Advertisement

އިޒްރޭލު ޓޫރިސްޓުން އައުން މަނާކުރަން ސަރުކާރަށް ލަފާ ދޭން ކޮމިޓީން ނިންމައިފި

15 ނޮވެންބަރު 2023 - 13:00 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމެއް: އިޒްރޭލު ފަތުރުވެރިން އައުން މަނާކުރަން ސަރުކާރަށް ލަފާ ދޭން ނިންމައިފި - ފޮޓޯ: މަޖިލިސް


އިޒްރޭލު ޓޫރިސްޓުން އައުން މަނާކުރަން ސަރުކާރަށް ލަފާ ދޭން ކޮމިޓީން ނިންމައިފި

15 ނޮވެންބަރު 2023 - 13:00 0

އިޒްރޭލުގެ ޕާސްޕޯޓު ބޭންކޮށް، އެ ގައުމުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރުމަށް ދިވެހި ސަރުކާރަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ދެ މެންބަރަކު މި މައްސަލަ ހުށަހަޅުއްވާފައިވެ އެވެ. ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވީ ގަރާރެކެވެ. ދެން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވަނީ ކޮމިޓީން އެ މައްސަލަ ބަލައި ގޮތެއް ނިންމައިދިނުމަށް އެދިވަޑައިގެން ސިޓީއެއް ފޮނުއްވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ފާހަގަ ކުރެއްވީ ހާރިޖީ ސިޔާސަތު ކަނޑައެޅުމަކީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެއް ކަމެވެ.

އެހެންވެ އޭނާ ހުށަހެޅުއްވީ ކޮމިޓީން ނިންމާ ނިންމުން ދިވެހި ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ލަފައެއް ގޮތަށް އެރުވުމަށެވެ.

މެންބަރު ޝަރީފު ހުށަހެޅުއްވުމަށް ތާއީދު ކުރައްވަމުން ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވީ އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ ނައުމަށް އަންގައި އެ ގައުމުން ވެސް މިހާރު ޓްރެވެލް އެޑްވައިޒަރީއެއް ނެރެފައިވާ ކަމަށެވެ.

ދިވެހިން ވެސް އިޒްރޭލު ފަތުރުވެރިންނަށް މަރުހަބާ ކިޔައި އެ ފައިސާ ދިވެހި އިގުތިސޯދުގައި ދައުރުވާން ކޮންމެހެން ބޭނުން ނުވާ ކަން ފެންނަމުންދާ ކަން ފާހަގަކުރެއްވި އެވެ. ސަރުކާރަށް އަރުވާ ލަފާގައި ހާރިޖީ ސިޔާސަތު އެ ގޮތަށް ބައްޓަން ކުރަން ހިމަނަން ވާނެ ކަމަށް ސައްލެ ވިދާޅުވި އެވެ.

ކޮމިޓީގެ އެހެން މެންބަރުން ވެސް ވަނީ އެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވައިފަ އެވެ.

ކޮމިޓީގެ މުގައްރިރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ ކޮމިޓީގެ މެންބަރުން އެ ގޮތަށް ތާއީދުކުރައްވާތީ އެ ގޮތަށް ރިޕޯޓު އެކުލަވާލެއްވުމަށް އަންގަވާނެ ކަމަށެވެ.

ކޮމިޓީއަށް އަންނަ މައްސަލަތަކާއި، ބިލުތައް ދިރާސާކުރުމަށް ފަހު މެންބަރުން ފާސްކުރާ ގޮތެއްގެ މަތީން ރިޕޯޓެއް އެކުލަވާނެ އެވެ. ދެން އެ ރިޕޯޓު ފޮނުވަނީ އަނބުރާ މަޖިލީހުގެ ތަޅުމަށެވެ. މަޖިލީހުގެ ނިންމުމެއްގެ ގޮތުގައި ފާސްވާނީ ތަޅުމުގައި އަހައި ވޯޓެއްގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތު ލިބިގެންނެވެ.

ފަލަސްތީނުގެ މިނިވަން ދުވަހަކީ ނޮވެމްބަރު 15، 1988 އެވެ. މިއަދަކީ އެ ތާރީހު ކަމަށް ވާތީ ފަލަސްތީނުގެ ދިފާއުގައި އިޒްރޭލުގެ ފަތުރުވެރިން އައުން މަނާ ކުރުމަށް ގޮވާލައި މަޖިލިސް ކައިރީ އާންމުން އިހުތިޖާޖުކޮށްފައިވެ އެވެ. އަދި މަޖިލީހުގެ ތަޅުމުގައި ބައެއް މެންބަރުން ވެސް އަޑު އުފުލާފައިވެ އެވެ.

ފަލަސްތީނުގެ ބިންތައް ހިފުމަށް އިޒްރޭލުން ހިންގާ ގަތުލްއާންމުގައި މި ފަހުން މަހެއްހާ ދުވަހު ދިން ހަމަލާތަކުގައި 10،000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ވަނީ މަރާލައިފަ އެވެ.