Advertisement

ރައީސް ސޯލިހުގެ ކާމިޔާބާއި އިންގިލާބީ ބައެއް ބަދަލު

16 ނޮވެންބަރު 2023 - 08:10 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް


ރައީސް ސޯލިހުގެ ކާމިޔާބާއި އިންގިލާބީ ބައެއް ބަދަލު

16 ނޮވެންބަރު 2023 - 08:10 2

މާދަމާއަކީ ޑިމޮކްރަޓިކް ހަމަތަކުގެ މަތީން ރާއްޖޭގެ ވެރިޔަކު އިންތިހާބުކުރަން ފެށިފަހުން ވެރިކަން ކުރައްވާ ހަތަރުވަނަ ރައީސުލްޖުމްހޫރިއްޔާ އަދި ދެވަނަ ޖުމްހޫރިއްޔާގެ ހަ ވަނަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލުވެ އާ ރައީސަކު ހުވާ ކުރައްވާނެ ދުވަހެވެ. ވެރިކަން ބަދަލުވުމުގެ އެންމެ ފަހު ވަގުތުތައް ގުނަމުން ދާއިރު މިދިޔަ ފަސް އަހަރަކީ ރާއްޖެއަށް އެކި ދާއިރާތަކުން ބަދަލުތަކެއް އައިސްފައިވާ އަހަރުތަކެކެވެ.

އޭރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ރާއްޖޭގެ އެންމެ ކާމިޔާބު ސިޔާސީ ޕާޓީ ކަމަށްވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި އިންތިހާބަށް ރައީސް ސޯލިހު ކުރިމަތިލެއްވީ ސިޔާސީ ހަލަބޮލިކަން ނިމުމަކަށް ގެނެސް ހަމަހަމަ ތަރައްގީ ގެނެސްދޭނެ ކަމުގެ ވައުދާ އެކު އެވެ. އިންސާނީ ހައްގުތައް ރައްކާތެރިކޮށްދޭނެ ކަމުގެ ވައުދާ އެކު އެވެ. އަމާން މުޖުތަމައުއެއް ބިނާކޮށްދޭނެ ކަމުގެ ވައުދާ އެކު އެވެ.

ދިވެހިންގެ 134,000 އަަށް ވުރެ ގިނަ ރައްޔިތުންގެ ވޯޓުން އިހުތިޔާރު ކުރި "ޖަޒީރާ ރާއްޖެ" ގެނެސްދޭނެ ކަމުގެ ވައުދާ އެކު އެވެ.

ވެރިކަން ނިމެންދާއިރު އެ ވައުދުތައް އެކީ އެކަށް ހާސިލު ކުރެވިފައި ނެތްކަން ފެންނާން އެބަހުއްޓެވެ. ގިނަ ވައުދުތަކެއްގެ މަސައްކަތް އަދިވެސް ދަނީ ހިނގަމުންނެވެ. މިހާރު މަޝްރޫއުތައް ކުރިއަށްދާ ސްޕީޑާ މެދު ރައްޔިތުންގެ މެދުގައި ހިތްހަމަނުޖެހުން އޮތްކަން ސެޕްޓެމްބަރުގައި ނެގި ވޯޓުތަކުން ހާމަވެ އެވެ. އެމަނިކުފާނަށް ދެވަނަ ދައުރެއް ނުލިބުނު ސަބަބުތަކުގެ ވާހަކަތައް އަލުން ދެއްކުމުގެ ބޭނުމެއް ނެތެވެ.

އެކަމަކު, މިދިޔަ ފަސް އަހަރު މި ގައުމަށް އައި ހަމަޖެހުމާއި, ތަރައްގީ އާއި ކުރިއެރުމުގެ ބައެއް ވާހަކަތައް މި ރިޕޯޓުގައި ހިމަނައިލާނަމެވެ. ބޮޑު ޕެންޑަމިކެއްގެ ތެރޭގައި ގައުމުގެ ހުންގާނުގައި ހުންނަވައި އަމާން ބަނދަރަކަށް ގައުމު ގެންގޮސްދީ, ޖީލުތަކަށް ދެމިގެންދާނެ ބަދަލުތަކެއް ގެނުވި އެމަނިކުފާނުގެ ސަރުކާރުގެ މުހިންމު ކާމިޔާބުތައް ހިމަނައިލާނަމެވެ.

