Advertisement

އިސްކަންދަރަށް ދެ ތަށި، ގިޔާސުއްދީނަށް 15 އަހަރުން ދަށުގެ ތަށި

8 ނޮވެންބަރު 2023 - 13:41 0

އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ސްކޫލްގެ މަގާމް ހޯދި އިސްކަންދަރު ސްކޫލް - ފޮޓޯ: ނައުޝަމް ވަހީދު/އިމޭޖަސް


އިސްކަންދަރަށް ދެ ތަށި، ގިޔާސުއްދީނަށް 15 އަހަރުން ދަށުގެ ތަށި

8 ނޮވެންބަރު 2023 - 13:41 0

އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ 13 އަހަރުން ދަށާއި، 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އިސްކަންދަރު ސްކޫލުން ހޯދިއިރު، 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ހޯދައިފި އެވެ.

19 ސްކޫލަކުން 46 ޓީމް ވާދަކުރި މުބާރާތުގެ ދެ ތަށި އިސްކަންދަރުން ހޯދައި ގިޔާސުއްދީނުންވެސް ތައްޓެއް ހޯދިއިރު، ސީނިއާ އުމުރުފުރާކަމަށްވާ 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ވިލާ އިންޓަނޭޝަނަލް ސްކޫލުންނެވެ. ވިލާ އިން ވަނީ 19 އަހަރުން ދަށުގެ ފައިނަލްގައި ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ބަލިކޮށްފަ އެވެ.

13 އަހަރުން ދަށުގެ ތަށި އިސްކަންދަރުން ހޯދީ ފައިނަލުގައި ރެހެންދި ސްކޫލް ބަލިކޮށްގެންނެވެ. ފައިނަލް މެޗު އިސްކަންދަރުން ކާމިޔާބުކުރީ 28-21 އިންނެވެ.

މި އުމުރުފުރާގެ ކުއީން އޮފް ދަ ސީރީސް އަށް ހޮވުނީ އިސްކަންދަރު ސްކޫލްގެ ސޯފިއާ އަބްދުﷲ އިބްރާހިމް އެވެ. އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ވެސް ސޯފިއާ ހިމެނެ އެވެ. ދެން ހިމެނޭ ކުޅުންތެރިންނަކީ އިސްކަންދަރުގެ އައިޝަތު މަލީކާ ޒަމީރު، އައިޝަތު ކަރިން ސައިޒާން، ރެހެންދި ސްކޫލްގެ އައިޝަތު އީލިޔާ ބިންތި މުހައްމަދު، ބަލްގީސް މުހައްމަދު ރަމީޒްގެ އިތުރުން ގިޔާސުއްދީންގެ ސާރާ މުހައްމަދު ހަލީލް އާއި ކައިނަ ޔުނާލް ނަދީމް އެވެ.

މިބައިގެ އެންމެ މޮޅު ކޯޗަކީ އިސްކަންދަރުގެ ހުދާ ޒަކީ އެވެ.

15 އަހަރުން ދަށުގެ ޗެމްޕިއަންކަން ގިޔާސުއްދީނުން ހޯދީ ފައިނަލުގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް 29-23 އިން ބަލިކޮށްގެންނެވެ.

މި އުމުރުފުރާގެ ކުއީން އޮފް ދަ ސީރީސް އަށް ހޮވުނީ ގިޔާސުއްދީންގެ މަރިޔަމް މަލާކް މުހައްމަދު ޝިފާން އެވެ. އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ވެސް މަލާކް ހިމެނެ އެވެ. ބެސްޓް ސެވަންގައި ދެން ހިމެނޭ ކުޅުންތެރިންނަކީ ގިޔާސުއްދީންގެ އައިޝަތު މަލާއިކާ އަލީ، ލައިކާ ޝާމިން، އަހުމަދިއްޔާގެ ޒީކް އިސްމާއިލް މުހައްމަދު، އައިޝަތު އައިނީ އާމިރު، އިސްކަންދަރުގެ ސާރާ ޒާޝާ ޒަކަރިއްޔާ އަދި ހިރިޔާ ސްކޫލްގެ އަލީޝާ ނޫރުލް ސޮބާހު އެވެ.

15 އަހަރުން ދަށުގެ އެންމެ މޮޅު ކޯޗަކީ ގިޔާސުއްދީންގެ ނީޝާ ހަލީމް އެވެ.

17 އަހަރުން ދަށުގެ ޗެމްޕިއަންކަން އިސްކަންދަރުން ހޯދީ ފައިނަލުގައި ގިޔާސުއްދީން އަތުން މޮޅުވެގެންނެވެ. އިސްކަންދަރު މޮޅުވީ 53-43 ގެ ސްކޯއަކުންނެވެ.

މި އުމުރުފުރާގެ ކުއީން އޮފް ދަ ސީރީސް އަށް ހޮވުނީ އިސްކަންދަރު ސްކޫލްގެ ފާތިމަތު ޒާހީ ޒިޔާދުﷲ އެވެ. އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައިވެސް ޒާހީ ހިމެނެ އެވެ. ދެން ހިމެނޭ ކުޅުންތެރިންނަކީ އިސްކަންދަރުގެ އައިޝަތު އީޝަލް އަލީ، އައިޝަތު އުލްޔާ އަލީ، ގިޔާސުއްދީންގެ ޝިބާ ހުސައިން ސުހައިލް، މަރިޔަމް ސާރާ އިސްމާއިލްގެ އިތުރުން ހިރިޔާގެ އައުޝާ ނޫރުލް ސޮބާހު އަދި ތާޖުއްދީން ސްކޫލްގެ އީޝަލް މުހައްމަދު އެވެ.

17 އަހަރުން ދަށުގެ އެންމެ މޮޅު ކޯޗަކީ އިސްކަންދަރުގެ ހުދާ ޒަކީ އެވެ.

19 އަހަރުން ދަށުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ ޗެމްޕިއަން ވިލާގެ އާމިނަތު އައިނީ، އައިޝާ އީނާލް ޝާމިން ތައުފީގް، ޒީނާ އަހުމަދުގެ އިތުރުން ސީއެޗްއެސްއީގެ އައިޝަތު ޝާޔާ ފަސާހު، ހައްވާ މާހާ ނާޒިމް އީޝާލް އަބްދުﷲ ޖަމީލް އަދި އަހުމަދިއްޔާގެ މަލަކް އިސްމާއިލް މުހައްމަދު އެވެ.

މި ބައިގެ ކުއީން އޮފް ދަ ސީރީސް އަކީ ވިލާގެ އައިނީ އެވެ. އެންމެ މޮޅު ކޯޗަކީ ވިލާގެ ކޯޗު އައިޝަތު ލޫނާ މޫސާ އެވެ.