Advertisement

ޔާމީން ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމުން ޕީޕީއެމްގެ އިސްވެރިން ނުފެނުނު

30 އޮކްޓޯބަރު 2023 - 12:35 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައީސް ޔާމީން ޕީޕީއެމްގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ރޭގައި ވަނީ ޕާޓީގެ ކުރިމަގާ ގުޅޭގޮތުން މުހިންމު ވާހަކަތަކެއް ދައްކަވާފައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ޔާމީން ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމުން ޕީޕީއެމްގެ އިސްވެރިން ނުފެނުނު

30 އޮކްޓޯބަރު 2023 - 12:35 0

ރެއަކީ ޕީޕީއެމްގެ މެންބަރުންނަށް އުފާވެރި ރެއެކެވެ. ފާއިތުވީ އަހަރެއްހާ ދުވަހު އެ ޕާޓީގެ ސަޕޯޓަރުން ކުރަމުން އައި މަސައްކަތުގެ ނަތީޖާ އެމީހުންނާ ބައްދަލު ކުރި ރެއެކެވެ. ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ ޕީޕީއެމްގެ ލީޑަރު، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ބަންދަށް ދެ ވަނަ ފަހަރަށް ސަރުކާރުން ދިން ލުއިގެ ދަށުން، ހ. ހުރަފާގައި ހުންނަ ޕީޕީއެމްގެ އޮފީހަށް އެމަނިކުފާނު ވަޑައިގެން ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ވާހަކަދެއްކެވީ އެވެ/

ދިހަ މަސްދުވަހަށް ފަހު ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމަށް ޕީޕީއެމްގެ އޮފީހަށް ރައީސް ޔާމީން ވަޑައިގެންނެވުމުގެ ކުރިން އެއްވެސް ކަހަލަ އިޝާރާތެއް އެ ޕާޓީގެ ލީޑަޝިޕަށް ވެސް އަދި އާންމު މެންބަރުންނަށް ވެސް ނުކުރައްވަ އެވެ. އެއީ ބަޔަކު އިމްތިހާނު ކުރެއްވުގެ މަގުސަދުގައި އެމަނިކުފާނު އަމަލު ކުރެއްވި ގޮތެއް ކަމެއް ނުވަތަ ސަޕޯޓަރުންނަށް ކުއްލި ހައިރާންކަމެއް ދިނުމަށް އަމަލު ކުރެއްވި ގޮތެއް ކަމެއް ނޭނގެ އެވެ. އެނގޭ އެއްޗަކީ އެ މަނިކުފާނު ޕީޕީއެމްގެ އޮފީހަށް ވަޑައިގެންނެވިއިރު، އެތަނުގައި ހާޒިރުވެ ތިބީ ސަޕޯޓަރުންގެ ތެރެއިން މަދު ބައެއް ކަމެވެ.

ނަމަވެސް ރައީސް ޔާމީން ޕީޕީއެމްގެ އޮފީހަށް ވަޑައިގެންނެވި ހަބަރު ޕީޕީއެމްގެ އޮންލައިން ގުރޫޕުތަކުގައި ފެތުރެން ފެށުމާއެކު އިސާހިތަކުގެ އެ އޮފީހުގެ ޖަލްސާ ކުރާ މާލަމަށް އެމަނިކުފާނުގެ ސަޕޯޓަރުން ވަދެ ލޯބިން އެތަން ފުރައިލި އެވެ. އެ ހަބަރު ލިބުނު ބައެއް ނޫސްވެރިން ވެސް އެތަނަށް ގޮސް ވަންނަން ޖެހުނީ މީހުންގެ ތެރެއިން ފުރޭނިގެން ގޮހެވެ.

ޕާޓީގެ ކުރިމަގާއި ކުރިއަށް އޮތް ފަސް އަހަރު ޕީީޕީއެމްގެ މެންބަރުންގެ މަސައްކަތް ބައްޓަން ކުރަންވީ ގޮތުގެ މައްޗަށް އަލިއަޅުވައިލައި މުހިންމު ވާހަކަތަކެއް ދެއްކެވި އެ ބައްދަލުވުން ގިނައިރުތަކަކަށް ދިގުދެމިގެންދިޔަ އެވެ. އެހެނަސް އެ ބައްދަލުވުން ނިމިގެންދިޔައިރު ވެސް ޕްރޮގުރެސިވް ކޯލިޝަނުގެ އިސްވެރިންގެ ތެރެއިން މަދު މޫނެއް ނޫނީ އެތަނަކުން ނުފެނުނެވެ.

އެއީ މީގެ ކުރިން އެ ދެ ޕާޓީގެ ތެރޭގައި ކަން ހިނގާ ގޮތެއް ނޫނެވެ. މީގެ ކުރިން ޕީޕީއެމް/ޕީއެންސީ ގެ ބައްދަލުވުމަކަށް، ވަކިން ހާއްސަކޮށް ރައީސް ޔާމީންގެ ބައްދަލުވުމަކަށް ގޮވާލެވިއްޖެ ނަމަ އެންމެ ކުރީ ސަފުގައި އެ ދެ ޕާޓީގެ އިސްވެރިން ތިއްބަވަ އެވެ. ނަމަވެސް އެތައް ދުވަހަކަށްފަހު ސަޕޯޓަރުންނާ ޔާމީން ރޭގައި ބައްދަލު ކުރެއްވިއިރު، އަރިހުގައި ތިއްބެވީ މިދިޔަ ރިޔާސީ އިންތިހާބަށް ރަނިން މޭޓަކަށް އެމަނިކުފާނު އައްޔަންކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހުމަދު އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގުގެ އިތުރުން މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އެކަންޏެވެ.

ޕީޕީއެމްގެ އޮފީހަށް ރައީސް ޔާމީން ކުއްލިއަކަށް ވަޑައިގެން ސަޕޯޓަރުންނާ ރޭގައި ބައްދަލު ކުރެއްވިއިރު، ލީޑަޝިޕުގެ ފަރާތުން ފިނި ތަރުހީބެއް ލިބުނު ނަމަވެސް އާއްމު މެމްބަރުން ވަނީ ޔާމީންގެ ވާހަކަފުޅަށްފަހު ލިބުނު ވަގުތުކޮޅުގައި އެމީހުންގެ ހިތުގައި އުފެދިފައި ހުރި ސުވާލުތައް ހިއްސާކޮށް އެމަނިކުފާނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަ ކުރައްވައިފަ އެވެ. ރޭގެ ބައްދަލުވުން ކުރިއަށްދިޔަ ވަގުތު ރައީސް ޔާމީންގެ މޫނުފުޅު މަތިން ވެސް ފެނުނީ އުފާވެރިކަމާއި ހިތްހަމަޖެހިވަޑައިގެންފައި އިންނެވި މަންޒަރެވެ.