8 ނޮވެންބަރު 2023 - 21:31 0
މުހައްމަދު ޖަމްޝަތު ވަހީދު
ރާއްޖޭގެ ރިސޯޓެއް. ރިސޯޓުތައް މަރާމާތަށް ބަންދުކުރެވޭ މުއްދަތު މިހާރު ދެ އަހަރަށް ވަނީ އިތުރުކޮށްފަ ----
8 ނޮވެންބަރު 2023 - 21:31 0
ރިސޯޓުތައް މަރާމާތަށް ބަންދުކުރެވޭ މުއްދަތު އިތުރުކޮށް، "ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ބަދަލުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ގެޒެޓޮށް، އަމަލުކުރަން ފެށި މި އިސްލާހުގައިވާ ގޮތުން ރީޑިވެލޮޕްމަންޓަށް ނުވަތަ މަރާމާތަށް ތަނެއް ބަންދު ކުރެވޭނީ ގިނަވެގެން ދެ އަހަރު ދުވަހަށެވެ. ކުރިން ރީޑިވެލޮޕްމަންޓަށް ރިސޯޓެއް ބަންދުކުރަން ހުއްދަ ދެވޭނީ 18 މަސްދުވަހަށެވެ.
އިސްލާހުގައިވާ ގޮތުން މިހާރު ރީޑިވެލޮޕްމަންޓަށް ބަންދުކޮށްފައިވާ ތަންތަނަށް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެކަމަށް އެދި މިނިސްޓްރީއަށް ހުށަހަޅައިފިނަމަ އިތުރު އެއް އަހަރު ދުވަހުގެ މުއްދަތެއް އެ ތަންތަން ދެވިދާނެއެވެ.
އަދި ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރުމަށާއ،ި އެމުއްދަތުގެ ކުލި ފަސްކޮށްދިނުމަށް އެދި މިނިސްޓްރީއަށް ހުށަހަޅާއިރު އެންމެ މަދު މިންވަރަކަށް ތަނުގައި އިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް ހުށަހަޅާ ޖުމުލަ މުއްދަތު ބަޔާންކުރަންޖެހޭ މާއްދާވެސް މިހާރު ވަނީ އުވާލާފަ އެވެ.
މި ގަވާއިދުގައިވާ ގޮތުން ރަށެއް ނުވަތަ ބިމެއްގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ ތިން އަހަރުދުވަހެވެ. އަދި ފަޅެއްގެ ނަމަ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގުމުއްދަތަކީ ހަތަރު އަހަރެވެ.
ނަމަވެސް މިހާރު އަމަލުކުރަން ފަށާފައިވާ އިސްލާހުގައިވާ ގޮތުން އެމުއްދަތު ހަމަވާއިރ،ު އެ ތަނެއް ހިންގަން ފެށިފައިނުވާނަމަ އެ މުއްދަތު އިތުރުކޮށްދިނުމުގެ އިބްތިޔާރ،ު މިނިސްޓްރީއަށް ލިބިގެންވެ އެވެ.
މީގެ އިތުރުން ކޯޓު ހުކުމަކާ ނުވަތަ ކޯޓު އަމުރަކާ ގުޅިގެނ،ް ތަނަކާ ގުޅުން ހުރި ހައްގުތައް އެހެން ފަރާތަކަށް ބަދަލުވާ ހާލަތުގައ،ި އެ ތަނެއްގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދޭނެ އެންމެ ދިގު މުއްދަތު ގުނަން ފަށާ ތާރީހަކީ އެ ތަނަކާ ގުޅުން ހުރި ހައްގުތައް ބަދަލުކޮށްފައިވާ ތާރީހު ކަމަށްވެސް ވަނީ މި އިސްލާހުގައި ބަޔާންކޮށްފަ އެވެ.
Comment