައިފަ އެވެ.

60.00%

20.00%

20.00%

0.00%

މި ލިޔުން ކިޔާލުމުން


އަބުދުالله ޞާދިޤު

over 1 year ago

ައަސްލަމު އަހްމަދު އަފީފު އަށް ހަދިޔާކުރި ފޮތަކީ އަބުދުالله ޢަފީފު ގެ ޙަޔާތާއި ބެހޭގޮތުން އަޅުގަނޑު ލިއުނު ކުޑަފޮތެކެވެ. މިއާޓިކަލުގައި ބަޔާން ކުރައްވާފައިވާ ގިނަ މަޢްލޫމާތު ހުންނާނީ އަޅުގަނޑު ލިއުނު ،،ސުވާދީބާއި ހަރުތިނަދޫ، މިފޮތުގައެވެ.

ދިވެހި ބޯ

over 1 year ago

އިނގިރޭސީންނަށް ޝުކުރު ހައްޤު

ޖެނުއިން ސުވާލެއް

over 1 year ago

މި ބޭފުޅާއަށް ދިވެހިބަސް ނުވަތަ އައްޑޫބަހުން ވާހަކަ ދައްކަން އެނގޭތޯ؟