ބިންދާލި ކޮވިޑުގެ ބޮޑު ރާޅުން މިންޖުވުން

ރައީސްގެ ވެރިކަމުގެ ދެވަނަ އަހަރު ނިމިގެން ތިން ވަނަ އަހަރު ފެށުނީ މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބިޔަ ރާޅާ އެކު އެވެ. އެއްވެސް ފަރުވާއެއް ނެތް ވައިރަހެއް ދުނިޔޭގެ ހަތަރު ބިތައް ފެތުރި މި ކުޑަކުޑަ ޖަޒީރާއަށް އޭގެ އަސަރުކުރުން ވެގެންދިޔައި މުޅި ގައުމު ހުއްޓުމަކަށް ގެނައި ކަމަކަށެވެ.

ބޯޑަރުތައް ބަންދުކޮށް ދުނިޔެއާ އޮތް ގުޅުން ކޮންމެވެސް ވަގުތަކަށް މެދުކަނޑާލަން ޖެހުނެވެ. ޓޫރިޒަމަށް ބިނާވެފައި އޮތް މުޅި އިގުތިސާދު އަނދަވަޅަކަށް ވެއްޓުނެވެ. ގައުމީ އުފެއްދުންތެރިކަން އެއްކޮށް ވެއްޓި ދައުލަތުގެ އާމްދަނީ ސުމަކަށް ދިޔަ އެވެ. ސިއްހީ ކާރިސާއެއްގެ ތެރެއިން ކުރިމަތިވީ އެއަށް ވުރެ ބޮޑު އިގުތިސާދީ ކާރިސާއަކާ އެވެ.

އެ ދަނޑިވަޅުގައި މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންގޮސް ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް ވެސް ކުޑަ ނުކޮށް ސަރުކާރުން ހިފަހައްޓާލި އެވެ. ކާބޯތަކެއްޗާއި ބޭސް ފަރުވާގެ އެންމެހައި ޒިންމާތަކެއް އެޅުނީ ސަރުކާރުގެ ބޮލުގަ އެވެ. އަމިއްލަ ވިޔަފާރިތަކަށް ކޮޅަށް ތިބެވޭނެ ވަރު ކޮށްދިނެވެ. އާމްދަނީ އެއްކޮށް ގެއްލުނު މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދިނެވެ.

ކޮވިޑްގެ ވެކްސިން ރައީސް ފުރިހަމަ ކުރައްވަނީ. ރާއްޖޭގެ ވެކްސިން ޕްރޮގްރާމަކީ ދުނިޔޭގެ ފެންވަރުގައި ކާމިޔާބު ޕްރޮގްރާމެއް --- ފޮޓޯ: އަދަދު ފައިލް


ހިކުމަތްތެރިިކަމާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ބޯޑަރު ހުޅުވާލަން ނިންމުކަކީ ވެސް މި ސަރުކާރަށް ކްރެޑިޓު ދޭން ޖެހޭ ކަމަކެވެ. ދުނިޔޭގެ ފެންވަރުގެ މިސާލެއްގެ ގޮތުގައި އަދިވެސް ރާއްޖޭގެ ޓޫރިޒަމް ސެކްޓަރު އަންނަނީ ފާހަގަވަމުންނެވެ. އެކަމުގެ ހެކި، ރާއްޖެއިން ހޯދި ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑުތަކުން ފެންނާނެ އެވެ.

މުޅި ދުނިޔެ ވެކްސިންއަށް އާދޭސް ކުރަމުން ދަނިކޮށް ރާއްޖޭގެ ހާރިޖީ ގުޅުންތައް ވަރުގަދަ ވުމުގެ ސަބަބުން އެންމެ ފުރަތަމަ ވެކްސިން ހޯދައި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖަހައި ފުރިހަމަ ކުރި އެވެ. ވެންޓިލޭޓަރުތަކުގެ ހިޔާނާތުގެ ސަބަބުން މި ސަރުކާރުގައި ޖެހުނު ލައް ފިލުވާލަން ދަތިވާނެ އެވެ. އެކަމަކު, އެއީ މި ސަރުކާރުން ކޮވިޑު މެނޭޖު ކުރުމުގައި ހޯދި ކާމިޔާބުތައް ފޮހެލެވޭނެ ކަމެއް ނޫނެވެ.

