30 އޮކްޓޯބަރު 2023 - 11:24 0
މިއަހަރު އޮތް މޯލްޑިވްސް ޕްރޯގައި އާމިން ވާދަކުރި ހީޓެއް ކާމިޔާބުކުރުމަށްފަހު އާމިން އުފާފާޅުކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
30 އޮކްޓޯބަރު 2023 - 11:24 0
އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ވޯލްޑް ޓުއާގެ ޖޫނިއާ ރޭންކިން 10 ވަނަ ރާއްޖޭގެ އާމިން އުމަރު މޫސާ އަށް ލިބިއްޖެ އެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ކުރިއަށްދާ އައިބީސީ ބޮޑީބޯޑިން ވޯލްޑް ޓުއާގެ މުބާރާތްތަކަށްފަހު އިއުލާންކުރި ޖޫނިއާ ރޭންކިންގައި އާމިން އަށް މިފަހަރު 10 ވަނަ ލިބުނީ 2،417 ޕޮއިންޓާއެކުގަ އެވެ. މިފަހަރުގެ ދުނިޔޭގެ ރޭންކިން އެއް ވަނަ ހޯދީ ޕެރޫގެ މައިކަލް ޔަންސީ އެވެ. އޭނާ އަށް ލިބުނީ 4،250 ޕޮއިންޓެވެ.
އައިބީސީ ވޯލްޑް ޓުއާގައި 11 މުބާރާތެއް ހިމެނޭއިރު އޭގެ ތެރެއިން ހަ މުބާރާތެއްގައި ޖޫނިއާ ޑިވިޝަން ހިމެނެ އެވެ. މި ހަ މުބާރާތުގެ ތެރެއިން ހަތަރު މުބާރާތެއްގައި އާމިން ވާދަކުރި އެވެ. އެއީ ރާއްޖޭގައި އޮތް މޯލްޑިވްސް ޕްރޯ އާއި ފްރާންސްގައި އޮތް ލަ ސަލީ ޕްރޯ އާއި ޕޯޗުގަލްގެ ސިންޓްރާ ޕްރޯ އާއި ޓުއާގެ ފަހު މުބާރާތްކަމަށްވާ ފްރޮންޓޮން ކިންގް 2023 އެވެ.
މި މުބާރާތްތަކުގެ ތެރެއިން އާމިން ވަނީ ރާއްޖޭގައި އޮތް މޯލްޑިވްސް ޕްރޯގެ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. އަނެއް ތިން މުބާރާތުގައި ޕޯޑިއަމް ފިނިޝްއަކާ ހަމައަށް ނުދެވުނު ނަމަވެސް އޭނާ ވަނީ ރަނގަޅު ވާދައެއްކޮށްފަ އެވެ.
މިއަހަރަކީ އާމިންއަށް ޖޫނިއާ ޑިވިޝަންގައި ވާދަކުރެވޭ ފަހު އަހަރަށްވުމާއެކު، ރަނގަޅު ރޭންކިންއެއް ހޯދުމަށް އޭނާ ވަނީ ދުރާލާ މަސައްކަތްކޮށްފަ އެވެ. ޓުއާގެ ފަހު ތިން މުބާރާތުގައި އާމިން ވާދަކުރި އެންމެ ބޮޑު އެއް ސަބަބަކީވެސް އެއީ އެވެ.
ދުނިޔޭގެ ރޭންކިންގެ 10 ވަނަ އާމިން އަށް ލިބުމާއެކު އޭނާވެފައިވަނީ ބޮޑީބޯޑިންގެ އެންމެ މަތީ ވޯލްޑް ރޭންކިންއެއް ހޯދި ބޮޑީބޯޑަރަށެވެ.
ރާއްޖޭގެ ބޮޑީބޯޑަރުން އަންނަނީ ފަހަކަށްއައިސް ދުނިޔޭގެ ފެންވަރުގައި ބޮޑު ކުރިއެރުންތަކެއް ހޯދަމުންނެވެ. މިގޮތުން 2022 ގައި ރާއްޖޭގައި ބާއްވަން ފެށި އައިބީސީ ވޯލްޑް ޓުއާގެ މުބާރާތާއިއެކު ރާއްޖޭގެ ބޮޑީބޯޑަރުންގެ ހުނަރު އިތުރުވެ ބައިނަލްއަގްވާމީ ފެންވަރުގައިވެސް ރަނގަޅު ކާމިޔާބީތަކެއް އަންނަނީ ލިބެމުންނެވެ.
Comment