Advertisement

ބޮޑެތި ތުހުމަތުތަކެއް ކުރުމަށް ފަހު އޮމްބަޑްސްޕާސަންގެ މަގާމުން ޖިހާދާ އިސްތިއުފާ ދެއްވައިފި

13 ނޮވެންބަރު 2023 - 15:42 3

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

އިސްތިއުފާ ދެއްވި ޖިހާދާ - ފޮޓޯ: ހުސެއިން ޝަޔާހް / އަދަދު


ބޮޑެތި ތުހުމަތުތަކެއް ކުރުމަށް ފަހު އޮމްބަޑްސްޕާސަންގެ މަގާމުން ޖިހާދާ އިސްތިއުފާ ދެއްވައިފި

13 ނޮވެންބަރު 2023 - 15:42 3

އިންތިގާލީ އިންސާފުގެ އޮފީހަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި އެ އޮފީހުގެ އޮމްބަޑްސްޕާސަންގެ މަގާމުން ޖިހާދާ އަނީސް އިސްތިއުފާ ދެއްވައިފި އެވެ.

އެ އޮފީހަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި އާންމުކުރެއްވި ބަޔާނުގައި ޖިހާދާ ވިދާޅުވީ އޮފީހުގެ މުވައްޒަފަކު މަސްތުވެގެން ހުރެ އޭނާ އަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށެވެ. އެ މުވައްޒަފުގެ ފަރާތުން ތަފާތު އުނދަގޫތައް ކުރިމަތިވެފައިވާ ކަމަށް ވެސް ބަޔާނުގައި އޭނާ ތުހުމަތުކުރެއްވި އެވެ.

އޭނާ ވިދާޅުވީ އިންތިގާލީ އިންސާފުގެ އޮފީހުގައި މަސައްކަތްކުރައްވަން ޖެހިވަޑައިގެންނެވީ ގިނަ ގޮންޖެހުންތަކަކާ އެކު ކަމަށެވެ. އޮމްބަޑްސްޕާސަންގެ މަގާމުގައި ތިއްބެވި އެހެން ބޭފުޅުން މަސައްކަތްކުރައްވަމުން ގެންދަވަނީ މާ ބޮޑެތި ލުއިތަކަކާއެކު ކަމަށެވެ.

މަސައްކަތްކުރަން ކަނޑައެޅި ދެ އަހަރުގެ ތެރެއިން އެއް އަހަރު ނިމިގެންދިޔައިރު ވެސް ހުށަހެޅުނު އެއްވެސް މައްސަލައެއްގެ ތަހުގީގު ފެށިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޖިހާދާ ވިދާޅުވީ އެކަންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ހިއްސާކުރެއްވި ކަމަށާއި ނަމަވެސް އެދެވޭ ހައްލުތަކެއް ލިބިފައި ނުވާ ކަމަށެވެ.

ޖިހާދާ ވިދާޅުވި ގޮތުގައ މިހާތަނަށް މަސައްކަތްކުރަން ލިބުނު އެއް އަހަރުގެ މުއްދަތަކީ ބަލަން ނިންމި 469 މައްސަލަ ނިންމަން އެކަށިގެންވާ މުއްދަތެއް ކަމަށެވެ. އެހެން ނަމަވެސް އެހެން އޮމްބަޑްސްޕާސަނުން މަސައްކަތްކުރަމުން ދިޔައީ އިންތިގާލީ އިންސާފުގެ ގާނޫނާ ހިލާފަށް "ފްލެކްސިބިލިޓީ" އަކާ އެކުގައިކަމަށް ޖިހާދާ ވިދާޅުވެފައިވެ އެވެ.

އަދި މަސައްކަތް ނިންމަން ދެ ހަފްތާއަށް ވުމުން އޮފީހުގެ މައްސަލަތައް ބެލުމުގައި އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު އަދި ތަހުގީގުކުރުމުގެ އުސޫލުތަކާއި ހިލާފަށް ގިނަ މައްސަލަތަކެއް ކުއްލިއަކަށް ނިންމުމުގެ މަސައްކަތް ފެށިކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

މީގެ އިތުރުން، ކުރިން ނިންމާފައިވާ މައްސަލަތަކުގެ ނިންމުން ބަދަލުކުރުމާއި، ހާޒިރުނުވާ ބައްދަލުވުންތަކަށް ހާޒިރުވި ކަމަށް ހެދުން ފަދަ ކަންކަންކޮށްފައިވާ ކަމަށް ޖިހާދާ ތުހުމަތުކުރައްވާފައިވެ އެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހަވާލުކޮށްފައިވަނީ ޖެނުއަރީ 1, 1953 އިން ފެށިގެން ނޮވެންބަރު 17, 2018 އާ ހަމައަށް ހިނގާފައިވާ އެފަދަ މައްސަލަތައް ބެލުމެވެ.

އެ ދެމެދު ދައުލަތުގެ މުއައްސަސާއަކުން ނުވަތަ މުއައްސަސާއެއްގެ އިސް ހިންގުންތެރިއަކު ނިޒާމީ ސިފައެއްގައި ރާވައި ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާ މައްސަލަތައް ކަމަށް ގާނޫގައި ބަޔާން ކުރެ އެވެ.

އެފަދަ މައްސަލަތައް ބަލައި، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް ހައްގު ބަދަލެއް ފޯރުކޮށްދިނުން ފަދަ ހިދުމަތްތައް ދިނުން އެ އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައިވެ އެވެ.

މި މުއައްސަސާ ވުޖޫދު ވެފައިވަނީ، 17 ޑިސެންބަރު 2020 ދުވަހު، އިންތިގާލީ އިންސާފުގެ ގާނޫނު ތަސްދީގުކޮށް އަމަލުކުރަން ފެށުމާ އެކު އެވެ.