Advertisement

ބެޓިންގެ ތުހުމަތު އޭސީ މިލާންގެ ފްލޮރެންޒީ އަށް

16 ނޮވެންބަރު 2023 - 12:09 0


ބެޓިންގެ ތުހުމަތު އޭސީ މިލާންގެ ފްލޮރެންޒީ އަށް

16 ނޮވެންބަރު 2023 - 12:09 0

ރޯމް (ނޮވެމްބަރު 16) - އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން (އެފްއައިޖީސީ) އިން ތަހުގީގު ކުރަމުން އަންނަ، ބެޓިންގެ މައްސަލައިގައި އޭސީ މިލާންގެ އަލެސަންދްރޯ ފްލޮރެންޒީ ބައިވެރިވެފައިވާތީ އޭނާއާ ސުވާލުކުރަން ނިންމައިފި އެވެ.

ގަވާއިދާ ހިލާފު ވެބްސައިޓްތަކެއްގައި ބެޓުކުރުމުގައި ހަރަކާތްތަކެއް މިދިޔަ ސީޒަންގައި ހިނގާފައިވާތީ އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނާއި އިޓަލީގެ ފުލުހުން ގުޅިގެން ހިންގަމުން އަންނަ ތަހުގީގުގައި ގިނަ ކުޅުންތެރިންތަކަކާވަނީ ސުވާލުކޮށްފަ އެވެ. މިދިޔަ މަހުގެ ތެރޭގައި ފެންމަތިވި މައްސަލައިގައި އިޓަލީގެ ގައުމީ ޓީމްގެ ދެ ކުޅުންތެރިއަކަށްވަނީ ފިޔަވަޅު ވެސް އަޅައިފަ އެވެ.

އެ ގޮތުން ކުރިން އޭސީ މިލާނަށް ކުޅުނު ސަންދްރޯ ޓޮނާލީ 10 މަހަށް ސަސްޕެންޑްކުރިއިރު، ޔުވެންޓަސްގެ ނިކޮލޯ ފަޖިއޯލޯ ވަނީ ހަތް މަހަށް ސަސްޕެންޑްކޮށްފަ އެވެ.

އިޓަލީގެ އެކި ޑިވިޝަންތަކުގެ ގިނަ ކުޅުންތެރިންތަކެއް ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މި މައްސަލައިގެ ތަހުގީގަށް ދާދި ފަހުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މިލާންގެ ފްލޮރެންޒީ އަށް ވެސް ވަނީ ތުހުމަތުތަކެއް ކުރެވިފަ އެވެ. ކުރިއަށް އޮތް ދެ ތިން ދުވަހެއްގެ ތެރޭގައި މިކަމާ ގުޅޭގޮތުން ފްލޮރެންޒީއާ ސުވާލުކުރާނެ އެވެ.

މިދިޔަ އަހަރު މިލާނަށް ބަދަލުވި ފްލޮރެންޒީ އަކީ މި މައްސަލައިގައި ބައިވެރިވެފައިވާކަމަށް ތުހުމަތުކުރެވޭ ޓޮނާލީއާ ގާތް ގުޅުމެއް އޮންނަ ކުޅުންތެރިއެކެވެ. އަދި މި މައްސަލައިގައި ކުރިން ފުލުހުން ހާޒިރުކުރި ޒަނިއޯލޯ އަކީވެސް ފްލޮރެންޒީގެ ގާތް އެކުވެރިއެކެވެ. ޒަނިއޯލޯއާ އެކު ރޯމާ އަށް ފްލޮރެންޒީ ކުޅުނުއިރުން ފެށިގެން ދެ ކުޅުންތެރިން ރޭގަނޑު ޕާޓީކުރަންދަނީ އެއްކޮށެވެ.

އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ފަށައިގެން އުޅޭ ތަހުގީގު އަވަހަށް ނިމޭނެކަމަށް ނުބެލެ އެވެ. އެ އިދާރާއިން ބުނީ ހީކުރިވަރަށްވުރެ ގިނަ ކުޅުންތެރިން މިކަމުގައި ބައިވެރިވެފައިވާކަމަށާއި، ތަހުގީގު ކުރިއަށްދާ ވަރަކުން ތަފްސީލްތައް ހާމަކުރާނެކަމަށެވެ.