Advertisement

އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތް: އިސްކަންދަރު، ތާޖުއްދީން އަދި ގިޔާސުއްދީނަށް ރަނގަޅު ފެށުމެއް

29 އޮކްޓޯބަރު 2023 - 11:35 0

އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތް: އިސްކަންދަރު، ތާޖުއްދީން އަދި ގިޔާސުއްދީނަށް ރަނގަޅު ފެށުމެއް

29 އޮކްޓޯބަރު 2023 - 11:35 0

މިހާރު ކުރިއަށްދާ 24 ވަނަ އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގައި އިސްކަންދަރު ސްކޫލް، ތާޖުއްދީން ސްކޫލް އަދި ގިޔާސުއްދީން ސްކޫލުން ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށްފި އެވެ.

މިމަހުގެ 27 އިން ނޮވެމްބަރު ހަތަކާ ހަމައަށް ކުރިއަށްދާ މުބާރާތުގައި 19 ސްކޫލަކުން 46 ޓީމް އަންނަނީ ވާދަކުރަމުންނެވެ. މިފަހަރުގެ މުބާރާތުގައި ވެސް ހަތަރު އުމުރުފުރާއެއް ކުރިއަށްދެ އެވެ. މި އަހަރު ވެސް ސްކޫލް މުބާރާތުގައި ހަތަރު އުމުރުފުރާއެއް ކުރިއަށްދާނެ އެވެ. އެއީ، 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް، އަދި 19 އަހަރުން ދަށުގެ އުމުރުފުރާ އެވެ.

މުބާރާތުގައި ފުރަތަމަ ދެ ދުވަހު ކުޅުނު މެޗުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމްތަކުން ފެށީ ވަރުގަދަކޮށެވެ. މިގޮތުން 13 އަހަރުން ދަށުގެ ޗެމްޕިއަން އިސްކަންދަރުން ވަނީ ފުރަތަމަ މެޗުގައި ސަލާހުއްދީން ސްކޫލް 40-04 އިން ބަލިކޮށްފަ އެވެ. އިސްކަންދަރުން ވަނީ 15 އަހަރުން ދަށުގައިވެސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފަ އެވެ. އަމީނިއްޔާ ސްކޫލާ ވާދަކޮށް އިސްކަންދަރުން މެޗު ކާމިޔާބުކުރީ 37-13 އިންނެވެ.

15 އަހަރުން ދަށުގެ އެންމެ ފަހުގެ ޗެމްޕިއަން ގިޔާސުއްދީނުން ފުރަތަމަ މެޗުގައި ވަނީ އަހުމަދިއްޔާގެ މައްޗަށް ކުރި ހޯދާފަ އެވެ. ވާދަވެރި މި މެޗު އެ ސްކޫލުން ކާމިޔާބުކުރީ 24-19 އިންނެވެ. 17 އަހަރުން ދަށުގައި ގިޔާސުއްދީންގެ ފުރަތަމަ މެޗުގައި ނުކުތީވެސް އަހުމަދިއްޔާއާ ދެކޮޅަށެވެ. މި މެޗުވެސް ކާމިޔާބުކުރީ ގިޔާސުއްދީނުންނެވެ. އެއީ 34-22 އިންނެވެ.

17 އަހަރުން ދަށުގެ ޗެމްޕިއަން ޓީމު ތާޖުއްދީނުން ވަނީ ފުރަތަމަ މެޗުގައި ޖަމާލުއްދީން ސްކޫލް ބަލިކޮށްފަ އެވެ. ވާދަވެރި ކުޅުމަކަށްފަހު ތާޖުއްދީނުން މެޗު ކާމިޔާބުކުރީ 41-39 އިންނެވެ. 13 އަހަރުން ދަށާއި، 15 އަހަރުން ދަށުގައިވެސް ތާޖުއްދީނުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރި އެވެ.

އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


13 އަހަރުން ދަށުގައި ކުޅުނު ފުރަތަމަ މެޗު އަރަބިއްޔާ ސްކޫލާ ވާދަކޮށް ތާޖުއްދީނުން ކާމިޔާބުކުރީ 11-04 އިންނެވެ. 15 އަހަރުން ދަށުގައި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލާ ވާދަކޮށް ތާޖުއްދީނުން މެޗު ކާމިޔާބުކުރީ 19-07 އިން އެވެ.

19 އަހަރުން ދަށަށް ބަލާއިރު، ޗެމްޕިއަން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ވަނީ ފުރަތަމަ މެޗުގައި އަހުމަދިއްޔާ ބަލިކޮށްފަ އެވެ. އެޓީމުން މެޗު ކާމިޔާބުކުރީ 45-28 އިންނެވެ. މުބާރާތުގައި ވިލާ ކުޅޭ ދެވަނަ މެޗުގައި މިރޭ ނުކުންނާނީ ސީއެޗްއެސްއީއާ ދެކޮޅަށެވެ.

މުބާރާތުގައި މިދިޔަ ދެ ދުވަހު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު 13 އަހަރުން ދަށުގައި އިމާދުއްދީނުން ވަނީ 36-01 އިން ދަރުމަވަންތަ ބަލިކޮށްފަ އެވެ. ޖާމާލުއްދީނުން ވަނީ 25-07 އިން ބްރައިޓްވޭ ބަލިކޮށްފަ އެވެ. އަދި އަހުމަދިއްޔާއިން ވަނީ 18-03 އިން ގާޒީ ސްކޫލް ބަލިކޮށްފަ އެވެ.

15 އަހަރުން ދަށުގައި ހުރަވީ ސްކޫލުން ވަނީ އަބިއްޔާ 19-09 އިން ބަލިކޮށްފަ އެވެ. 17 އަހަރުން ދަށުގައި ހިރިޔާ ސްކޫލުން ވަނީ 61-07 އިން ގާޒީ ސްކޫލް ބަލިކޮށްފަ އެވެ. އަދި އަރަބިއްޔާއިން ވަނީ ވާދަވެރި ކުޅުމަކަށްފަހު 34-31 އިން ދަރުމަވަންތަ ބަލިކޮށްފަ އެވެ.