ހިލޭ ޑިގްރީ ހުރިހާ ދަރިވަރުންނަށް

ތައުލީމީ ނިޒާމަށް ރައީސް ސޯލިހު ގެންނެވި ބަދަލުތަކަކީ އެމަނިކުފާނުގެ ރިޔާސީ ދައުރުގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީ އެވެ. އެމަނިކުފާނު ވެސް އެންމެ ފަހުރުވެރިވަނީ އެކަމަށެވެ.

ރަނގަޅު ތައުލީމީ ޖީލެއް ބިނާކޮށް, ފެންވަރު ރަނގަޅު ތައުލީމާއި ތަރުބިއްޔަތު ފޯރުކޮށްދިނުމަށް ސަރުކާރުގެ ފުރަތަމަ ދުވަހުން މަސައްކަތް ފެއްޓެވި އެވެ. ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމަނައި ހިލޭ ޑިގްރީ ތައާރަފު ކުރެއްވި އެވެ.

"އޭގެ ތެރޭގައި ވެސް އަޅުގަނޑަށް އެންމެ ފާހަގަ ކުރެވޭ ދެތިން ކަމެއްގެ ތެރޭގައި ދަންނަވާނީ، ކުދިންނަށް މަތީ ތައުލީމު ހާސިލު ކުރުމަށް ހުޅުވާލި ފުރުސަތުތައް، ހިލޭ ޑިގްރީ އާއި ސްކޮލާޝިޕް ދިނުމަށް ސަަރުކާރުން ފެށި މަޝްރޫއު، އަޅުގަނޑު ހިތުން މިއީ މުޅި ރާއްޖެއަށް ވަރަށް ބޮޑު ބަދަލެއް ގެނުވާނެ ކަމެއް. ރާއްޖެއަށް ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް މި އަންނަނީ،" އެމަނިކުފާނު މި ޕްރޮގްރާމާ ގުޅޭ ގޮތުން ވިދާޅުވެފައިވެ އެވެ.

ގަދަ 10 ގެ އެއްވަނަ ހާސިލުކުރި ދަރިވަރަކަށް ރައީސް އެވޯޑު ހަވާލުކުރައްވަނީ. 18,000 ދަރިވަރުން ހިލޭ ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވެފައިވޭ --- ފޮޓޯ: އަދަދު ފައިލް


އޮކްޓޯބަރު މަހުގެ ނިޔަލަށް ހިލޭ ޑިގްރީ ޕްރޮގްރާމްގައި 18,000 ކުދިން މަތީ ތައުލީމު ހާސިލުކުރަމުން އަންނަ އިރު މިއީ ދިވެހި ވަޒީފާގެ ބާޒާރަށް ލިބޭނޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.

"ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއަކީ، އުފެއްދުންތެރި އާ ޖީލެއް ބިނާކުރުން. އެކަށީގެންވާ ތައުލީމާއި ތަރުބިއްޔަތުގެ ފުރުސަތު ފަހިވެފައި އޮތުން. އިންސާނީ ވަސީލަތްތައް ފައްކާވެ، އަރާއަރަފޯދުމަށްވުރެ ބޮޑު ރަނގަޅެއް ގައުމަކަށް ނޯންނާނެ،" މި ސްކީމުގެ މުހިންމުކަމާ ގުޅޭގޮތުން ރައީސް ވިދާޅުވެފައިވެ އެވެ.

ތައުލީމީ އައު ޖީލެއް އުފެދި, ކުރިން ދިވެހިން ހޯދަން ދަތިވެފައިވާ ވަޒީފާތަކަށް ދިވެހި ޒުވާނުން ލިބޭނެއެވެ. އަވަށްޓެރި ގައުމުތަކުން ފަންނީ މަސައްކަތްތެރިން ހޯދަން ކުރަން ޖެހޭ މަސައްކަތްތައް މަދުވެގެންދާނެ ކަމަށް ގަބޫލުކުރެވެ އެވެ.

