29 އޮކްޓޯބަރު 2023 - 13:52 0
މުހައްމަދު ޖަމްޝަތު ވަހީދު
އެސްއޯ މޯލްޑިވްސް ރިސޯޓު -- ފޮޓޯ: އެސްއޯ މޯލްޑިވްސް
29 އޮކްޓޯބަރު 2023 - 13:52 0
ސިންގާ އެސްޓޭޓްގެ ދަށުން ހިންގާ އެސް ހޮޓެލްސް އެންޑް ރިސޯޓްސް ކުންފުންޏާއި "ވާއި އިކޯ ވޯލްޑް ޑިވެލޮޕާ" ގުޅިގެން ކްރޮސްރޯޑްސްގައި ތަރައްގީ ކުރި އާ ރިސޯޓް، އެސްއޯ/މޯލްޑިވްސް އަންނަ ބުދަ ދުވަހު ހުޅުވަން ނިންމައިފި އެވެ.
ޔޫރަޕްގެ އެންމެ ބޮޑު ހޮސްޕިޓާލިޓީ ކުންފުނި، އެކޯގެ ދަށުން ހިންގާ މި ރިސޯޓު ވެގެންދާނީ ކްރޮސްރޯޑްސް މޯލްޑިވްސްގެ ތިންވަނަ ރިސޯޓަށެވެ. މި ރިސޯޓު ރަސްމީކޮށް ހުޅުވާނީ ނޮވްމެބަރު 1، ވަނަ ދުވަހުން ފެށިގެންނެވެ.
އެސް ހޮޓެލްސް އެންޑް ރިސޯޓްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑަކް ޑި ކުއިޕާ ވިދާޅުވި ގޮތުގައި އެސްއޯ އަކީ ކްރޮސް ރޯޑްސްގެ ތިންވަނަ ރަށަށް އެންމެ އެކަށީގެންވާ ބްރޭންޑެވެ. އަދި މި ބްރޭންޑާއެކު ކްރޮސްރޯޑްސްގެ ލަގްޒަރީ އަދި ލައިފްސްޓައިލް ރިސޯޓްތަކުގެ ކަލެކްޝަން ފުރިހަމަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކްރޮސްރޯޑްސްގައި މި ވަގުތު ހިންގަނީ ހިލްޓަންގެ ސައި ލެގޫން އާއި ހާޑްރޮކް ބްރޭންޑްގެ ރިސޯޓެކެވެ.
އަށްޑިހަ ވިލާގެ އެސްއޯ/ މޯލްޑިވްސް ރިސޯޓު އޮންނާނީ ކްރޮސްރޯޑުގެ އެހެން ރަށްތަކާ ވަކިންނެވެ. ތަފާތު ޑިޒައިންތަކެއް ފެނިގެންދާ މި ރިސޯޓަކީ މަޝްހޫރު އާޓިސްޓުންނާއި ފެޝަން ޑިޒައިނަރުންނާ ގުޅިގެން ޓޫރިސްޓުންނަށް މުޅިން ތަފާތު ލައިފްސްޓައިލެެއް ތަޖުރިބާކޮށްލެވޭ ގޮތަށް ތަރައްގީކޮށްފައިވާ ތަނެކެވެ.
އަށް ކެޓަގަރީއަކަށް ބަހާލައިގެން ތައްޔާރުކޮށްފައިވާ މި ރިސޯޓުގައި ލެގޫން ވޯޓާ ޕޫލް ވިލާ އާއި ތިން ކޮޓަރީގެ އޯޝަން ވޯޓާ ޕޫލް ވިލާ އާއި ފެމިލީ ބީޗް ޕޫލް ވިލާގެ އިތުރުން ސްލީޕް ޕޮޑްތައް ވެސް އެ ރިސޯޓުގައި ހުންނާނެ އެވެ. އަދި ތަފާތު ހިސާބަކުގެ ކެއުންތައް ލިބޭ ތިން ރެސްޓޯރަންޓާއި ޓޫރިސްޓުންނަށް ބޭނުންވާ އެތައް ފެސިލިޓީއެއް ހުންނާނެ އެވެ.
Comment