Advertisement

ޝައުނާގެ ހާއްސަ އިންޓަވިއު: ތިލަފުއްޓަށް ދާއިމީ ހައްލާއި އިއާދަކުރަނިވި ހަކަތައިން ޖީބަށް ލުއިކަން

16 ނޮވެންބަރު 2023 - 13:40 0

އަމަން ހަލީމް

އަމަން ހަލީމް

އެންވަޔަރަމަންޓް މިނިސްޓަރު އައިޝަތު ޝައުނާ: ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވީ ދައުރުގެ މެދުތެރެއިން 2021 ގައި -- ފޮޓޯ/މުހައްމަދު ޝާބިން


ޝައުނާގެ ހާއްސަ އިންޓަވިއު: ތިލަފުއްޓަށް ދާއިމީ ހައްލާއި އިއާދަކުރަނިވި ހަކަތައިން ޖީބަށް ލުއިކަން

16 ނޮވެންބަރު 2023 - 13:40 0

ދައުރުގެ ފަހު ދުވަސް ގުނަމުން އަންނަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތް އެއް ކަމަކީ ތިމާވެއްޓެވެ. ރާއްޖޭގައި ހުރި ގުދުރަތީ ގޮތުން ހާއްސަ ސިފަތައް ލިބިފައިވާ ތަންތަން ހިމާޔަތްކުރުމާއި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް އިތުރުކުރުމަށާއި ކުނި މެނޭޖުކުރުމާ ގުޅޭ މުހިންމު މަސައްކަތްތަކެއް އެ އެޖެންޑާގެ ދަށުން ކުރި އެވެ.

މި މަސައްކަތުގެ އެންމެ ކުރީ ސަފުގައި ހުންނެވި އެކަކަށް ވާނީ ރައީސް އޮފީހުގެ ޕޮލިސީ ސެކެޓްރީ ކަމުން، ދައުރުގެ މެދެއްހާ ހިސާބުގައި، އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ކަމަށް ވަޑައިގެންނެވި އާމިނަތު ޝައުނާ އެވެ. އެގޮތުން މި ވޭތުވި ފަސް އަހަރުގެ ތެރޭގައި ތިމާވެށީގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ 'އަދަދު' ނޫހަށް ދެއްވި އިންޓަވިއުއްގައި ޝައުނާ ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންގެ މި ފަސް އަހަރުގެ ދައުރުގެ ތެރޭގައި ހާއްސަކޮށް މޫސުމީ ބަދަލުތަކާ ގުޅިގެން ދިވެހިރާއްޖެއަށް މިކުރާ އަސަަރުތަކާއި އަދި ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމާއި އިޔާދަކުރަނިވި ހަކަތަ ރާއްޖެއަށް އިތުރުކުރެވޭ މިންވަރާއި އަދިވެސް މި ދާއިރާގެ މަސައްކަތްތަކަށް މުހިންމު ހުރިހާ ގާނޫނީ އޮނިގަނޑެއް މިވަނީ އިރާދަކުރައްވައިގެން ތަސްދީގުކޮށް ނިންމާފައި" އޭނާ ވިދާޅުވި އެވެ.

ފަސް އަހަރުގެ ތެރޭގައި 44 ސަރަހައްދެއް ހިމާޔަތްކުރުން

ރާއްޖޭގައި އެންމެ ފުރަތަމަ ތަނެއް ހިމާޔަތްކުރީ 1995 ވަނަ އަހަރެވެ. އެފަހުން މި ސަރުކާރުން 2018 ގައި ވެރިކަމާ ހަވާލުވުމާ ހަމައަށް ހިނގި 23 އަހަރުގެ ތެރޭގައި ހިމާޔަތްކުރީ 47 ސަރަހައްދެކެވެ. ޝައުނާ ވިދާޅުވީ މި ސަރުކާރުން ފަސް އަހަރުގެ ތެރޭގައި ކުރި މަސައްކަތުން 44 ސަރަހައްދެއް ހިމާޔަތްކޮށް، މިހާރު މަސައްކަތް ނުނިމޭ އަތޮޅުތަކުގައި ހިމާޔަތްކުރަން ޖެހޭ ތަންތަން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މި 44 ސަރަހައްދު ހިމާޔަތްކުރިއިރު އެއީ 11 އަތޮޅެއްގެ ތިމާވެށިގެ ގޮތުން އެންމެ މުހިންމު ހުރިހާ ސަރަހައްދެއް އެ 11 އަތޮޅުގައި މިވަނީ ހިމާޔަތްކޮށް ނިންމާފައި. ބާކީ ހުރި އަތޮޅުތަކުގެ ތެރެއިން ދެ އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގެ އިކޮލޮޖިކަލް ސާވޭގެ މަސައްކަތް ނިންމާފައި." އޭނާ ވިދާޅުވި އެވެ.