މިކަމަށް އަންނަ އަހަރުގެ ބަޖެޓުގައިވެސް 156 މިލިއަން ރުފިޔާ ހިމަނާފައިވާއިރު, މިއީ ރާއްޖޭގެ ކުރިއެރުމަށް ދުރާލާ ވިސްނައިގެން ކުރެވޭ މުހިންމު ހަރަދެކެވެ. އޭގެ އިތުރުން ވެސް, ސްކޮލާޝިޕްގެ ގިނަ ފުރުސަތުތަކެއް ހުޅުވާލައި, ރާއްޖެއިން ތައުލީމު ހާސިލުކުރެވެން ނެތް ދާއިރާތައް ފާހަގަކޮށް, އެ ދާއިރާތަކުން މީހުން ތަމްރީނު ކުރުމަށް ވެސް ހާއްސަ ސަމާލުކަމެއް ސަރުކާރުން ދިނެވެ. ޔަގީނުންވެސް ހިލޭ ޑިގްރީ ތައާރަފު ކުރުމުގެ އެންމެ ފުރިހަމަ ނަތީޖާ މާދުރު ނޫން މުސްތަގުބަލެއްގައި ފެންނާން ފަށާނެ އެވެ.

ހަލަބޮލި ކަމުން ހަމަޖެހުމަށް

ނިމިގެން މިދާ ސަރުކާރުގެ ކާމިޔާބުގެ ވާހަކަ ދައްކާއިރު، 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުގެ ކުރިޔަށް ހަނދާނުގެ ޓޭޕް އޮޅާލުމަށް ފަހު ދެން ފަށާށެވެ. އޭރު އޮތް ބިރުވެރިކަމުންގެ މަންޒަރުތައް ކުލަކޮށް ސިފަވަމުންދާނެ އެވެ. ތަފްސީލުކޮށް އެ ވާހަކަތައް ނުލިޔުނަސް، އޭރު ސިޔާސީ ހުރިހާ ލީޑަރުންނާއި ގިނަ އަދަދެއްގެ އެކްޓިވިސްޓުން ތިބީ ޖަލުގަ އެވެ. ނުވަތަ އަރުވާލެވިގެން ރާއްޖޭން ބޭރުގަ އެވެ. ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް އޮތީ އަނދަގޮނޑި ޖަހައިފަ އެވެ.

ހިޔާލުފާޅުކުރަން ނުކުންނަ މީހުން ޖަލަށްލައި، ނޫސްވެރިންނަށް ބިރުދައްކައި، ދައުވާކޮށް، ބޮޑެތި އަދަދުތަކުން ދިޔައީ ޖޫރިމަނާ ކުރަމުންނެވެ. ސަރުކާރާ ނުރުހޭ ނަމަ އެ ވިޔަފާރިވެރިޔަކަށް ހުރަސްތައް ކުރިމަތި ކުރުވަ އެވެ.

އޭރު ވިސްނައިދީފައި އޮތީ ތަރައްގީ ގެނެވޭނީ ހައްގުތައް ހަނިކޮށްގެން ކަމަށެވެ. ނަމަވެސް ރައީސް ސޯލިހުގެ ވެރިކަމުގައި އެ ވިސްނުން ބަދަލު ކުރުވައިފި އެވެ. ހައްގުތަކާއި މިނިވަންކަން ލިބި، ސަރުކާރަށް ފާޑުކިޔަމުން ދާއިރު ވެސް، މުޒާހަރާކުރަމުން ދާއިރު ވެސް، އިދިކޮޅު މީހުން ޖަލުގައި ބަންދުކޮށްގެން ނުގެންގުޅެ ތަރައްގީ ވެސް ގެނެވޭނެކަން ރައީސް ސޯލިހުގެ ސަރުކާރުން ދައްކުވައިދީފި އެވެ. ފިކުރު ދިމާ ނުވުމަކީ ބިރެއް، ބިރު ދެއްކުމެއް އޮތް ކަމެއް ނޫންކަން ވޭތުވެދިޔަ ފަސް އަހަރު އިހުސާސް ކުރެވުނެވެ. ސޯލިހުގެ ކާމިޔާބުގައި އެންމެ ގަދަކޮށް ފެވޭނީ ހަމަނުޖެހުމުން ހަމަޖެހުން ގެނުވުމެވެ.

އާރުޓީއެލްއިން މުޅި ރާއްޖެ ގަތާލުން

ރާއްޖޭގައި އިގްތިސާދީ ހަރަކާތްތައް ފުޅާކޮށް އިތުރުކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގުޅިލާމެހިފައި ނެތުމެވެ. އެކަހެރިކަމެވެ. ވަކިވަކި ރަށްތަކެއްގެ މައްޗަށް ބިނާވެފައި އޮތުމެވެ. އިގްތިސާދީ ގޮތުން އެ ރަށް އަނެއް ރަށާ ގުޅިފައި ނެތުމެވެ. އަދި, އިޖުތިމާއީ ގޮތުން ވެސް ބޮޑު ގޮންޖެހުމެކެވެ.

