15 ނޮވެންބަރު 2023 - 09:50 0
މުހައްމަދު އުޝާމް
ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް؛ އަދީބާއި ޒިޔަތަށް މައާފު ދިނުމުން ހިތްހަމަނުޖެހިފައި ހުރިކަން ހާމަކުރައްވައިފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
15 ނޮވެންބަރު 2023 - 09:50 0
ވިހި އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބު ލުއިކޮށް, މިނިވަންކޮށްދިނުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.
އަދީބާއި ޒިޔަތަކީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މޭސްތިރިންނެވެ. ޝަރީއަަތުގައި އެ ކަމަށް އިއުތިރާފުވެފައިވެ އެވެ. ކުށް ސާބިތުވެ 20 އަހަރުގެ ހުކުމް އިއްވައި ގޭބަންދުގައި މިވީހާ ދުވަހު ހުކުމް ތަންފީޒުކުރައްވަމުން ދަނިކޮށް އަދަބު ލުއިކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން، ހުކުމެއްގައި ހުރި މީހަކު އެ ހުކުމުގެ ހަތަރު ބައި ކުޅަ އެއް ބައި ތަންފީޒުކޮށްފައިވާނަމަ ރައީސުލްޖުމްހޫރިއްޔާއަށް މައާފު ދެއްވުމުގެ ބާރު އޮވެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވި ގޮތުގައި ގާނޫނީ ނިޒާމު މިހާރު އޮތް ގޮތުން ރައީސަށް އެ ކަމުގައި ދެވެނީ ފުޅާ ބާރުތަކެކެވެ. އެ ބާރު ބޭނުންކުރައްވާ ގޮތާ މެދު ސުވާލު އުފެއްދުމަކީ ވެސް ޕީޖީ އޮފީހުގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަމެއް ނޫނެވެ.
ޤާނޫނީ ނިޒާމު މިހާރު އޮތް ގޮތުން، މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސަށް ފުޅާ ބާރުތަކެއް ލިބެއެވެ. އެބާރު ބޭނުންކުރައްވާ ގޮތާމެދު ސުވާލު އުފެއްދުމަކީވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަމެއް ނޫނެވެ.
"އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުންނާއި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހެއްގެ ހައިސިއްޔަތުން، ދެރައާއި ހިތްހަމަނުޖެހުމާއި، ފްރަސްޓްރޭޝަނާއި ކަންބޮޑުވުން ކުޑައެއް ނޫނެވެ." ގާނޫނީ ބާރެއް ލިބިފައި ނެތަސް، ވަކި ފަރުދެއްގެ ހައިސިއްޔަތުން ނުރުހިފައި ހުންނެވި ކަމަށް ލިޔުއްވާފައިވެ އެވެ.
ޝަމީމް ވިދާޅުވީ ޕީޖީގެ ދައުރެއް ނޯންނަ ގޮތަށް ރައްޔިތުންގެ މަޖިލީހުން އެ ގާނޫނު ފަރުމާކުރީ މުހިންމު މަގުސަދެއް ހާސިލް ކުރުމަށް ކަމަށް ބަލަން ޖެހޭ ކަމަށެވެ. ނަމަވެސް ބައެއް މުހިންމު ކަންކަން "ހަނދާނުން ކައްސާލާފައި" އޮވެދާނެ ކަމަށް ވެސް އޭނާ ލިޔުއްވާފައިވެ އެވެ.
ޝަމީމްގެ ރައުޔަކީ، އާންމުންގެ މެދުގައި އޮތް ނުތަނަވަސްކަމަށް ހައްލެއް ގެނެސްދެވޭނީ ރައްޔިތުންގެ މަޖިލީހަށެވެ. އާންމުންގެ ހިޔާލާއި ފިކުރާ އެއް ގޮތަށް ގާނޫނު އިސްލާހު ކުރުމެވެ. އެ މަގަށް މަޖިލީހުން މަސައްކަތް ކުރާނެ ކަމަށް އެއްވެސް "ޝައްކެއް އޮތް ކަމެއް ނޫން" ކަމަށް ލިޔުއްވެވި އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ދައުލަތަށް ލިބެންޖެހޭ 1.3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށްނެގިއިރު، ޒިޔަތު ހުންނެވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. ވައްކަމުގެ މޭސްތިރި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެއިރު ހުންނެވީ ފަތުރުވެރިކަމާ ބެހޭ މިނިސްޓަރުގެ މަގާމުގަ އެވެ.
ޒިޔަތު މިނިވަން ކުރީ އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލައިގައި ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް, ގޭ ބަންދުގައި ހުރެ ތަންފީޒު ކުރަމުން ދަނިކޮށެވެ. އޭނާ މިނިވަންކުރި އިރު, ޒިޔަތުގެ މައްޗަށް އާ ތިން ދައުވާއެއް ކުރަން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޕީޖީ އޮފީހުން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.
އެއީ 203 މިލިއަން ރުފިޔާއަކަށް ހިޔާނާތްތެރިވި މައްސަލައަކާއި ހަ މިލިއަން ޑޮލަރަކަށް ހިޔާނާތްވި މައްސަލައަކާއި އެއް މިލިއަން ޑޮލަރަކަށް ހިޔާނާތްތެރިވި މައްސަލައެއް ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. އެ ތިން ދައުވާގެ އަދަބެއްގެ ގޮތުން ޖުމްލަ 12 އަހަރުގެ ޖަލު ހުކުމެއް ޒިޔަތުގެ މައްޗަށް އިއްވުމަށް ދައުލަތުން އެދެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވިކަމުގެ ކުށް ސާބިތުވުމާއެކު އަދީބު ވެސް ހުރީ 20 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެއީ އޭނާ ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ. އެ ހުކުމުގައި އޭނާ ތަންފީޒު ކުރެއްވީ ތިން އަހަރާއި އެއް މަސް ދުވަހުގެ މުއްދަތެކެވެ.
އެހެން ނަމަވެސް އޭނާގެ ބަލި ހާލަތާ ގުޅިގެން ގޭ ބަންދަށް ބަދަލުކޮށްފައި ހުންނަތާ އަހަރުތަކެއް ވެއްޖެ އެވެ. އަދީބަށް ވެސް މައާފު ދީފައިވާއިރު, އޭނާ ވަނީ މީގެ ކުރިން ޓަގު ބޯޓެއްގައި ރާއްޖެއިން ފިލައިގެން ގޮސްފަ އެވެ. އޭނާ އަތުލައިގަނެވުނީ އިންޑިއާގެ ޓުޓިކޮރިން އިންނެވެ.
Comment