Advertisement

ގާޒާއިން ބަލިމީހުން ބޭރުވުމަށް އިޒްރޭލުން ހުރަސްއަޅާތީ އދ. އިން ކަންބޮޑުވުން ފާޅުކޮށްފި

4 ފެބުރުވަރީ 2026 - 07:14 0

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ ގެ އޮފިޝަލުން، ގާޒާއާއި މިސްރު ގުޅޭ ރަފަހު ބޯޑަރު ހުރަސްކޮށް، ފަލަސްތީނުގެ ބަލިމީހުންނާއި ހަނގުރާމައިގައި ޒަހަމްވި މީހުން ބޭރު ގައުމުތަކުން ފަރުވާ ހޯދުމަށް ފޮނުވުމުގެ މަސައްކަތުގައި ފެބްރުއަރީ 3، 2026 އެހީތެރިވަނީ


ގާޒާއިން ބަލިމީހުން ބޭރުވުމަށް އިޒްރޭލުން ހުރަސްއަޅާތީ އދ. އިން ކަންބޮޑުވުން ފާޅުކޮށްފި

4 ފެބުރުވަރީ 2026 - 07:14 0

ގާޒާގެ ރަފަހު ބޯޑަރު ހުރަސްކޮށް އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި، ފަރުވާއަށް ބޭނުންވެފައިވާ ބަލިމީހުން ބޭރުވުމަށް ހުރަސްނޭޅުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް އިޒްރޭލަށް އަލުން ގޮވާލައްވައިފިއެވެ.

އަންގާރަ ދުވަހު ނިއުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ވާހަކަ ދައްކަވަމުން ގުޓެރޭޒް ވިދާޅުވީ، ރަފަހު ބޯޑަރު ހިމެނޭހެން ގާޒާއަށް ބޭނުންވާ އެހީގެ ސާމާނު އެއްވެސް ހުރަހެއް ނެތި، އަވަހަށް ފޯރުކޮށްދެވޭނެ މަގު އަވަހަށް ފަހިކޮށްދޭންޖެހޭ ކަމަށެވެ.

ގުޓެރޭޒް މި އިލްތިމާސް ކުރެއްވިއިރު، ގާޒާ އާއި މިސްރު ގުޅޭ ރަފަހު ބޯޑަރު ދާދި ފަހުން ހުޅުވާލި ނަމަވެސް، އިޒްރޭލުން ދަނީ ބަލިމީހުން ބޭރުވުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން، އަންގާރަ ދުވަހު ބޯޑަރު ހުރަސްކުރުމުގެ ހުއްދަ ދީފައިވަނީ އެންމެ 16 މީހުންނަށެވެ. މިއީ ދުވާލަކު 50 މީހުންނަށް ދަތުރުކުރެވޭނެ ކަމަށް އިޒްރޭލުން ކުރިން ބުނި އަދަދަށްވުރެ މާ މަދު މިންވަރެކެވެ. ގާޒާގައި މިވަގުތު ވެސް ކުއްލި ފަރުވާއަށް ބޭރު ގައުމުތަކަށް ދާންޖެހޭ 20,000 މީހުން ތިބިކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ދަތި ހާލަތުގެ ތެރޭގައިވެސް އިޒްރޭލުގެ ހަމަލާތައް ހުއްޓުމެއް ނެތި ކުރިއަށްދެއެވެ. އޮކްޓޯބަރު މަހު އެކުލަވާލި ސުލުހައިގެ އެއްބަސްވުމާ ހިލާފަށް، ޚާން ޔޫނިސް ކައިރިން 19 އަހަރުގެ ފަލަސްތީނު ޒުވާނަކު އިޒްރޭލް ސިފައިން ވަނީ ބަޑިޖަހާ މަރާލާފައެވެ. މި ހަމަލާއާއެކު، ސުލުހައިގެ އެއްބަސްވުން ހެދިފަހުން މަރުވި ފަލަސްތީނު މީހުންގެ އަދަދު މިހާރު ވަނީ 529 އަށް އަރާފައެވެ.

ގަޒާގެ ސިއްހީ ނިޒާމު މުޅިންހެން ސުންނާފަތިވެފައިވާއިރު، އަލްޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު މުހައްމަދު އަބޫ ސަލްމިއްޔާ ވިދާޅުވީ، ބަލިމީހުން ބޭރުވުމަށް ހުރަސްއެޅުމަކީ އެމީހުންނަށް ދެވޭ "މަރުގެ ހުކުމެއް" ކަމަށެވެ. ރަފަހު ބޯޑަރު ހުޅުވުން ލަސްވީ އިޒްރޭލުން ހިފަހައްޓާފައިވާ އަސީރުންގެ ހަށިތައް ލިބެންދެން ބޯޑަރު ހުޅުވަން އިޒްރޭލުން ދެކޮޅު ހެދުމުގެ ސަބަބުންނެވެ.