Advertisement

އަންނަ އަހަރު ހާލަންޑް ބެލޮންޑިއޯ ހޯދާނެ: މެސީ

31 އޮކްޓޯބަރު 2023 - 10:42 1


އަންނަ އަހަރު ހާލަންޑް ބެލޮންޑިއޯ ހޯދާނެ: މެސީ

31 އޮކްޓޯބަރު 2023 - 10:42 1

ޕެރިސް (އޮކްޓޯބަރު 31) - މިއަހަރުގެ ބެލޮންޑިއޯ އެވޯޑަށް ވާދަކޮށް ނުލިބުނު ނަމަވެސް އަންނަ އަހަރުގެ ބެލޮންޑިއޯ މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިން ހާލަންޑް ހޯދާނެކަމަށް އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ބުނެފި އެވެ.

ރެކޯޑު އަދަދެއްކަމަށްވާ އަށް ވަނަ ފަހަރަށް މެސީ އެވޯޑު އުފުލާލިއިރު، ދެ ވަނަ ހޯދީ ސިޓީގެ އާލިން ހާލަންޑް އެވެ. ތިން ވަނައަށް ދިޔައީ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ އެވެ.

އެވޯޑު އުފުލާލުމަށްފަހު ވާހަކަދައްކަމުން މެސީ ބުނީ ހާލަންޑާއި އެމްބާޕޭއަކީ ކުރިއަށް އޮތް އަހަރުތަކުގައި މި އެވޯޑު ހޯދުން އެންމެ ގާތް ދެ ކުޅުންތެރިންކަމަށެވެ.

ވަކިން ހާއްސަކޮށް މެސީ ވަނީ ހާލަންޑަށް ތައުރީފްކޮށްފަ އެވެ. އޭނާ ބުނީ މިދިޔަ ސީޒަންގައި ދެއްކި ކުޅުމަށް މިއަހަރު ހާލަންޑަށް ބެލޮންޑިއޯ ހައްގުކަމަށެވެ. މިފަހަރު ނުލިބުނު ނަމަވެސް އަންނަ އަހަރު ހާލަންޑަށް މި އެވޯޑު ލިބޭނެކަމަށް ގަބޫލުކުރާކަމަށްވެސް މެސީ ބުންޏެވެ.

"ހާލަންޑް އާއި އެމްބާޕޭ ކުރިއަށް އޮތް އަހަރުތަކުގައި މި އެވޯޑު ހޯދާނެ، އެކަމާ އަހަރެން ޝައްކެއް ނުކުރަން." މެސީ ބުންޏެވެ.

"ހާލަންޑަށް މިއަަހަރުވެސް މި އެވޯޑު ހައްގު. ކުލަބުގައި އޭނާ މޮޅަށް ކުޅުނު. ޗެމްޕިއަންސް ލީގު ހޯދި، ޕްރިމިއާ ލީގު ކާމިޔާބުކުރި. ދެ މުބާރާތުގައިވެސް އެންމެ ގިނަ ލަނޑު ޖެހީ ހާލަންޑް. އަންނަ އަހަރު އޭނާ މި އެވޯޑު ހޯދާނެކަން އަހަންނަށް ޔަގީން," އަށް ވަނަ ފަހަރަށް އެވޯޑު ހޯދުމަށް ފަހު ސްޓޭޖުގައި ހުރެ މެސީ ބުންޏެވެ.

ހާލަންޑް ވަނީ މިދިޔަ ސީޒަންގައި 52 ގޯލު ޖަހާފަ އެވެ. އޭނާގެ ކުލަބު މެންޗެސްޓާ ސިޓީއާއެކު ޔުއެފާ ޗެމްޕިއަންސް ލީގު، އިނގިރޭސި ޕްރިމިއާ ލީގު އަދި އެފްއޭ ކަޕްވެސް ކާމިޔާބުކުރި އެވެ.

މިދިޔަ ސީޒަންގައި ފްރާންސްގެ ތަރި އެމްބާޕޭ ވަނީ ކުލަބާއި ގައުމީ ޓީމަށް ޖުމްލަ 55 ގޯލު ޖަަހައިދީފަ އެވެ. ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދުމުގެ އިތުުރުން ފްރާންސް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް އޭނާ ހޯދި އެވެ.