ބަހުރެއިނުގައި އިޒްރޭލާ ދެކޮޅަށް ކުރިއަށްގެންދިޔަ އެއްވުމެއްގެ ތެރެއިން. --- ފޮޓޯ: ރޮއިޓާސް
ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން އިޒްރޭލާ ދެމެދު އޮތް ގުޅުންތައް ގޯސްވެ ބަހުރެއިނުގައި ހުރި އިޒްރޭލުގެ އެމްބެސެޑަރު އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.
ބަހުރެއިނަކީ އިޒްރޭލާ އެކު ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރަމުންދިޔަ އެއް ގައުމެވެ. ނަމަވެސް, ފަލަސްތީނުގެ ރައްޔިތުން ނައްތާލުމަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން އެ ގައުމުގެ ސަރުކާރަށް ވެސް ވަނީ އިޒްރޭލާ ދުރަށް ޖެހެން މަޖުބޫރުވެފަ އެވެ.
އެކަމާ ގުޅިގެން ބަހުރެއިނުން ވަނީ އިޒްރޭލުގައި ހުންނަ އެ ގައުމުގެ އެމްބެސެޑަރު ވެސް އަނބުރާ ގައުމަށް ގެނެސްފަ އެވެ. އެ ގައުމުގެ މަޖިލީހުގެ ތިރީ ގެއިން ވަނީ އިޒްރޭލާ އެކު އޮތް އިގުތިސާދީ ގުޅުންތައް ކަނޑާލާފައިވާ ކަމަށް ބުނެފަ އެވެ.
ނަމަވެސް, އިޒްރޭލުން ވަނީ އެކަން ދޮގުކޮށްފަ އެވެ. ބަހުރެއިންގެ މަޖިލިސް އެކުލެވިގެންވާ ގޮތުން ތިރީ ގެއަކީ ކަންކަން ނިންމުމުގެ ބާރު އޮންނަ ބައެއް ނޫނެވެ.
ދެ ގައުމުގެ މެދުގައި ބާއްވަމުން ދިޔަ ފްލައިޓުތައް ވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.
ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ބަހުރެއިނުގައި ވެސް ބޮޑު މުޒާހަރާތަކެއް އަންނަނީ ބާއްވަމުންނެވެ. އިޒްރޭލާ އެކު އޮތް ގުޅުން ކަނޑާލުމަށް ގޮވާލައި ބަހުރެއިނުގައި ހުރި އިޒްރޭލުގެ އެމްބަސީ ކުރިމަތީގައި ވެސް އެތައް ހާސް މީހުން އަޑު އުފުލާފައިވެ އެވެ.
Comment