Advertisement

ރިޔާސީ ރޭހަށް ސޯލިހު ނުކުންނެވުމަކީ ޕާޓީ އެކަތިގަނޑަކަށް ހަދަން ލިބޭ ފުރުސަތެއް: އަސްލަމް

23 ޖޫން 2025 - 08:32 6


ރިޔާސީ ރޭހަށް ސޯލިހު ނުކުންނެވުމަކީ ޕާޓީ އެކަތިގަނޑަކަށް ހަދަން ލިބޭ ފުރުސަތެއް: އަސްލަމް

23 ޖޫން 2025 - 08:32 6

ދެން ބާއްވާ ރިޔާސީ އިންތިހާބެއްގައި ކުރީގެ ރައީސް މުހައްމަދު ސޯލިހު ވާދަ ކުރައްވަން ނިންމެވުމަކީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެކަތިގަނޑަކަށް ހަދަން ލިބޭ ފުރުސަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަދަދު އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، 2028 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ވާދަ ކުރުމުގެ ޝައުގުވެރިކަން ޕާޓީގެ ލީޑަރުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައި، ސޯލިހު އެކަމަށް އިސް ނެގުމަކީ އެންމެން އެކުގައި މަސައްކަތް ކުރަން ލިބޭނެ ފުރުސަތެއް ކަމަށެވެ.

"ޕާޓީ ތެރޭގައި މިހާރު ރިޔާސީ ވާދަވެރިކަމެއް ކޮންމެވެސް ވަރަކަށް އުފެދިފައިވާ ދަނޑިވަޅެއްގައި އިބްރާހިމް މުހައްމަދު ސޯލިހު ނުކުންނަވަން ނިންމައިގެން ކުރިއަށް ދިޔުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ޕާޓީ އެކަތިގަނޑަކަށްވެ އަޅުގަނޑުމެންގެ ތެރޭގައި އެކުގައި މަސައްކަތް ކުރަން ވެސް ހުޅުވިގެންދާނެ ފުރުސަތެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ،" އަސްލަމް ވިދާޅުވި އެވެ.

"ޕާޓީ ބައިބައިވުމުގެ ބަދަލުގައި އެކުގައި މަސައްކަތް ކުރުމަށް ހުޅުވިގެންދާނެ ދޮރެއް ކަމުގައި އަޅުގަނޑު ދެކެން."

ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ ވިދާޅުވެފަ އެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ޝަމްހީދު ވެސް ވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

އަސްލަމް ވިދާޅުވީ، ސޯލިހު ވެރިކަން ކުރެއްވީ ވަރަށް ވިސްނުންތެރިކަމާއެކު، ނިކަން ފުރިހަމައަށް ކަމަށެވެ. ކޮވިޑް-19 ގެ ހާލަތުގައި ވެސް ސޯލިހު ރާއްޖެ މެނޭޖް ކުރެއްވީ ވަރަށް ރަނގަޅަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް އަސްލު ވަރަށް ރަނގަޅު އެމަނިކުފާނު ވެރިކަން ކުރެއްވި ގޮތް. މުޅި ދުނިޔެއަށް ވެސް ދިމާވި ވަރަށް ދަތި ދުވަސްވަރެއްގައި، ކޮވިޑުގެ ހާލަތުގައި، ރާއްޖެ މެނޭޖް ކުރެއްވި ގޮތް ވަރަށް ރަނގަޅު. ވަރަށް ފުރިހަމަ، ވަރަށް ވިސްނުންތެރިކަމާއެކު ކަންކަން ކޮށް ނިންމެވީ."

މީގެ ކުރިން 2023 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ސޯލިހަށް ނާކާމިޔާބުވުމުގެ އެންމެ ބޮޑު ސަބަބަކީ ދޮގު ތުހުމަތުތަކެއް އެމަނިކުފާނުގެ ބޮލުގައި އެޅުވުން ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"އެމަނިކުފާނުގެ ބޮލުގައި ވަރަށް ބޮޑެތި ބަދުނާމުތަކެއް ބަޔަކު ސިޔާސީ ބޭނުމަށްޓަކައި އެޅުވި. އޭގެ ނުރަނގަޅު ނަތީޖާއެއްގެ ގޮތުން ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ ގިނަ ބަޔަކަށް އެކަން އެ ނޫން ގޮތަކަށް [ރަނގަޅު ވެރިކަމެއް ނޫން ކަމަށް] ވިސްނިގެންދިޔައީ،" އަސްލަމް ވިދާޅުވި އެވެ. "އަސްލު ފަތުރަމުންދިޔައީ ބޮޑެތި ދޮގުތަކެއް."

ރިޔާސީ އިންތިހާބަށް ވާދަ ކުރުމުގެ ޝައުގު ޕާޓީގެ ލީޑަރުން ފާޅު ކުރަމުންދާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަލުން އެމްޑީޕީއަށް ސޮއި ކުރަން ނިންމައިފަ އެވެ. އެމަނިކުފާނު އެމްޑީޕީ އިން ވަކިވެ، އާ ސިޔާސީ ޕާޓީއެއް އުފެއްދެވީ 2023 ގައި ބޭއްވި ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވުމަށްފަހު އެމަނިކުފާނާއި ސޯލިހާ ދޭތެރޭގައި ޖެހުނު މައްސަލަތަކަކަށްފަހެވެ.