މިއާ އެކީ މި ސަރުކާރަކީ އެއް ދައުރުގެ ތެރޭގައި އެންމެ ގިނަ ތަންތަން ހިމާޔަތްކުރި ސަރުކާރަށް ވާނެ ކަމަށް ޝައުނާ ވިދާޅުވި އެވެ. މިހެން ނަމަވެސް އަންނަން އޮތް ޖީލުތަކާ ހަމައަށް މިހެން ހުރި ތަންތަން ރައްކާތެރިކަމާ އެކީ ފޯރުކޮށްދިނުމުގެ މަސައްކަތް ނުނިމޭ ކަން ފާހަގަކުރައްވަމުން އޭނާ ވަނީ މި މަގުސަދަށް ވާސިލުވާން ހިމާޔަތްކުރަން ޖެހޭ ތަންތަން ގާނޫނީ ގޮތުން ހިމާޔަތްކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ކުނި މެނޭޖުކުރުން ޒަމާނީކޮށް، ތިލަފުއްޓަށް ދާއިމީ ހައްލު

ކުނީގެ މައްސަލައަކީ ރާއްޖޭގައި އެންމެ ބޮޑު އެއް މައްސަލަ އެވެ. ތޮއްޖެހި ފުރި ބާރުވެފައިވާ މާލޭގައި މި މައްސަލަ ވަކިން ބޮޑެވެ. ޝައުނާ ވިދާޅުވީ މި ސަރުކާރުން ކުނި މެނޭޖުކުރުމުގެ މައްސަލައާ ކުރިމަތިލައި ހައްލު ހޯދި އެންމެ ބޮޑު މައްސަލައަކަށް ވާނީ މި މާލެ އާއި ރާއްޖޭގެ ހުރިހާ ކަންކޮޅަކުން ކުނި ޖަމާކުރަމުން އައި ތިލަފުށީގައި އޮތް ކުނި ފުނި ކަމަށެވެ.

"ޒަމާންތަކެއް ވަންދެން ހާމައަށް އަންދަމުން އައި ކުނި، އެކަން މިވަނީ ހުއްޓާލާފައި. އަދި ދުން އެރުން ވެސް އިރާދަކުރެއްވިއްޔާ މިވަނީ ހުއްޓާލެވިފައި. އަދި ތިލަފުށި ޒަމާނީ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަކަށް ހެދުމަށްޓަކައި އެތަނަށް ބޭނުންވާ އިކުއިޕްމަންޓާއި މެޝީނަރީޒް މިހާރު މިވަނީ ފޯރުކޮށްދީފައި," އޭނާ ވިދާޅުވި އެވެ.

ތިލަފުށި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި މިހާރު ނިމިއްޖެ އެވެ.

ތިލަފުށީ ކުނި މެނޭޖުކުރާ ސައިޓުގައި ޝައުނާ. އެ ރަށުން ކަޅު ދުން އެރުން ވަނީ ހުއްޓުވާފައި --- ފޮޓޯ: އެންވަޔަރަމަންޓު މިނިސްޓްރީ


ޝައުނާ ވިދާޅުވީ ދެވަނަ ފިޔަވަހި ހިންގަން ބޭނުންވާ ފައިސާ ހަމަޖެހި މިހާރު އޮތީ އިފްތިތާހުކުރުމާ ހަމައިގައި ކަމަށެވެ. އަދި މިކަމަށްޓަކައި ބޭނުންވާ ވަސީލަތްތަކާއި ޓްރާންސްފާ ސްޓޭޝަންތައް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާއިރު، މި މަސައްކަތް ނިމުމުން ކުނި މައްސަލައިގެ 70 ޕަސެންޓަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ. މިކަން އެއްކޮށް ނިންމާލެވޭނެ ކަމަށް ޝައުނާ ލަފާކުރައްވަނީ 2026 އަށެވެ.

ކުނި މެނޭޖުކުރުމުގެ ދާއިރާއި ހޯދި އަނެއް ކުރިއެރުމުގެ ގޮތުން ޝައުނާ ފާހަގަކުރެއްވީ މާލެ ސަރަހައްދުގެ ކުނި މެނޭޖުކުރާ ވެމްކޯއަށް ގެނެވުނު ބަދަލުތަކެވެ. އެގޮތުން, ކުންފުނީގެ ހިންގުމަށާއި ކުނި ބިލާއި ކަރަންޓު ބިލު އެއްކޮށްލުމުން ކުރިން ފިނޭންސް މިިނިސްޓްރީން މަހަކު 15 މިލިއަން ރުފިޔާ ދެމުން އައި ވެމްކޯއަށް މިހާރު ދޭން ޖެހެނީ ފަސް މިލިއަން ރުފިޔާ ކަމަށް ޝައުނާ ވިދާޅުވި އެވެ.

