Advertisement

މަޑުޖެހިފައި ހުރި ބިލުތަކުގެ މަސައްކަތް ނިންމަން އިތުރު ޖަލްސާތަކެއް ބާއްވަނީ

16 ނޮވެންބަރު 2023 - 11:59 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް. ގިނަ މަސައްކަތްތަކެއް މަޖިލީހުން ނިންމަން ޖެހޭ ކަމަށް މިއަދު ވިދާޅުވި --- ފޮޓޯ: މަޖިލިސް އިދާރާ


މަޑުޖެހިފައި ހުރި ބިލުތަކުގެ މަސައްކަތް ނިންމަން އިތުރު ޖަލްސާތަކެއް ބާއްވަނީ

16 ނޮވެންބަރު 2023 - 11:59 0

ރައްޔިތުންގެ މަޖިލީހުގައި މަޑުޖެހިފައި ހުރި ބިލުތަކުގެ މަސައްކަތް ނިންމުމަށް އިތުރު ޖަލްސާތަކެއް ބޭއްވުމަށް ގަސްތުކުރާ ކަމަށް އެ މަޖިލީހުގެ ރިޔާސަތާ މި ހަފުތާގެ ތެރޭގައި ހަވާލުވެވަޑައިގެންނެވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މި ސަރުކާރު އައި ފަހުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 153 ބިލުގެ ތެރެއިން އަދިވެސް ނުނިމި އެކި މަރުހަލާތަކުގައި 30 ބިލެއްގެ މަސައްކަތް އެބަ އޮތެވެ. މިއީ ރައްޔިތުންގެ މަޖިލީހުން ވަރަށް ގިނަ މުހިންމު މަސައްކަތްތަކެއް ކުރަން ޖެހޭ ދަނޑިވަޅެއް ކަމަށް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަމުން އަސްލަމް ވިދާޅުވި

މަޖިލީހަކީ ރައްޔިތުންގެ ހަގީގީ އިތުބާރު ލިބިފައިވާ މަޖިލީހަކަށް ހަދަން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަން ކުރުމުގެ ގޮތުން މަޖިލީހުގެ މަސައްކަތްތައް ހުރި ނެތްގޮތް ބަލަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި, އިސްފަސް ކުރަން ޖެހޭ ބިލުތައް ބަލައި އެ ބިލުތައް ނިންމަން މަސައްކަތް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ވަރަށް މުހިންމު ބިލުތަކެއް އެބަ ހުރި ނިންމަން ޖެހޭ. އިސްލާހުތައް ވެސް އެބަ ހުރި. އަޅުގަނޑު ގަސްތުކުރަން މަސައްކަތުގެ ތާވަލަށް ބަލައި, މިހާރު ބޭއްވެނީ ހަފްތާއަކު ތިން ޖަލްސާ. އެސްޖީއާ ވާހަކަ ދެއްކުމަށް ފަހު އިތުރު ޖަލްސާތަކެއް ބާއްވަން ޖެހޭނަމަ އިތުރު ޖަލްސާތައް ވެސް ބާއްވައިގެން މަސައްކަތް ކުރިއަށް ގެންދެވޭތޯ ބަލާނަން," އަސްލަމް ވިދާޅުވި އެވެ.

އެގޮތުން, މިވަގުތު ވެސް 25 ބިލެއްގެ މަސައްކަތް ކޮމިޓީ މަރުހަލާގައި ހިނގަމުންދާ ކަމަށާއި އެ ބިލުތަކާ ގުޅޭގޮތުން ކޮމިޓީތަކުގެ މުގައްރިރުންނާ މަޝްވަރާ ކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ކޮމިޓީތަކުގެ މެމްބަރުންނަށް ދަންނަވާނަން, ވީހާވެސް އަވަހަށް ކޮމިޓީތަކުގައި ހުރި މަސައްކަތް ވީހާވެސް އަވަހަށް ކުރިއަށް ގެންގޮސް ނިންމާލަ ދޭން," އަސްލަމް ވިދާޅުވި އެވެ.

މިވަގުތު މަޖިލީހުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ 2023 ގެ ސަޕްލިމެންޓަރީ ބަޖެޓާއި 2024 ގެ ދައުލަތުގެ ބަޖެޓުގެ މަސައްކަތެވެ. ދައުރު ނިމުމުގެ ހަތް ދުވަސް ކުރިއަށް ބަޖެޓު ތަޅުމަށް ފޮނުވޭނެ ކަމަށާއި އެއަށް ފަހު ބަހުސް ފަށައި ވޯޓެއް އެހޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް ދައުރު ނިމުމުގެ ކުރިން ބަޖެޓުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް," މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ޔަގީންކަން ދެއްވި އެވެ.

މިހާތަނަށް ނުނިމި އެކި މަރުހަލާތަކުގައި އޮތް ބިލުތަކުގެ ތެރޭގައި، މަސައްކަތްތެރިންނާ ގުޅުންހުރި މުހިންމު ދެ ބިލެއް ކަމަށްވާ ސިއްހީ ރައްކާތެރިކަމުގެ ބިލާއި އިންޑަސްޓްރިއަލް ރިލޭޝަން ބިލު ހިމެނެ އެވެ. އޭގެ އިތުރުން ދިވެހިރާއްޖޭގެ ރަށްތަކުގެ ބިން ބޭނުންކުރުމާ ގުޅޭ އުސޫލުތައްް އެކަށައަޅާ ބިލާއި، ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލުގެ އިތުރުން، ވިޔަފާރި އާއި އާންމު ސިއްހަތާ ގުޅުންހުރި މުހިންމު ބިލުތައް ވެސް މަޖިލީހުގައި ވަނީ މަޑުޖެހިފަ އެވެ.