އެކަން ހައްލު ކުރުމަށް މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ހިދުމަތުން ގުޅާލުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުކެވެ. އެ ވައުދުގައި ހަގީގީ ކުލަ ޖެހުމުގެ މަސައްކަތް ފެށުނީ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ނުވަތަ އާރްޓީއެލް މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެމްޓީސީސީއާއި ޖެނުއަރީ 17, 2021 ގައި ހަވާލުކުރުމުންނެވެ.

ފެރީ ނެޓްވޯކުން ހަ ސަރަހައްދުގައިވާ ހުރިހާ ރަށްތަކެއް ގުޅުވައިލާ އިރު، އެއް ސަރަހައްދު އަނެއް ސަރަހައްދާ ވެސް ގުޅުވައިލާނެ އެވެ. ފަސިންޖަރުން އުފުލާ ފެރީ ގުޅުވައި ލާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ. ދެކުނުގެ ހަތަރު އަތޮޅާއި އުތުރުގެ އަތޮޅުތައް މިހާރު އެވަނީ ގުޅާލާފަ އެވެ. ދެން ހުރި އަތޮޅުތައް ވެސް އޭގެ ތެރެއިން ގެތިގެންދާކަށް މާ ގިނަ ދުވަހެއް ނެތެވެ.

އާރްޓީއެލް ފެރީގައި ރައީސް ސޯލިހު ދަތުރުކުރައްވަނީ. މި ނިޒާމުން މުޅި ރާއްޖެ ގުޅާލަން އެމްޓީސީސީން ދަނީ މަސައްކަތް ކުރަމުން --- ފޮޓޯ: ރައީސް އޮފީސް


"މި ޖަޒީރާތަކުގެ އެއް ރަށް އަނެއް ރަށާ ގުޅި، އިޖްތިމާއީ އަދި އިގްތިސާދީ އެކަހެރިކަން ފިލައި، ހުރިހާ ރަށެއްގެ އިގްތިސާދު، ގައުމީ އިގްތިސާދާ ލާމެހި ތަނަވަސްވާނީ މި ފެށި⁩ ނިޒާމުން. މިއީ އަޅުގަނޑުމެން އެދޭ ލާމަރުކަޒީ ތަރައްގީގެ މައިބަދަ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެ ޓްރާންސްޕޯޓު ލިންކާ ގުޅޭގޮތުން ވިދާޅުވެފައިވެ އެވެ.

ނޮވެމްބަރ 2022 އިން ފެށިގެން މިހާތަނަށް އެއްވެސް ދަތުރެއް ކެންސަލް ނުކޮށް ހަފްތާގެ ކޮންމެ ދުވަހަކު އާރްޓީއެލްގެ ދަތުރުތައް ކުރަމުން އަންނައިރު މިއީ ރާއްޖޭގެ ރަށްތަކުގައި ދިރިއުޅުމެން އަންނަ ރައްޔިތުންނަށް ލިބިގެންދިޔަ އަގުނުކުރެވޭ ބޮޑު ލުޔެކެވެ. އެކަމުގެ އިޖުތިމާއީ އަދި އިގުތިސާދީ ފާއިދާތައް ކުރިއަށް ހުރި އަހަރުތަކުގައި ފެނިގެންދާނެ އެވެ.

ފެނާއި ނަރުދަމާ ހުރިހާ ރަށަކަށް

ރާއްޖޭގައި މީހުން ދިރުއުޅޭތާ 3000 އަހަރަށް ވުރެ ގިނަ ދުވަސްވީއިރު މި ސަރުކާރު އައުމާ ހަމައަަށް ރާއްޖޭގެ 198 ރަށުގެ ތެރެއިން ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތްތައް ލިބެނީ މަދު ރަށަކުންނެވެ. މިއީ އދ. އިން އިންސާނީ ހައްގުތަކެއްގެ ގޮތުގައި ދެކޭ ކަންކަމަށް ވާއިރު ވެސް މި ރާއްޖޭގައި އެ ހިދުމަތްތައް ލިބެމުންދިޔައީ ވެރިރަށް މާލެ އިންނާއި މާލެ ކައިރި ބައެއް ރަށްތަކުގަ އެވެ.