އިތުރު ކާމިޔާބީއެއްގެ ގޮތުގައި ޝައުނާ ފާހަަގަކުރެއްވީ އައްޑޫގައި ގާއިމްކޮށްފައިވާ ވޭސްޓް ޓު އެނާޖީ ފެސިލިޓީ އެވެ. އެއްފަހަރާ 40 ޓަނުގެ ކުނި ޕްރޮސެސް ކުރެވޭ މި ފެސިލިޓީގެ ޕްރީ ކޮމިޝަނިން މަސައްކަތް ނިމިފައިވާއިރު، މިތަނަކީ އަންދާ ކުނިން އެތަން ހިންގޭ ފެސިލިޓީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިރުން އުފައްދާ ހަކަތަ 53 މެގަވޮޓަށް، 66 މެގަވޮޓް އަންނަނީ

މީހުން ދިރިއުޅޭ ރަށްރަށުގައި ކަރަންޓު އުފައްދަނީ މައިގަނޑަކަށް ޑީސަލް އިންޖީނުތަކުންނެވެ. މި އިންޖީނުތައް ހިންގަން ބޭނުންވާ ތެޔޮ ގަންނަން ރާއްޖެއިން އެވަރެޖުކޮށް އަހަރަކު 450 މިލިއަން ޑޮލަރު ހަރަދު ކުރަން ޖެހެ އެވެ. މިއީ އިގުތިސޯދީ އުފެއްދުންތެރިކަމުގެ ގާތްގަނޑަކަށް 10 އިންސައްތައާ އެއްވަރު އަދަދެއް ކަމަށް ޝައުނާ ވިދާޅުވި އެވެ.

މިގޮތުން ތެލަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން އިރުން އުފައްދާ ހަކަތަ އިތުރުކުރަން ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫއުތައް ނިންމާ އެތައް މަޝްރޫއެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޝައުނާ ވިދާޅުވި އެވެ.

މާލެ ހުޅުމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ސޯލާ ޕެނަލްތައް. މިފަދަ ޕްރޮޖެކްޓުތަކުން ހަކަތަށް ކުރާ ހޭދައިން އެތައް މިލިއަން ރުފިޔާއެއް ސަލާމަތް ކުރެވިފައިވޭ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު


އެގޮތުން މި ސަރުކާރާ ހަވާލުވީއިރު އިންސްޓޯލްޑް ސޯލާ ކެޕޭސިޓީއަކީ 16 މެގަވޮޓް ނަމަވެސް، މިހާރު ކެޕޭސިޓީ ވަނީ 53 އަށް އިތުރުކުރެވިފަ އެވެ. މިއާ އެކީ ތެލަށް ކުރާ ހަރަދުން 260 މިލިއަނެއްހާ ރުފިޔާ ސަލާމަތްކުރެވިއްޖެ ކަމަށް ޝައުނާ ވިދާޅުވި އެވެ. އަދި މުސްތަގުބަލުގައި ހަރަދުތައް އިތުރަށް ކުޑަކުރެވޭނެ ގޮތަށް، އިތުރު 66 މެގަވޮޓް ސޯލާ ޕީވީ ނިޒާމުތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖުމްލަ 51 ރަށެއްގައި އަޅުގަނޑުމެންނަށް [ސޯލާ ޕީވީ ހަރުކުރުމުގެ] މަސައްކަތް ނިމިއްޖެ. ޖުމްލަ 13 ރަށެއްގައި އެބަކުރިއަށްދޭ ސޯލާ ޕަވާ އިންސްޓޯލް ކުރުމުގެ މަސައްކަތް" ޝައުނާ ވިދާޅުވި އެވެ.

ތެލަށް ކުރަން ޖެހޭ ހޭދައާ ގުޅިގެން ދައުލަތުގެ މާލިއްޔަތަށް ވެސް ފިއްތުންތަކެއް އައިސްފައިވާ އިރު، ޝައުނާ ވަނީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް އިތުރުކުރުން މުހިންމު ކަމަށް ވިދާޅުވެފަ އެވެ. މިކަން އޭނާ ގުޅުވާލީ ތަރައްގީއާ އިޖުތިމާއީ ފައިދާއާ އެވެ. އެގޮތުން ތެލަށް ހަރަދުކުރާ ފައިސާއިން ސަލާމަތް ކުރެވޭ ކޮންމެ ފައިސާއަކީ ތަރައްގީއަށާއި ތައުލީމަށާއި ސިއްހަތަށް ދެވޭ ފައިސާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.