14 ނޮވެންބަރު 2023 - 16:58 0
މުހައްމަދު ޝަހްޒާން
ތިލަމާލެ ބުރިޖު އޭޅުމުގެ މަސައްކަތް ކުރާ އެފްކޯންސްގެ ޕްލެޓުފޯމެއް. ކަނޑުގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން އެ ކުންފުނީގެ ޕްލެޓުފޯމެއް ވިލިމާލެ ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ފަރަށް ލިބިފައިވޭ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
14 ނޮވެންބަރު 2023 - 16:58 0
ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތަށް އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި، ލިބުނު ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި ކުރި ޖޫރިމަނާއަށް ލުޔެއް ނުދިނުމަށް އެންވަރަމަންޓު މިނިސްޓަރީން ނިންމައިފި އެވެ.
އެންވަޔަރްމެންޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެފްކޮންސް އަށް ލުއި ނުދޭން ނިންމީ ގާނޫނީ ގޮތުންނާއި ޓެކްނިކަލް ގޮތުން ވެސް ދިރާސާ ކުރުމަށްފަހު ކަމަށެވެ.
ތިލަމާލެ ބުރިޖު އެޅުމަށް ވިލިނގިއްޔާއި މާލެއާ ދެމެދު އަޅާފައި އޮތް އެފްކޮންސްގެ ޕުލެޓުފޯމުގެ ނަގިޔައްޔަށް ދިމާވި މައްސަލައަކާ ގުޅިގެން ވިލިމާލެ ފަރަށް އެ ޕުލެޓުފޯމު އެރީ މިދިޔަ އަހަރުގެ އޯގަސްޓު މަހު އެވެ. ފަރަށް އެރިތާ 12 ދުވަސް ފަހުން ފުން ޕުލެޓުފޯމު ފުން ކުރިއިރު، ވިލިމާލެ ފަރުގައި 10 ފޫޓުގެ ބޮޑެތި ވަޅުގަނޑުތަކެއް ހެދިފައި ހުއްޓެވެ.
އެ މައްސަލަ ބަލައި ތަހުގީގު ކުރުމަށްފަހު އެންވަރަމަންޓު ޕުރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެ ކުންފުނި 69.4 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރި އެެވެ. ނަމަވެސް އެ ކުންފުނިން ވަނީ ޖޫރިމަނާއަށް ލުޔެއް ހޯދައިދިނުމަށް އެދި އެންވަރަމަންޓު މިނިސްޓަރީގައި އެ މައްސަލަ އިސްތިއުނާފު ކޮށްފަ އެވެ.
އެންވަރަމަންޓު މިނިސްޓަރީގެ ބަޔާނުގައި ބުނީ އަޅަންޖެހޭ ވަރަށް ސަލާމަތީ ފިޔަވަޅުތައް ރަނގަޅަށް އެފްކޮންސްއިން އަޅާފައި ހުރި ނަމަ އުޅަނދު ފަރަށް އެރި ހާދިސާއިން ރައްކާތެރިވުމުގެ ފުރުސަތު އޮތްކަން ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ އެހީތެރިކަމާއެކު އެ މައްސަލައިގެ ޓެކްނިކަލް ރިވިއުއެއް ހެދުމުން އެނގުނު ކަމަށެވެ. އެހެންކަމުން އީޕީއޭއިން ކޮށްފައިވާ ޖޫރިމަނާ މުރާޖައާކޮށް ބަދަލެއް ގެންނަން ޖެހޭ ސަބަބައެއް ނެތް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ވިލިމާލެ ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބޭ ފައިސާގެ ތެރެއިން 15 މިލިއަން ރުފިޔާ އީޕީއޭގެ "އެންވަރަމަންޓު ރިސްޓޮރޭޝަން ފަންޑު" އަށް ޖަމާކުރުމަށް އެންވަރަމަންޓު މިނިސްޓަރީން ވަނީ ނިންމައިފަ އެވެ. އެގޮތަށް ނިންމީ ތިމޭވެށްޓަށް ލިބޭ ގެއްލުމުގެ ބަދަލުގައި ސަރުކާރަށް ޖޫރިމަނާގެ ގޮތުގައި ލިބޭ ފައިސާ ނުވަތަ އެ ފައިސާއިން ބައެއް ތިމާވެށްޓަށް ލިބޭ ގެއްލުން އިއާދަ ކުރުމަށް އީޕީއޭއަށް ލިބުމަކީ މުހިންމު ކަމެއް ކަމުގައި ސަރުކާރުން ދެކޭތީ ކަމަށް ބަޔާނުގައިވެ އެވެ.
އީޕީއޭއިން ކުރި ޖޫރިމަނާ ދެއްކުމަށް އެފްކޮންސްއަށް ދިނީ 30 ދުވަހުގެ މުއްދަތެކެވެ. އެފްކޮންސްއިން އެ މައްސަލަ އެންވަރަމަންޓު މިނިސްޓަރީގައި އިސްތިއުނާދު ކުރީ އެ މުއްދަތު ހަމަވާން އެއް ދުވަހަށް ވެފައި ވަނިކޮށެވެ. އެފްކޮންސްއިން ވަނީ އެ މައްސަލައިގައި އެންމެ ފުރަތަމަ ފަރަށް ލިބުނު ގެއްލުން ބެލުމަށް އީޕީއޭއިން ކުރި ސާވޭ ވެސް ގަބޫކުރަން ދެކޮޅު ހަދައި އަމިއްލަ ސާވޭއެއް ކުރަން އޭރު އެދިފަ އެވެ.
މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ތިމާވެށްޓާ ގުޅޭ 40 މައްސަލައެއްގައި ކުރި ޖޫރިމަނާއަށް ވާ ފައިސާގެ އަދަދު 600 މިލިއަނަށް ވުރެ ގިނަ އެވެ. އޭގެތެރެއިން ތިން ބައިކުޅަ އެއްބައި ލިބިފައިވާ ކަމަށް އެންވަރަމަންޓު މިނިސްޓަރު، އައިމިނަތު ޝައުނާ ވިދާޅުވެފައިވެ އެވެ.
Comment