Advertisement

މަޖިލީހުގެ އާ ރައީސް އަސްލަމް ޖޭއެސްސީއަށް އައްޔަނުކޮށްފި

15 ނޮވެންބަރު 2023 - 14:04 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މަޖިލީހުގެ އާ ރައީސް އަސްލަމް ޖޭއެސްސީއަށް އައްޔަން ކުރެއްވި ކަމުގެ ލިޔުންކޮޅު އަރުވަނީ - ފޮޓޯ: ރައީސް އޮފީސް


މަޖިލީހުގެ އާ ރައީސް އަސްލަމް ޖޭއެސްސީއަށް އައްޔަނުކޮށްފި

15 ނޮވެންބަރު 2023 - 14:04 0

ރައްޔިތުންގެ މަޖިލީހުގެ އާ ރައީސް މުހައްމަދު އަސްލަމް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އައްޔަނުކޮށްފި އެވެ.

ކުރިން މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވީ މިދިޔަ ހޯމަ ދުވަހު އެވެ. އެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ފުރުއްވާ އަސްލަމް އިންތިހާބުކުރީ އެ ދުވަހުގެ ރޭ އެވެ.

ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮންނަ ގޮތުން މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު، ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރަން ޖެހެ އެވެ.

އަސްލަމް ވަނީ ކޮމިޝަނުގެ މެންބަރު ކަމުގެ ހުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކުރިފުޅުމަތީގައި ކުރައްވައިފަ އެވެ. އަސްލަމަށް މަގާމުގެ ހުވާ ލައި ދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

ކޮމިޝަނުގެ މެންބަރު ކަމުގެ ހުވާ ކުރެއްވުމުން، އެ މަގާމުގެ ލިޔުން އަސްލަމަށް ވަނީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ދެއްވައިފަ އެވެ.

އަސްލަމް އެންމެ ފުރަތަމަ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވީ 2005 ގަ އެވެ. އޭރުން ފެށިގެން މެދުކެނޑުމެއްނެތި އޭނާ ގެންދަވަނީ މަޖިލީހުގައި ހިދުމަތް ކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޮވެމްބަރު 2018 ގައި ހަވާލުވުމާ އެކު ހުސްވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމު ވެސް 2019 ގެ މަޖިލިސް އިންތިހާބާ ހަމައަށް އަސްލަމް ފުރުއްވި އެވެ.

މަޖިލިސް 19 ގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ އަސްލަމްއަކީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރެއްވި އިރު އެމަނިކުފާނުގެ ރަނިން މޭޓެވެ. މި މަޖިލީހުގައި މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރެއްގެ ގޮތުގައި ވެސް ހުންނެވި އެވެ.