ރައީސް ޔާމީން ވެރިކަމުގައި ވެސް ނަރުދަމާގެ ހިދުމަތްތައް ގާއިމުކުރީ ބޮޑެތި ރަށްތަކުގަ އެވެ. މި ސަރުކާރުން އައީ އެކަން ބަދަލުކުރާށެވެ. ފެނާއި ނަރުދަމާއަކީ އަސާސީ އިންސާނީ ހައްގުތަކެއް ކަމުގައި ދެކި ރާއްޖޭގެ ހުރިހާ ރަށެއްގައި ދައުރު ނިމުމުގެ ކުރިން ފެނާއި ނަރުދަމާ ޔަގީންކޮށްދޭނެ ކަމުގެ ވައުދު ވަމުންނެވެ.

"ސުމަކުން ފަށަން ޖެހުނު ނަމަވެސް މިކަމަކީ އަޅުގަނޑު ދޫކުރާނެ ކަމެއް ނޫން, ސަބަބަކީ ހަމަ ހަގީގަތުގައިވެސް ތަރައްގީގެ ވާހަކަ ދައްކަން ފަށަން ޖެހޭނީ ގައިން ތާހިރުވެ ތިބެ," ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.

ފެނާއި ނަރުދަމާ އަދި މަގު ހެދުމުގެ މަސައްކަތް ރާއްޖޭގެ ރަށެއްގައި ކުރިއަށްދަނީ. މިފަދަ އެތައް ޕްރޮޖެކްޓެއް ފަށައި މަސައްކަތް އަންނަނީ ހިނގަމުން --- ފޮޓޯ: އަދަދު


ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ރައްކާތެރި ސާފު ފެން ފޯރުކޮށްދިނުމަށާއި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެ ރަށާ އެކަށީގެންވާ މިންވަރެއްގެ ނަރުދަމާ ނިޒާމެއް ގާއިމުކުރުމަށް މަގުފަހިކުރުމަށްޓަކައި، ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅި އެވެ.

ރާއްޖޭގެ ފެނުގެ ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ އުސޫލުތަކާއި، އެ ނޫންވެސް ކަމާގުޅޭ އުސޫލުތައް ގާނޫނެއްގެ ސިފައިގައި ވުޖޫދު ކުރި އެވެ. އޭގެ އިތުރުން, އަންނަ އަހަރުން ފެށިގެން ފެނާއި ނަރުދަމާގެ ސަބްސިޑީ ވެސް ދޭން ފަށާނެ އެވެ.

ސައިޒުން ކުޑަޔަސް، ނުވަތަ ބޮޑަސް، އަދި މީހުން މަދަސް، ނޫނީ ގިނަޔަސް މި ހައްގު ފޯރުކޮށްދިނުމުގައި މި ސަރުކާރުން އެއްވެސް ރަށެއް، ބާކީކޮށް ވަކިކޮށް ނުލަ އެވެ. ފަހަރުގައި އެއީ އެންމެނަށް ކަމުދާ ކަމަކަށް ނުވީ ނަމަވެސް ރައީސް ސޯލިހު އެމަނިކުފާނުގެ ހާއްސަ އަހަންމިއްޔަތު ކަމެއް އެކަން އެގޮތަށް ތަންފީޒު ކުރޭތޯ ބެލުމަށް ދެއްވި އެވެ.

ތަރައްގީގެ މިފަދަ މަޝްރޫއުތައް މި ފަސް އަހަރު ހިންގިފައިވީ ނަމަވެސް ބައެއް މަޝްރޫއުތައް މާބޮޑަށް ލަސްވެގެން ދިއުން ފަދަ ކަންކަމަކީ ރައީސް ސާލިހުގެ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ފާޑުކިޔުމެވެ. އަދި އެކަން ވެގެން ދިޔައީ ރިޔާސީ އިންތިހާބުގެ ނާކާމިޔާބީގެ ވެސް ސަބަބަކަށެވެ. އެހެން ނަމަވެސް މި ލިޔުމުގައި މި ފާހަގަކޮށްލި ކަންކަމަކީ ރައީސް ސޯލިހުގެ ފަސް އަހަރުގެ ކުރިއެރުންތަކާއި ކާމިޔާބީ ބައެކެވެ.