13 ނޮވެންބަރު 2023 - 15:01 0
ސާއިފް ޝިޔާދު
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله. މިއަދުގެ ރިޔާސަތުން އޭނާ ފައިބައިވަޑައިގެންފައި ނުވޭ --- ފޮޓޯ: އަދަދު ފައިލް
13 ނޮވެންބަރު 2023 - 15:01 0
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ހުށަހެޅި ގަރާރު މިވަގުތު މަޖިލީހުގެ ނިޒާމުގައި ނެތް ކަމަށާއި މަޖިލީހުގެ ރިޔާސަތުން ނިންމާފައިވާ ނިންމުމެއް ނަފީކޮށް އެ މައްސަލަ އަލުން އެޖެންޑާކޮށް ޖަލްސާއަކަށް ގޮވުމުގެ ގާނޫނީ ބާރު އަމީންއާންމަށް ލިބިވަޑައިގަނެފައި ނުވާ ކަމަށް އެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ވިދާޅުވެއްޖެ އެވެ.
މިއަދު މަޖިލީހަށް ދެ ޖަލްސާއެއް އެޖެންޑާ ކުރި އެވެ. އެއް ޖަލްސާއަކީ ބަޖެޓު ހުށަހަޅަން އޮތް ޖަލްސާ އެވެ. އެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސަލާމް ފޮނުއްވިއިރު ކޯރަމް ހަމަނުވެގެން ޖަލްސާ މެދުކަނޑާލީ އެވެ.
ދެވަނަ ޖަލްސާ ކުރިއަށްނުގެންދެވި މަޖިލިސް ހުއްޓުނީ ރިޔާސަތު ބަލަހައްޓާނެ މެމްބަރަކާ މެދު ވެސް ހިޔާލު ތަފާތުވުންތަކެއް ހުއްޓަ އެވެ. ނައިބު ރައީސް އީވާ އަބްދުالله ރިޔާސަތުގައި އިންނެވިރު އޭނާއަށް އެ ތަނުގައި ނީނދެވޭނެ ކަމަށް އެމްޑީޕީގެ މެމްބަރުން ދިޔައީ ބުނަމުންނެވެ. އެ ހައިޖާނުގައި އެ ޖަލްސާ ވަނީ ނިންމާލާފަ އެވެ.
މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިޔުޝާއަށް ފޮނުއްވި ސިޓީއެއްގައި އީވާ ވަނީ ނަޝީދުގެ އިތުބާތު ނެތްކަމުގެ ގަރާރަކީ މަޖިލީހުގެ ގަވާއިދުގައި ބުނާ "ގަރާރު" ގެ ޝަރުތުތައް ފުރިހަމަ ނުވާ ގަރާރެއް ކަމަށެވެ.
އެއީ އިއްޔެ ހެނދުނުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި ނަޝީދުއާ އަރިސް ވިލުފުށީ ދާއިރާގެ މެމްބަރު, ހަސަން އަފީފް ނިންމެވި ނިންމެވުމެކެވެ.
"މަޖިލީހުގެ ނައިބު ރައީސް އުޒުރުވެރި ނުވާ އެއްވެސް ހާލަތެއްގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއިން ރިޔާސަތު ބަލަހައްޓަން ކަނޑައަޅާފައިވާ ފަރާތަކާ މަޖިލީހުގެ ރިޔާސަތު ހަވާލުކުރުމުގެ ގާނޫނީ އެއްވެސް ބާރެއް އަމީންއާންމަށް ލިބިގެނެއް ނުވެ އެވެ," އެ ސިޓީގައި އީވާ ވިދާޅުވެފައިވެ އެވެ.
އާންމު ކޮމިޓީން ވެސް ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާނަމަ ރިޔާސަތުގައި އީވާ އާއި އަފީފަށް ނީނދެވޭނެ ކަމަށް ލަފާދީފަ އެވެ. އަދި, ބަންޑާރަ ނައިބުގެ ލަފައެއް ވެސް އެކަމުގައި ވަނީ ހޯދާފަ އެވެ.
އީވާގެ ސިޓީގައި ވިދާޅުވެފައިވާ ގޮތުން އެފަދަ ލަފައެއް ހޯދުމަށް މަޖިލީހުގެ ގަވާއިދު ތަނެއް ނުދެ އެވެ. އަދި, އެއީ ގާނޫނުއަސާސިން މަޖިލީހަށް ދީފައިވާ ބާރުތައް ކަނޑުވާލައި މަޖިލިސް ހިންގުމަށް އޮތް ހުރަހެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތަފްސީލް އަންނަނީ...
Comment