18 ނޮވެންބަރު 2025 - 13:17 0
އަހުމަދު އާއިދު
ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު: އޭނާ ވިދާޅުވީ އެމްބަސީތަކުގެ ހަރަދު އިތުރުވާއިރު ހިލޭ އެހީ ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފަ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
18 ނޮވެންބަރު 2025 - 13:17 0
ބޭރުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކާއި، ހައި ކޮމިޝަންތަކާއި ކޮންސުލޭޓު އަދި މިޝަންތަކަށް ކުރާ ހަރަދާއި ވެރިން ބޭރު ގައުމުތަކަށް ކުރާ ދަތުރުތައް އިތުރުވި ނަމަވެސް ގައުމުތަކުން ރާއްޖެއަށް ލިބޭ ހިލޭ އެހީ ދަށްވަމުންދާތީ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން ސަމީރު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި އެމްބަސީތަކަށް ކުރާ ހަރަދު އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓުގައި ފޮރިން މިނިސްޓްރީއަށް ދޭން ހިމަނާފައިވާ ޖުމްލަ 349 މިލިއަން ރުފިޔާގެ ތެރެއިން 270 މިލިއަން ރުފިޔާ އަކީ އެމްބަސީ ތަކުގެ ބަޖެޓެވެ.
ނަމަވެސް، އެމްޑީޕީ ސަރުކާރުގެ ފަސް އަހަރާއި އަޅާބަލާއިރު މި ވެރިކަމުގައި ހިލޭ އެހީ ލިބޭ މިންވަރު ވަރަށް ބޮޑުތަނުން ދައްވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އޭރު ނަމްބަރުތައް ވެސް ހިއްސާކުރެއްވި އެވެ.
"2019 ގައި އެއް ބިލިއަން ރުފިޔާ އެބައޮތް ހިލޭ އެހީގެ ގޮތުގައި ދީފަ. 2020 ވަނަ އަހަރު 972 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގަ. 2021 ވަނަ އަހަރު 959 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގަ. 2022 ވަނަ އަހަރު 480 މިލިއަން ރުފިޔާ. 2023 ވަނަ އަހަރު އެއް ބިލިއަން ރުފިޔާ،" އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ސަމީރު ވިދާޅުވި އެވެ.
ނަމަވެސް، މިދިޔަ އަހަރަށް އަންދާޒާކުރި 1.2 ބިލިއަން ރުފިޔާގެ ތެރެއިން ހޯދުނީ 763 މިލިއަން ރުފިޔާ ކަމަށާއި މި އަހަރަށް އަންދާޒާކުރި 2.5 ބިލިއަން ރުފިޔާގެ ތެރެއިން ހިލޭ އެހީގެ ގޮތުގައި މިހާތަނަށް ލިބުނީ 380 މިލިއަން ރުފިޔާ ކަމަށް ސަމީރު ވިދާޅުވި އެވެ.
"ކުރިން މި ދެންނެވި ފަދައިން މި ސަރުކާރުގެ އެމްބަސީތަކަށް އެހާ ބޮޑު ހޭދައެއް ކުރަމުންދާއިރުގަ އަދި ވަޒީރުންނާއި ރައީސުލްޖުމްހުރިއްޔާ އެތައް ބައިވަރު ދަތުރުތަކެއް ރާއްޖެއިން ބޭރަށް ކުރަމުންދާއިރު މީގެން އެންމެ އެދެވޭ ނަތީޖާ ފެންނަން ނެތްކަން ހިތާމައާއެކު ފާހަގަކޮށްލަން ޖެހޭ،" ސަމީރު ވިދާޅުވި އެވެ.
އެމްބަސީތަކަށް ކުރާ ހަރަދު އިތުރުވުމާއެކު ރާއްޖެއިން ބޭރު ފައިސާ ބޭރުވާ މިންވަރު ވެސް އިތުރުވާނެ ކަމަށާއި ބޭރުގައި ތިބޭ މުވައްޒަފުންނަށް މުސާރަ ކުރުމާއި ހޭދަތަކަށް ފައިސާ ދޫކުރާނީ ބޭރުގެ ކަރަންސީތަކުން ކަން ވެސް ސަމީރު ފާހަގަކުރެއްވި އެވެ.
ބަޖެޓު ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވީ ރިކަރަންޓު ހަރަދުގެ ގޮތުގައި ޖުމްލަ ބަޖެޓުގެ 39.9 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. މީގެ ތެރޭގައި މި ފަހުން ރައީސް މުހައްމަދު މުއިއްޒު ބޮޑުކުރަން ނިންމި މުވައްޒަފުންގެ މުސާރަ ހިމެނޭ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment