Advertisement

ވިލާއިން 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ދިފާއުކޮށްފި

7 ނޮވެންބަރު 2023 - 12:22 0

އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި ވިލާ ޓީމުން ފައިނަލަށްފަހު އުފާފާޅުކުރަނީ - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ވިލާއިން 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ދިފާއުކޮށްފި

7 ނޮވެންބަރު 2023 - 12:22 0

މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ދިފާއުކޮށްފި އެވެ.

ސްކޫލް ނެޓްބޯޅަ މުބާރާތުގެ އެންމެ ސީނިއާ އުމުފުރާގެ ޗެމްޕިއަންކަން ވިލާއިން ދިފާއުކުރީ ސެންޓަ ފޯ ހަޔަ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ފައިނަލުގައި ބަލިކޮށްގެންނެވެ. ވިލާ ފައިނަލުން މޮޅުވީ 51-35 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އާމިނަތު އައިނީ އެވެ.

މި މެޗުގެ ކުރިން މި ދެ ޓީމުން ވަނީ ލީގު ބުރުގައި ވެސް ވާދަކޮށްފަ އެވެ. ލީގު ބުރުގައި ކުޅުނު މެޗު ނިމުނީ 35-35 އިން އެއްވަރުވެގެންނެވެ. ނަމަވެސް ފައިނަލުގައި އައިނީގެ ތަފާތު މޮޅު ކުޅުމާއިއެކު ވިލާއިން މެޗު ކާމިޔާބުކުރީ އެވެ.

އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ ފައިނަލުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މުބާރާތުގެ 13 އަހަރުން ދަށުގެ ފައިނަލުން ޖާގަ ހޯދީ އިސްކަންދަރު ސްކޫލާއި ރެހެންދި ސްކޫލެވެ. 13 އަހަރުން ދަށުގެ ތަށި ދިފާއުކުރަން އިސްކަންދަރަށް ފުރުސަތު ލިބުނީ ސެމީ ފައިނަލުގައި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ބަލިކުރުމުންނެވެ. ސެމީ ފައިނަލް މެޗު އިސްކަންދަރުން ކާމިޔާބުކުރީ 29-17 އިންނެވެ. ރެހެންދި ސްކޫލް ސެމީ ފައިނަލުން ޖާގަ ހޯދީ ފޯރިގަދަކޮށް ދިޔަ ސެމީ ފައިނަލުގައި ހިރިޔާ ސްކޫލް 30-26 އިން ބަލިކޮށްގެންނެވެ.

15 އަހަރުން ދަށޫގެ ފައިނަލުގައި ވާދަކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ގިޔާސުއްދީނާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ. ގިޔާސުއްދީނުން ވަނީ ސެމީ ފައިނަލުގައި 39-30 އިން އިސްކަންދަރު ސްކޫލް ބަލިކޮށްފަ އެވެ. އަހުމަދިއްޔާ އިން ވަނީ ސެމީގައި ހިރިޔާ ސްކޫލް 26-14 އިން ބަލިކޮށްފަ އެވެ.

މުބާރާތުގެ 17 އަހަރުން ދަށުގެ ފައިނަލްގައި ގިިޔާސުއްދީނުން ނުކުންނާނީ އިސްކަންދަރާ ދެކޮޅަށެވެ. އިސްކަންދަރުން ވަނީ ސެމީ ފައިނަލް ފުރަތަމަ މެޗުގައި 63-34 އިން އަމީނިއްޔާ ސްކޫލް ބަލިކޮށްފަ އެވެ. ގިޔާސުއްދީނުން ސެމީ ގައި މޮޅުވީ ހިރިޔާ އަތުން 49-25 އިންނެވެ.

13 އަހަރުން ދަށުގެ ފައިނަލް އޮންނާނީ މިއަދު މެންދުރު ފަހު ތިނެއް ޖަހާއިރު އެވެ. 17 އަހަރުން ދަށުގެ ފައިނަލް މިއަދު ހަވީރު އޮންނައިރު، 15 އަހަރުން ދަށުގެ ފައިނަލާއި މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ އެވެ.