8 ނޮވެންބަރު 2023 - 15:33 0
އަމަން ހަލީމް
މާލެ އަތޮޅުގައި ތަރައްގީކޮށް ހިންގަމުން އަންނަ އޮބްލޫ ސެލެކްޓް ސަންގެލި އައިލެންޑް.
8 ނޮވެންބަރު 2023 - 15:33 0
ރިސޯޓު ތަރައްގީކުރަން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން މިހާތަނަށް ހަދައި ނުނިމިވާ ހުރިހާ ރަށެއްގެ ޖޫރިމަނާ ކުޑަކޮށްދޭން ހުށަހެޅޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުފަޅާއި ބިންތަކުގެ ކުލި ދެއްކުމުގެ ގަވާއިދު މިއަދު އިސްލާހުކޮށްފި އެވެ.
ނުހެދި ހުރި ރަށްތަކުގެ މައްސަލައިގައި ރަށްތައް ނަގައިގެން އުޅޭ ފަރާތްތަކަށް ލުޔެއް ދިނުމުގެ ބޭނުމުގައި މި ސަރުކާރުން ވަނީ 2019 ގައި ރިސޯޓުތައް ޖޫރިމަނާ ކުރާ ރޭޓު، ދުވާލަކަށް ނުދައްކައިވާ ކުލީގެ %0.0493 މުރާޖާކޮށްފަ އެވެ. އާ ރޭޓުގައި ޖޫރިމަނާއަށް ލުޔެއް ހޯދަން އެދި ހުށަހެޅުމުގެ ފުރުސަތު އޭރު ދިނީ 17 ޖޫން، 2021 ގެ ކުރިން ޖޫރިމަނާ މާފުކުރަން ހުށަހަޅާ ފަރާތްތަކަށް އެކަންޏެވެ.
އޭރު ޓޫރިޒަމް މިނިސްޓްރީން ބުނީ އިތުރަށް އެ ފުރުސަތު ދޭން ނުވިސްނާ ކަމަށެވެ.
ނަމަވެސް, މިއަދު ގަވާއިދަށް ގެނައި އިސްލާހާ ގުޅިގެން މިހާތަނަށް ނުހެދި ގިނަ ދުވަސްވެފައިވާ ހުރިހާ ރަށަކަށް، ކުރިން ދިން ފުރުސަތުގެ ތެރެއިން ހުށަހަޅާފައި ނެތް ނަމަވެސް، އެ ފުރުސަތު ދޭ ގޮތަށް ވަނީ ނިންމާފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޑިރެކްޓްރީން ދައްކާ ގޮތުގައި ރިސޯޓު ހަދަން ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކާއި ބިންތަކުގެ ޖުމްލައަކީ 114 އެވެ. އޭގެ ތެރެއިން 88 ތަނަކީ މަސައްކަތް ހުއްޓިފައިވާތާ ގިނަ އަހަރުތަކެއް ވެފައިވާ ތަންތަން ނުވަތަ 'ޑިސްޓްރެސްޑް ޕްރޮޕަޓީސް' އެވެ.
ފިނޭންސް މިނިސްޓްރީން މިފަހުން އާންމުކުރި "ފިސްކަލް ހިރާސްތަކުގެ ބަޔާން 2023" ގައިވާ ގޮތުގައި މި 88 ރަށުން ފަތުރުވެރިކަމަށް 21،000 އެނދު އިތުރު ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ. އަދި މި ރަށްތައް އޮޕަރޭޝަނަށް ގެނެވިއްޖެނަމަ، ރާއްޖޭގެ އިގުތިސާދަށް ސީދާ އަދި ނުސީދާ ގޮތުން 1.7 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާކުރެ އެވެ.
Comment