2 ނޮވެންބަރު 2023 - 14:17 0
އަހުމަދު އާއިދު
ރަފާހު ބޯޑަރު ހުރަސްކޮށް ގާޒާގައި ތާށިވި އާއިލާއެއް މިސްރަށް ވަންނަނީ - ފޮޓޯ: އޭއެފްޕީ
2 ނޮވެންބަރު 2023 - 14:17 0
އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ވޭތުވެދިޔަ 75 އަހަރު ހިންގަމުންދާ ގަތުލުއާންމު ވަރުގަދަކޮށް މިދިޔަ މަހު ހަތަކުން ފެށިގެން ކުރަމުން އަންނަ ހަނގުރާމާގައި ގާޒާގައި ތާށިވި އެހެން ގައުމުތަކުގެ ރައްޔިތުން މިސްރު މަގުން އެ ރަށުން ނުކުތުމަށް ފުރުސަތު ދީފި އެވެ.
ބައިނަލްއަގުވާމީ ރިޕޯޓުތައް ބުނާގޮތުން މިސްރުން އެމެރިކާ އަދި ގަތަރު މެދުވެރިވެގެން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު ހުޅުވާލި މި ފުރުސަތުގައި ބޭރު ގައުމުތަކުގެ 596 މީހުންނަށް ގާޒާއިން ފޭބުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
އޭގެ ތެރޭގައި އެންމެ ގިނައީ އެމެރިކާގެ ރައްޔިތުންނެވެ. އެމެރިކާގެ 400 މީހުންގެ އިތުރުން ބެލްޖިއަމްގެ 50 މީހުން ހިމެނެ އެވެ.
ރަފާހު ބޯޑަރު ހުރަސްކޮށް މިސްރަށް އެތެރެވާ އެހެން ގައުމުތަކުގެ އިތުރުން، އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ޒަހަމްވި 80 އަށްވުރެ ގިނަ މީހުންވެސް އިތުރު ފަރުވާއަށް މިސްރަށް ވައްދާނެ އެވެ.
މިސްރަށް އެތެރެވާ މީހުންގެ ލިސްޓު ގާޒާގެ ވުޒާރާތަކުން އިއްޔެ އާންމުކޮށް އެ މީހުން ރަފާހު ބޯޑަރަށް ދަތުރުކުރުމަށް ވަނީ ގޮވާލާފަ އެވެ. އެއާއެކު ބޯޑަރު ސަރަހައްދުގައި ގާޒާއިން ނުކުންނަ މީހުންގެ ދިގު ކިއުއެއް ދަމާލާފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެ އެވެ.
ވޭތެވެދިޔަ 27 ދުވަހުގެ ތެރޭ އިޒްރޭލުން ވަނީ ރަފާހު ބޯޑަރަށްވެސް އެކި ފަހަރު މަތިން ހަމަލާދީފަ އެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުން ގާޒާއަށް ފޮނުވާފައިވާ އިންސާނީ އެހީގެ އުޅަނދުތައް ބޯޑަރު ހުރަސްކޮށްފިނަމަ ހަމަލާދޭނެ ކަމުގެ އިންޒާރުވެސް ދީފައިވެ އެވެ. އެ މުއްދަތުގައި އެހީ ހިފައިގެން ގާޒާއަށް ވަތް އުޅަނދުގެ އަދަދު 200 އަށް ނާރަ އެވެ.
އޮކްޓޯބަރު ހަތެއްގައި އިޒްރޭލުން ހަނގުރާމަ އިއުލާނުކުރީ ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ހަމަލާތަކެއްގައި އިޒްރޭލުގެ 1،400 އަށްވުރެ ގިނަ މީހުން މަރާލުމުގެ ބަދަލުގައި ކަމަށް ބުނެ އެވެ. އެއަށްފަހު ދިން ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާ އަދި ހުޅަނގު އައްސޭރިން ޝަހީދުވި މީހުންގެ އަދަދު 8،500 އަށްވުރެ މައްޗަށް ވަނީ އަރާފަ އެވެ.
އިޒްރޭލުން ދެމުންދާ ވައިގެ ހަމަލާތަކުގެ އިތުރުން މިހާރު ދަނީ އެއްގަމު މަގުން އުތުރު ގާޒާއަށް ވަދެގަތުމަށް މަސައްކަތް ކުރަމުންނެވެ. ބަދަލުގައި ހަމާސް، ހިޒްބުﷲ އަދި ޔަމަނުގެ ހޫތީންނާއި ސީރިއާގައި ހަރަކާތްތެރިވާ ގްރޫޕުތަކުން ދަނީ އިޒްރޭލަށް ހަމަލާދެމުންނެވެ.
Comment