Advertisement

ފަރެސްމާތޮޑާއިން ވެލި ގެންދިޔުން ހުއްޓުވުމުން، ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހުއްޓިފައި

6 ނޮވެންބަރު 2023 - 12:37 0

އަހުމަދު ސައީދު

އަހުމަދު ސައީދު

ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ބޮޑު ހިލަ ޖަހަނީ: މަސައްކަތް ހުއްޓިފައިވަނީ ވެލި ނުލިބިގެން-- އަދަދު ފޮޓޯ އަހުމަދު ސައީދު


ފަރެސްމާތޮޑާއިން ވެލި ގެންދިޔުން ހުއްޓުވުމުން، ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހުއްޓިފައި

6 ނޮވެންބަރު 2023 - 12:37 0

ގދ. ފަރެސްމާތޮޑާ އިން ވެލި ނަގައިގެން ގެންދިއުމަށް އެ ރަށުގެ ރައްޔިތުން ދެކޮޅު ހަދައި ވެލި ނެގުން ހުއްޓުވުމުން، ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް، އެމްޓީ ހޯގާޑުން ބުނެފި އެވެ.

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް، ކުރިއަށް ގެންދާ ހޯގާޑު ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ފުވައްމުލަކު ގިރާ ސަރަހައްދަށް އެޅުމަށް ބޭނުންވާ ވެލި ނެގުމަށް، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހުއްދަ ދީފައިވަނީ ފަރެސްމާތޮޑާ އެއާޕޯޓު ސަރައްދު ފަޅުން ކަމަށެވެ. ނަމަވެސް، އެ ސަރަހައްދުން ވެލި ނެގޭގޮތް ނުވުމުން، މަސައްކަތް ހުއްޓި ސަރުކާރުން އެކަމުން ވަރަށް ބޮޑު ގެއްލުމެއް ވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވެލި ނެގުން ހުއްޓުވީމަ އޭގެ ގެއްލުން ވާނީ ސަރުކާރަށް، ހޯގާޑުން ހިނގާ ހަރަދައް ސަރުކާރަށް ބިލު ކުރާނެ، މިހާރު ފުވައްމުލަކުގެ މަސައްކަތް އޮތީ ހުއްޓިފައި،" އޭނާ ވިދާޅުވި އެވެ.

ހޯގާޑުން ބުނި ގޮތުގައި ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް، 50 ހާސް ކިޔުބިކް މީޓަރުގެ ވެލި އިތުރަށް ބޭނުންވެ އެވެ. ގުދުރަތީ ގޮތުން މުޅިން ވަކިން އޮންނަ ފުވައްމުލަކަކީ އެރަށުން ވެލި ލިބޭނެ ގޮތެއް ނެތް ރަށެވެ.

ފަރެސްމާތޮޑާ ކައުންސިލުގެ ނައިބު ރައީސް ނަސްރުﷲ މުހައްމަދު މިއަދު ވިދާޅުވީ ރަށުގެ ރައްޔިތުން ނުކުމެ، ވެލި ނެގުން ހުއްޓުވީ، ފަރެހާއި މާތޮޑާ ގުޅޭ ޗަކަބިން ހިއްކުމަށާއި ރަށުގެ ތަރައްގީގެ އެހެން ބޭނުން ތަކަށް ބޭނުންވާ ވެލި، ރަށް ހިމެނޭ ސަރަހައްދުން ނުލިބިފައިވާއިރު، އެ ސަރަހައްދުން ވެލި ނަގައިގެން އެހެން ރަށަކަށް ގެންދާތީ އެވެ.

"ފަރެސްމާތޮޑާ ޗަކަބިން ހިއްކަން ވެލި ނަގަން ހުއްދަ ދީފައިވަނީ ވެސް މާ ދުރުގައި އޮތް ދެ ތިލަ އަކުން، އެހެން އެކަން އޮތްއިރު ފަރެސްމާތޮޑާ ސަރަހައްދުން ވެލި ނަގައިގެން އެހެން ރަށަކަށް ގެންދަން ރައްޔިތުން ބޭނުމެއް ނުވޭ،" ނަސްރުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހޯގާޑުން އެންމެ ފުރަތަމަ ފަރެސްމާތޮޑާ އެއާޕޯޓު ބަނދަރު ސަރަހައްދު ފަޅުތެރެއިން ވެލި ނެގީ މި އަހަރުގެ އެޕްރީލް މަހު އެވެ. އޭރު އެ ކުންފުނިން ވެލި ނެގީ އެއްވެސް ހުއްދައެއް ނެތި ކަމަށް ކައުންސިލުން ތުހުމަތު ކުރެ އެވެ.

ފަރެސްމާތޮޑާ ކައުންސިލުން ބުނީ ފުރަތަމަ ހޯގާޑުން ގެނައީ، އެއާޕޯޓު ހެދުމަށް ހިއްކައިގެން ނެގި ވެލިން ބާކީ ހުރި ވެލި ގެންދިއުމަށް ޕްލޭނިން މިނިސްޓްރީން ދޫކޮށްފައިވާ ލިޔުމެކެވެ. އެއީ މި އަހަރުގެ އެޕްރީލް މަހެވެ. ކައުންސިލުން ބުނީ އެއާޕޯޓު ހަދަން ހިއްކައިގެން ވެލި ބާކީވެފައި ނެތް ކަމަށެވެ.

"ފަހުން ވެލި ގެންދަން އައިރު، ވެލި ނެގުމުގެ ހުއްދަ އެމީހުންގެ އަތުގައި އޮތް، އެކަމަކު ރައްޔިތުން ބޭނުމެއް ނުވޭ ރަށަށް ބޭނުންވާ ވެލި މި ސަރަހައްދުން ނުލިބޭއިރު، އެހެން ސަރަހައްދަކަށް ވެލި ގެންދާކަށް،" ނަސްރުﷲ ވިދާޅުވި އެވެ.

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް 300 މިލިއަން ރުފިޔާ އަށް ހޯގާޑާއި ހަވާލުކޮށްފަ ވަނީ 606 ދުވަސް (20 މަސް ދުވަސް) ތެރޭގައި ނިންމުމަށެވެ. އެ މަސައްކަތުގެ ދަށުން ފުވައްމުލަކުގެ އިރުމަތީ ފަރާތުގައި 2،650 މީޓަރުގެ ބޮޑު ސަރަހައްދެއްގައި ބޮޑު ހިލަ ޖަހައި އެއްގަމުތޮށިލުން ހިމެނެ އެވެ.