Advertisement

އިޒްރޭލާ ދެކޮޅަށް ހުށަހަޅާފައިވާ ގަރާރު އެޖެންޑާ ނުކުރެވުނު ސަބަބު އަސްލަމް ތަފްސީލު ކޮށްދެއްވައިފި

15 ނޮވެންބަރު 2023 - 14:59 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަސްލަމް. އޭނާ ވަނީ ގަރާރު އެޖެންޑާ ކުރަން އެކަށީގެންވާ ވަގުތު އޭނާއަށް ނުލިބޭ ކަމަށް ވިދާޅުވެފައި --- ފޮޓޯ: މަޖިލިސް އިދާރާ


އިޒްރޭލާ ދެކޮޅަށް ހުށަހަޅާފައިވާ ގަރާރު އެޖެންޑާ ނުކުރެވުނު ސަބަބު އަސްލަމް ތަފްސީލު ކޮށްދެއްވައިފި

15 ނޮވެންބަރު 2023 - 14:59 0

އިޒްރޭލުން ފަސްލަތީނުގެ ބިންތައް ފޭރިގަނެ، އެ ގައުމުގެ ރައްޔިތުންނަށް ދެމުންދާ އުދުވާނީ ހަމަލާ ކުށްވެރިކޮށް، ފިޔަވަޅު އެޅުމުގެ ގޮތުން، އިޒްރޭލުން މުދާ އެތެރެކުރުން މަނާކުރުމާއި ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރުން މަނާ ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު މިއަދުގެ ޖަލްސާއަށް އެޖެންޑާ ނުކުރި ސަބަބު ރިޔާސަތުން ތަފްސީލު ކޮށްދީފި އެވެ.

އޮކްޓޯބަރު ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން އަންނަނީ މެދުކެނޑުމެއްނެތި ގާޒާއަށް ހަމަލާ ދެމުންނެވެ. ފަލަސްތީނު ދަރިކޮޅުގެ ރައްޔިތުން ނައްތާލުމުގެ އަމާޒުގައި އިޒްރޭލުން ދެމުންދާ މި ހަމަލާތަކުގައި ގާޒާއިން އެކަނި 12,500 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. އިޒްރޭލުން ދަނީ ހަމަލާތަކުގައި ގާޒާ ސުންނާފަތި ކުރަމުންނެވެ.

މިއަދު ކުރިއަށްގެންދިޔަ ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސްގައި މެމްބަރުން ވަނީ އެ ގަރާރު އެޖެންޑާ ނުކުރާ ކަމަށް ބުނެ ރިޔާސަތަށް ނުރުހުން އަމާޒު ކުރައްވާފަ އެވެ. މަޖިލީހުގެ ރިޔާސަތާއި އިއްޔެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހަވާލުވެވަޑައިގެންނެވިއިރު އަސްލަމް ވަނީ މެމްބަރުން ފާހަގަކުރެއްވި ބައެއް ކަންކަން ސާފުކޮށްދެއްވާފަ އެވެ.

އިޒްރޭލާ ދެކޮޅަށް މަޖިލީހަށް އޮކްޓޯބަރު 14, ގައި ގަރާރެއް ހުށަހެޅުއްވީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އެވެ. އޮކްޓޯބަރު 16, ގައި އޮތް ޖަލްސާގައި އެ ގަރާރުގެ ފުރަތަމަ ކިޔުން އިއްވުމަށް ފަހު ބަހުސް ފެށީ އޮކްޓޯބަރު 25, ގަ އެވެ. ރިޔާސަތުގެ ހައިޖާނުގެ ތެރޭގައި މަޖިލިސް އޮތީ އެ މުއްދަތުގެ ތެރޭގައި ހުއްޓިފަ އެވެ.

"އަޅުގަނޑުމެން މިތިބީ ނޮވެމްބަރު 15 ވަނަ ދުވަހު. އަޅުގަނޑު އަދި މި މަގާމާ ހަވާލުވީ އިއްޔެ. އިއްޔެ މަގާމާ ހަވާލުވެ ފުރަތަމަ މަސައްކަތެއް ކުރަން ލިބުނީ ސަޕްލިމެންޓަރީ ބަޖެޓުގެ މަސައްކަތް. އެ މަސައްކަތާ ގުޅޭގޮތުން ފާސްކުރުމުއް ފާސްކުރަން ވެސް ފުރުސަތު ލިބުނު މެމްބަރުންނާ," ރިޔާސަތުގައި އިންނެވި އަސްލަމް ވިދާޅުވި އެވެ.

އެޖެންޑާއާ ގުޅިގެން އެއްވެސް މެމްބަރަކު އިއްޔެ ވެސް އަދި މިއަދު ވެސް އެއްވެސް ވަރަކަށް ވާހަކަ ދައްކާފައި ނުވާ ކަމަށް އަސްލަމް ފާހަގަކުރެއްވި އެވެ.

"މި ހުރިހާ ކަމެއް އައިސްފައި, އަޅުގަނޑު މިތާ އިން ކުޑަ ވަގުތުކޮޅުގެ ތެރޭގައި, އަދި އަޅުގަނޑުގެ އިހުތިޔާރުގެ ތެރެއިން ނުކުރާ ކަމެއްގެ ގޮތުގައި ދެއްކުން އަޅުގަނޑަށް ގަބޫލެއް ނުކުރެވޭނެ ކަމަށް ދަންނަވަން. އަދި މި މަސައްކަތް ނުކުރަން ނެތީ ކަމަށް ވެސް ދަންނަވަން," އަސްލަމް ވިދާޅުވި އެވެ.

އޭގެ އިތުރުން, އިންތިހާބީ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތުގެ މަސައްކަތްތަކަށް މިއަދު ހަވީރުން ފެށިގެން މަޖިލިސް ޗެމްބަރު ދިނުމަށް އެއްބަސްވެފައިވާނެ ކަމަށާއި އެ މަސައްކަތް ދޫކޮށްފައި އިތުރު ޖަލްސާއެއް ބާއްވާނެ އިތުރު ވަގުތެއް ނެތް ކަމަށް އަސްލަމް އިއުލާނު ކުރެއްވި އެވެ.

އަސްލަމް ވިދާޅުވި ގޮތުން ބެލެވޭ ގޮތުގައި މި ގަރާރު ދެން އެޖެންޑާ ކުރާނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެވެ.

ފަލަސްތީނުގެ މިނިވަން ދުވަހަކީ ނޮވެމްބަރު 15، 1988 އެވެ. މިއަދަކީ އެ ތާރީހު ކަމަށް ވާތީ ފަލަސްތީނުގެ ދިފާއުގައި އިޒްރޭލުގެ ފަތުރުވެރިން އައުން މަނާ ކުރުމަށް ގޮވާލައި މަޖިލިސް ކައިރީ އާންމުން އިހުތިޖާޖުކޮށްފައިވެ އެވެ. އަދި މަޖިލީހުގެ ތަޅުމުގައި ބައެއް މެންބަރުން ވެސް އަޑު އުފުލާފައިވެ އެވެ.